ފުއާދު ތައުފީގު

ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް ޖެނުއަރީގައި ކަނޑައެޅޭނެ: ފުއާދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ގޮތަށް ބަލާއިރު އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި ކަނޑައެޅޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ ގުޅޭގޮތުން އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ރާވާލާނެ ގޮތުގެ ތާވަލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ތާވަލްގެ މަސައްކަތް ނިންމާ، އިންތިހާބު ބޭއްވޭނެ ސީދާ ދުވަހެއް ހަމަޖެއްސޭނެ ކަމަށް ބެލެވޭ ކަމުގައި ވިދާޅުވި އެވެ. ސީދާ ތާރީހެއް ދަންނަވަން ދަތި ނަަމަވެސް ބޮޑަށް ބެލެވެނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ދޭކާއި ނުވައަކާއި ދޭތެރޭ ދުވަހެއްގައި އިންތިހާބު ބޭއްވިދާނެ ކަމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"ތާވަލް އެކުލަވާލެވުނުހާ އަވަހަށް ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް ޔަގީން ކަމާ އެކު ދަންނަވަން އެނގޭނެ. ބެލެވޭ މިމަހުގެ ތެރޭގައި ގޮތެއް ކަނޑައެޅޭނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރަންޖެހޭ ތާރީހުގެ 120 ދުވަސް ކުރިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަންޖެހެ އެވެ.

އިންތިހާބުތަކުގައި ވާދަކުރުމަށް ޕާޓީތަކުން ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގައި މަކަރު ހެދުމާއި އޮޅުވާލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންކަމުން ޕާޓީ ތަކުން ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތައް އިލެކްޝަންސް ކޮމިޝަނުން މޮނިޓާ ކުރާނަންތޯ އެހުމުން ފުއާދު ވިދާޅުވީ ކޮމިޝަނުން އެކަން ކުރަން ބޭނުންވި ނަމަވެސް އެއީ ކޮމިޝަނަށް މިވަގުތު ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

"ޕާޓީ ތަކުގެ އެތެރޭގެ އިންތިހާބުތައް ކުރިއަށްދާ ގޮތް މޮނީޓާ ކުރުމަށް ދައުވަތު އަރުވައިފިއްޔާ އަޅުގަނޑުމެން އޮފިޝަލުން ޔަގީނުންވެސް ފޮނުވާނަން. ވޯޓުލާ ބޫތުތަކާ އެހެނިހެން އިންތިހާބަށް ބޭނުންވާ ތަކެތިވެސް ޕާޓީތަކުން އެދުމުން ފޯރުކޮށްދެން،" ފުއާދު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ރޭވިފައިވަނީ ކޮން ކަހަލަ އިންތިޒާމުތަކެއްތޯ ސުވާލުކުރުމުން ފުއާދު ވިދާޅުވީ ރީރަޖިސްޓްރޭޝަން މަރުހަލާ ކުރިއަށް ގެންދާ ގޮތް ކުރިއަށް އޮތް އިންތިހާބުގައި ފަސޭހަ ވާނެ ކަމަށެވެ.

"ކުރީ އިންތިހާބުތަކުގައި ރީރަޖިސްޓްރީ ކުރީ ކޮންމެ މީހަކު ޕްރިންޓްކޮށްފައި އޮތް ވަކިވަކި ފޯމެއް ލައިގެން. ކުރިއަށް އޮތް އިންތިހާބުގައި ފޯނު ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ރީރަޖިސްޓްރީ ކުރެވޭނެ. މިކަން ވާނީ ވަރަށް ބޮޑު ލުޔަކަށް،" ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ޖުމްލަ ބަޖެޓުގެ ގޮތުގައި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 90 މިލިއަން ރުފިޔާ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ހަރަދަށް އެކަނިވެސް 95 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޮމިޝަނުން ލަފާ ކުރެ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އިތުރު 25 މިލިއަން ރުފިޔާއާ އެކު ޖުމްލަ 120 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބިގެން އިންތިހާބުގެ ހަރަދުތައް ހަމަޖެއްސޭނެތޯ ސުވާލުކުރުމުން ފުއާދު ވިދާޅުވީ އިތުރަށް ފައިސާ ލިބިގެން ނޫނީ އިންތިހާބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ޔަގީންކަން އެބައޮތް އިންތިހާބަށް އިތުރު ފައިސާ ބޭނުންވާނަމަ ސަރުކާރުން އެ އަދަދު ފޯރު ކޮށްދޭނެ ކަމަށް،" ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ޕާޓީ ތަކުން ތައްޔާރުވަމުންދާއިރު ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅައި ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވަނީ ހަމައެކަނި އިދިކޮޅު ޕާޓީ -- ޕީޕީއެމް އިންނެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ -- އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު ބޭއްވުމަށް އެޕާޓީން ދަނީ ތައްޔާރުވަމުންނެވެ. ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރެއްވުމަށް ނިންމަވާފައިވެ އެވެ. ރައީސް މުހައްމަދު ނަޝީދު އަދި ވަކި ގޮތެއް ނިންމެވި ކަމަކަށް ރަސްމީކޮށް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންނެވެ. ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ނެރޭނެ ކަމަށް ބުނާ އަނެއް ދެ ޕާޓީ އަކީ އެމްއެންޕީއާއި ޖުމްހޫރީ ޕާޓީ އެވެ.