ލައިފްސްޓައިލް

ޑިއޮޑްރަންޓެއް މޫނަށް ގޮވައި ކުއްޖަކަށް އަނިޔާވެއްޖެ

ލިންކްސް ޑިއޮޑްރަންޓެއް މޫނަށް ގޮވުމުގެ ސަބަބުން ޒުވާން ފިރިހެނެއްގެ މޫނު ވަރަށް ބޮޑަށް ޒަހަމްވެ މުޅި އުމުރަށް ނުފިލާ ހުންވަރުގެ ލަކުނުތަކެއް މޫނުގައިލައިފި އެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ދިރިއުޅޭ ޖޯޝް ޑިޗްފީލްޑް، 21، ގެ މޫނަށް ޑިއޯޑްރަންޓް ގޮވުމުން ނޭފަތުގައި ބޮޑު ޒަހަމެއް އުފެދި ނޭފަތުގައި ހަ ސްޓިޗް ޖަހަން ޖެހުނެވެ. އަދި އޭގެ ފަހުން އެއްގޮތަކަށް ވެސް އެއްވެސް ވަހެއް ނުދުވާ ކަމަށް އޭނާ ބުންޏެވެ.

އިންޖިނިއަރިންގެ ރޮނގުން ކިޔަވަމުންދާ ދަރިވަރު ބުނި ގޮތުގައި އެ ޑިއޮޑްރަންޓް ދަޅު ހުރީ އޭނާގެ ކޮޓަރީގަ އެވެ. އަދި ބޭރުގައި ހުރެފައި އެ ދަޅު ނަގަން ކޮޓަރިއަށް ވަންތަނާ ބޮމެއްހެން ދަޅު ގޮވީ އެވެ.

"އެ ހުރީ މޭޒުމަތީ. އެއްވެސް އެއްޗެއްގައެއް އެޔެއް ނުޖެހޭ. އަދި ނުވެސް ވެއްޓޭ. ހަމަ ހުރެފައި ގޮވީ. އޭގެ މަތިގަނޑު ވެސް ހުރީ ޖަހާފަ. ދަޅު ގޮވިއިރު އޭގެ ފަހަތުގައި އައިސް މަގޭ ނޭފަތުގައި ޖެހި ނޭފަތަށް އަނިޔާވީ،" ޖޯޝް ބުންޏެވެ.

ޖޯޝް ބުނި ގޮތުގައި ދަޅު ގޮވައި އޭނާގެ މޫނުމަތީގައި އައިސް ޖެހުމާއެކު އޭނާގެ ދެ ލޯ ވެސް ވަރަށް ބޮޑަށް ކަރަން ފެށި އެވެ. އެހެންވެ އޭނާ ވަގުތުން ފާހާނާއަށް ވަދެ މޫނަށް ފެން އަޅަން ފެށި އެވެ.

"އަހަރެން ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ބުނި ވަގުތުން ލޮލަށް ފެން ނޭޅިނަމަ ލޯ އަނދިރިވުމަކީ ވެސް އެކަށީގެންވާ ކަމެކޭ،" ޖޯޝް ބުންޏެވެ.

ލިންކްސް ޑިއޯޑްރަންޓް އަކީ ޔުނީލިވާ ކިޔާ ކުންފުންޏަކުން އުފައްދާ އެއްޗެކެވެ. މި ބާވަތުގެ އެތައް މިލިއަން ދަޅެއް އެ ކުންފުނިން އަހަރަކު އުފައްދަ އެވެ. އަދި މި ނޫނަސް ތަފާތު ބިއުޓީ ޕްރޮޑަކްޓްސް އުފެއްދުމުގައި މި ކުންފުންޏަކީ މުޅި ދުނިޔެއަށް މަޝްހޫރު ކުންފުންޏެކެވެ.

އެ ކުންފުނިން ވެސް ވަނީ މިފަދަ ކަމެއް ހިނގި ކަން ޔަގީން ކޮށްދީފަ އެވެ. އަދި ކުންފުނިން ބުނި ގޮތުގައި މި ދަޅު ގޮވަން މެދުވެރިވީ ސަބަބެއް އެ ފަރާތުން ތަހުގީގުކުރާނެ އެވެ.

ޖޯޝް ބުނި ގޮތުގައި މި މައްސަލައިގައި ކޯޓަށް ދިއުމާ މެދު ގޮތެއް ނިންމަން ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަހަރެންގެ މޫނަށް ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ބޭރު ތެރެއަށް ނުކުމެ އުޅޭކަށް ވެސް އަހަންނަކަށް މިހާރަކު ނުކެރޭ. ފަހާފައި ހުރި ތަނުން މިހާރު ރޮދި ކޮށާފައި ހުއްޓަސް ބޮޑު ލަކުނެއް ނޭފަތްމަތީ ހުރުމުން ވަރަށް ހުތުރުކޮށް ފެންނަނީ. އެހެންވެ މިހާރު ބޭރަށް ނުކުންނަނީ އަބަދުވެސް މާސްކް އަޅައިގެން. އެހެން ނޫނީ މީހުން ވަރަށް ބެލީސް،" ޖޯޝް ބުންޏެވެ.

ޔުނީލީވާގެ ފަރާތުން ވާޙަކަ ދެއްކި އެ ކުންފުނީގެ ސްޕޯކްސްޕާސަން ބުނި ގޮތުގައި ޖޯޝް އަށް ދިމާވި ހާދިސާއަށް އޭނަގެ ކިބައިން އެ ކުންފުނިން މައާފަށް އެދެ އެވެ. އަދި މިގޮތަށް ޑިއޮޑްރަންޓް ދަޅެއް ގޮވަން މެދުވެރިވީ ސަބަބު ތަހުގީގު ކުންފުނިން ތަހުގީގުކުރާނެ އެވެ. އަދި މުސްތަގްބަލްގައި މިފަދަ ކަމެއް ދިމާ ނުވޭތޯ ޔަގީން ކުރާނެ އެވެ.

"އަހަރެމެން ނެރޭ ހުރިހާ ޕްރޮޑަކްޓެއް ވެސްނެރެނީ ފެކްޓްރީން އެ އެއްޗެއް އުފެއްދުމަށްފަހު ރަނގަޅަށް ޓެސްޓްކޮށްފައި. ހާއްސަކޮށް އެރެސޯލް އެކުލެވޭ އެއްޗެތި ވަރަށް ރަނގަޅަށް ބަލައި ޓެސްޓްކުރަން،" ޔުނީލިވާގެ ތަރުޖަމާނު ބުންޏެވެ.