މޯލްޑިވްސް ޕޮލިސް ސާވިސް

އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ ގޮތުން މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ އެވެ.

މިގޮތުން ހިއްސާކުރުމަށް ފުލުހުން އެދިފައިވަނީ މ. ނިރުފެހި އަދި މ. ސެންޑް ރޯސްގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި މި ދެ ގެއަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތުގެ އިތުރުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިން ފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތެވެ.

މި ހާދިސާއާއި ގުޅޭ މައުލޫމާތެއް އެނގޭނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ފުލުހުން މަސައްކަތް ފަށާފައިވާއިރު ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ އަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި 10 މީހަކު މަރުވި އެވެ. އަލިފާން ރޯވި އިމާރާތުން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ސިފައިން ކަށަވަރުކޮށްދެ އެވެ. އަލިފާން ރޯވިތަނުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ވަނީ މަރުވެފަ އެވެ.