ކުށްކުރުން

މީހެއްގެ ބަނޑަށް ވަޅި ހަރައިފި

ށ. މާއުނގޫދޫގައި ޒުވާނެއްގެ ބަނޑަށް ވަޅި ހަރާ ޒަހަމް ކޮށްލައިފި އެވެ.

މާއުނގޫދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މާރާމާރީ ހިންގައިފާވަނީ ރޭ ދަންވަރު 12:30 ހާއިރު އެވެ.

މައްސަލަ އުފެދުނީ ތިން ޒުވާނެއްގެ ދޭތެރޭގައި ކަމަށާއި އެތަނުން ދެ މީހަކު ޒަހަމުވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އެކަކުގެ ހާލު ވަރަށް ސީރިއަސް އެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށްޓަކައި ފުރަތަމަ މާއުނގޫދޫ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ލިބިފައިވާ އަނިޔާގެ ސީރިއަސް ކަމުން މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް ބުންޏެވެ.

ކައުންސިލުން ބުނީ ހާލު ސީރިއަސްވީ މީހާގެ ގޮހޮރުވެސް އޮތީ ބޭރަށް ނިކުމެފައި ކަމަށެވެ.

މި މާރާމާރީއާއި ގުޅިގެން މިވަގުތު އެކަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާއަކީ މާރާމާރީއާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ކައުންސިލުން ބުނެ އެވެ.

މާރާމާރީ ހިންގައިފައިވަނީ ހައްޔަރުކުރި މީހާ ދިރިއުޅޭ ގޭގެ ބޭރުގައި ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ.