ރާއްޖެއަށް ވަޑައިގެން އުޅުއްވާ ހަންގޭރީގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ޒިޔާޓޯ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ހަންގޭރީގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުގެ މަސްލަހަތު އޮތް ކަންކަމާއި ދެ ގައުމަށް މަންފާވާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މިބައްދަކުރެއްވުމުގައި ޕީޓާ ޒިޔާޓޯ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ އާއި ހަންގޭރީ އާއި ދެމެދު އޮތް ގުޅުމާއި. ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިއްމު ކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ހަންގޭރީ ސަރުކާރުން ދިވެހި ކިޔަވާ ކުދިންނަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކޮށްދެއްވާފައިވާ ކަމުގައި ވިދާޅުވި އެވެ.
ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް މިސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް ސޯލިހް ވަނީ މިބައްދަލުކުރެއްވުމުގައި ހިއްސާކުރައްވާފަ އެވެ. އަދި ދިވެހި ދަރިވަރުންނަށްދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކުރުމަށް ހަންގޭރީ ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން ދިވެހިން ހަންގޭރީއަށް ދަތުރުކުރުމުގައި ވިސާގެ ލުއިތައް ދިނުމަށް ނިންމާފައިވާތީ އެކަންވެސް ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން ރަޝިޔާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެ ގައުމުން ރައްކާތެރިކަމާއިއެކު ބޭރުވުމަށް ހަންގޭރީން ވެދެއްވި އެހީތެރިކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މިބައްދަލުކުރެއްްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އަދި ދެ ގައުމަށް މަންފާކުރާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.