( 8 ނޮވެމްބަރ 2022 އާ ގުޅޭ )
ހޮސްޕިޓަލަށް މަމްދޫހު ގެނެސްލާފައި ލިޔުޝާގެ ހާލު ރަޒާ ހާމަކުރިއެވެ. ލިޔުޝާގެ ކައިރިއަށް މީހަކު ދާން ޑަކްޓަރުން އަދި ހުއްދަ ނުދޭކަން ބުންޏެވެ. ރަޒާ ހޮސްޕިޓަލުން ނުކުތީ ކަމެއް ބޭނުންވެއްޖެނަމަ އޭނާއަށް ގުޅަން މަމްދޫހު ކައިރީ ބުނެފައެވެ. މިވަގުތު ހުރިހާކަމެއް ހާމަކުރާން ރަޒާ ބޭނުންނުވީއެވެ. ލިޔުޝާ ރަނގަޅުވެގެން ގެއަށް ދޫކޮށްލަންދެން އޭނާ މަޑުކުރާނެއެވެ. އެއަށްފަހު ހުރިހާކަމެއް ބޭޒާރުކުރާނީ ލިޔުޝާގެ ވެސް ކުރިމަތީއެވެ.
* * * * *
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. މިއުވާނު އޮފީސް ނިންމާފައި ނުކުތެވެ. މަގުގެ އަނެއްފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ޒުވާނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ކަޅުޓީޝަޓަކާއި ކަޅުކުލައިގެ ޖިންސެއްގައި ހުރި އެ ޒުވާނާގެ ބުޅި އިސްތަށިގަނޑު އޮތީ ދިގުކޮށްލާފައެވެ. އެހެންވެ އޭނާގެ މޫނެއް ރަނގަޅަކަށް ނުފެނެއެވެ. އޭނާ އެކަނި އިނދެ ވާހަކަދައްކަމުން ދިޔައިރު އެ އިނީ ފޯނުކޯލެއްގައިކަން ދޭހަވެއެވެ. މިއުވާނު އިރުކޮޅަކު ބަލަން ހުރެފައި ހިނގައިގަތެވެ.
"މީ ކޮންބައެއްތަ؟. ކާކު ކުރާ ކަމެއްތަ؟." ޕާކުކޮށްފައި ހުރި ސައިކަލާ ދިމާއަށް އައިއިރު މިއުވާނުގެ ހިތުގައިވީ ސުވާލުތަކެވެ. އޭނާއަށް ބަޔަކު ފާރަލާކަމުގެ އިޙްސާސް ކުރެވެއެވެ. އެއީ މިއަދު ކުރެވޭ އިޙްސާސެއް ނޫނެވެ. އެހެން ހީވާތާ އަހަރުތަކެއް ވެއްޖެއެވެ. މިއަދު އޭނާއަށް ފެނުނު ފަދައިން ކަޅު އެއްޗެހީގައި ތިބޭ މީހަކު ނުފެންނަ ދުވަހެއް ނުދެއެވެ. އެހެންވިޔަސް މިއުވާނަށް އެކަން ޔަގީން ކުރެވޭނޭ ގޮތެއް ނެތެވެ. އިއްތިފާގަކަށްވުމަކީ ވެސް ވެދާނޭ ގޮތެއްކަން އޭނާއަށް ޤަބޫލުކުރެވެއެވެ. އޭނާއާ މީހަކު ދިމާކުރާން ބޭނުންވާނަމަ އެކަން އެމީހަކަށް ކުރާނޭ ކިތަންމެ ފުރުޞަތެއް ލިބުނީހެވެ. އެކަމަކު އާދަޔާ ޚިލާފުކަމެއް ފާހަގަވެފައެއް ނެތެވެ. ހަމައެކަނި ހިތުގައި އޮތް ވަހުމަކަށް އެ އިޙްސާސްތައް ވަނީ އެހެންވެއެވެ.
މިއުވާނު ސައިކަލުގައި ނައްޓާލިއެވެ. ހުޅުމާލެއަށް ދާށެވެ. ނަމަވެސް އޮފީސް ކުރިމަތިން ފެނުނު ޒުވާނާ އެ އިން ގޮތަށް އިނީއެވެ. އޭނާގެ ފަހަތަކުން ނާދެއެވެ. ވަސްވާސްތައް ހިތާއި ސިކުނޑިން ނެރިލުމާއެކު މިއުވާނުގެ ޚިޔާލުގައި ކުރެހުނީ މަލަކްއެވެ. އެ އަންހެންކުއްޖާގެ މައުސޫމްކަން އޭނާއަށް މާޒީގެ ސަފްޙާތަކުގައި ފޮރުވިފައިވީ ހަނދާނެއް އާކުރުވިއެވެ.
"އެކަހަލަ ލޯބި ގޮތެއް މަލްގެ ވެސް ހުންނަނީ. އެ މަލުގެ ފޮނިކޮޅު ބޯލަން ހިތުލައިގެން ހުއްޓާ މިހުރިހާކަމެއް މިވީ. ހިޔެއްނުކުރަން ޔާނު އެހިސާބަށް ކަންތައް ގެންދާނޭ. އެހާ ނަފުރަތުކޮށްފައި ލޯބިވެވޭތަ. ފިލާވަޅެއް އެކަމުގައި ކޮބާ. އެކަން ވެސް މިޖެހުނީ އަހަންނަށް ކުރާން. ބައެއް އަންހެންކުދީން ހަމަ މޮޔައީ." މިއުވާނުގެ ޚިޔާލުތަކުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ހުޅުމާލެއަށް އަރައި ގެއާ ދިމާއަށް މިއުވާނު އައެވެ. ސައިކަލުގެ ލޯގަނޑު ރަނގަޅުކޮށްލީ ވަގުތު އެ ލޯގަނޑުން އޭނާގެ ފަހަތުން އަންނަ ސައިކަލު ފެނިއްޖެއެވެ. އެ ސައިކަލުގައި އެ އިނީ އޮފީސް ކުރިމަތީން އޭނާއަށް ފެނުނު ޒުވާނާއެވެ. ކަޅުމާސްކަކުން އަނގަމަތި ފޮރުވާލައިގެން އިންއިރު ދެ ލޯ ނިވާކޮށްލާފައިވަނީ ކަޅުކުލައިގެ އަވިއައިނަކުންނެވެ. ނަމަވެސް އެއީ ހަމަ އެ ޒުވާނާކަން ދެނެގަންނަން މިއުވާނަށް އެނގެނީ އޭނާގެ ދިގުކޮށް އޮތް ބުޅި އިސްތަށިގަނޑުންނެވެ. އަދި އޭނާ ދުއްވަމުން އައި ޖީއެން ސައިކަލުންނެވެ. މިއުވާނު ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. އެ ޒުވާނާ ހަދަނީ ކިހިނެއްތޯ ބެލިއެވެ. ގެއާ ކައިރި ނުވެވެނީސް އެ ޒުވާނާ މިއުވާނު ކައިރިން ކުރިޔަށް އަރައިގެން ގޮސް އެހެން މަގެއް އެޅިތަން ފެނުނެވެ. މިފަހަރު މިއުވާނު އޭނާގެ ފަހަތުން ދިޔައެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ހުޅުމާލޭގައި ހުރި ރޯހައުސްތަކުގެ ތެރެއިން ގެއަކަށް އޭނާ ވަންތަން ފެނުނީމައެވެ. ގެއާ ދިމާއަށް މިއުވާނު އައީ ދެނެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ގޭތެރޭގައިވީ އުފާވެރި މާޙައުލުގައި ބައިވެރިނުވެ މަލަކް އިނީ ކޮޓަރީގައެވެ. މާޔަލްގެ ކައިވެނި ހަމަޖައްސަން އައިރިކްގެ ޢާއިލާ އެރޭ އަންނާނެކަން މަލަކްއަށް އެނގުނީ ހެނދުނެވެ. މިއުވާނަށް އެ ޚަބަރު އޭނާ ދިނީ އެމީހުން ރާވާފައި އޮތް ރޭވުން ފަސްކުރާން ޖެހޭނެތީއެވެ. މަލަކްއަށް އެރޭ ބޭރަށް ނުކުމެވެން ނޯންނާނެތީއެވެ.
ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއެކު ރީތިވާ މޭޒުމަތިން ލިޕްގްލޮސް ފުޅި ނެގިއެވެ. އަދިވެސް ރީތިވަނީ ކަމަށް އޭނާ ހެދުނީއެވެ. ދޮރުހުޅުވާލާފައި އެ ކޮޓަރިއަށް ވަނީ މައިރާއެވެ.
"އަދިވެސް ނުނިމޭ. މަލް ތަތްކަމުން މިއައީ. ކުޑޫގެ އިންލޯސް އަތުވެއްޖެ. ނުކުމެބަލަ." މައިރާ ބުންޏެވެ.
ނަފްސުގެ ހަލަބޮލިކަން ހިނިތުންވުމަކުން ފަރުދާކޮށް މަލަކް ރީތިވާ މޭޒުދޮށުން ތެދުވިއެވެ. މަޖާވެލާފައި ދައްތަގެ ވާހަކައަށް އޭނާ ރައްދު ވެސް ދިނެވެ. މިހާރު މަލަކްގެ ހާލަކީ އެއީއެވެ. ހަޤީޤީ އުފާވެރިކަމާއި ހިތްހަމަޖެހުން އޭނާއަށް ވަނީ ގެއްލިފައެވެ. ހިނިތުންވެ ހީނ ސަމާސާކުރަނީ އެހެން މީހުންނަށް އަމިއްލަ ހާލު ސިއްރުކުރާށެވެ. އެހެންވިޔަސް އެއީ ފަސޭހަކަމެއްނޫނެވެ. އެކަން އެނގޭނީ އެފަދަ ދިރިއުޅުމެއް އުޅޭން ޖެހުނީމައެވެ. އެހީވާން ތިބޭނީ ޢާއިލާކަން މަލަކްއަށް ނުވިސްނެނީއެއް ނޫނެވެ. އެކަމަކު އެ ޢާއިލާއާ ހުރިހާކަމެއް ޚިއްޞާ ކުރުމުން ދެންވާނެ ގޮތާމެދު އޭނާ ބިރުގަންނަނީއެވެ. އެއަށްވުރެ އަމިއްލަ ފުރާނަ ހަށްޓާއި ދެތަންވިޔަސް އޭނާއަށް އެންމެ ރަނގަޅެވެ.
"ކުޑޫއަކަށް ނޭނގެ ޗޮއިޒް މޭކް ކުރާކަށް. އޭނާއަށްވުރެ އިވާން މާ ހެންޑްސަމް." މައިރާގެ ކަންފަތް ބުޑުގައި މަލަކް ސިއްރުން ބުނެލިއެވެ.
"މަލްކޮ ހުރޭ ރީތި ސިފައެއް ފެނުނީމަ ލޯބިވާނެ. އަސްލު ލޯތްބަކީ ހަމައެކަނި މީހާގެ ސިފަދެކެ ވެވޭ އެއްޗެއްނޫން." މައިރާ މިހެންބުނެ ހީނލިއެވެ. އަދި ވާހަކަ ގިނަ ނުކުރާށޭ ބުނެ މަލަކްގެ ކޮނޑުގައި މައިރާގެ ކޮނޑުން ޖައްސާ ކޮށްޕާލިއެވެ.
ގެއަށް ވަން އައިރިކްއާއި އޭނާގެ ޢާއިލާއަށް މަރުޙަބާ ކީ މަޒްހަރާއި އާމާލްއެވެ. އެމީހުންގެ ފަހަތުގައި ފެން ހިސާބުގައި ތިން އަންހެން ދަރީން މަޑުކޮށްލައިގެން ތިއްބެވެ. ރަޒާ ވެސް އެކުދީން ކައިރީ ހުއްޓެވެ. ސިޓިންރޫމު ސޯފާގައި އައިރިކްގެ ޢާއިލާ ހަމަޖެހިލިއެވެ. އައިރިކްގެ ނަޒަރު މާޔަލްއަށް ހުއްޓުނެވެ. ރަކިވެފައި އިންހެން މާޔަލް އިނީ އޭނާގެ މައިންބަފައިން ކައިރީއެވެ. ސިއްރުން އައިރިކްއަށް ބަލާލީ ނަމަވެސް ނިކަން އަވަހަށް އޭނާގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލައެވެ. ފޯނެއް އައިސްގެން ރަޒާ އެއްފަރާތް ވެލިއެވެ.
"ނާންނަންތަ؟." ފޯނުކޯލު ނެގި ގޮތަށް ރަޒާ އަހާލިއެވެ.
"އާން. ދޮންބެ އެއްބަހެއްނުވި. އަހަރެން އެއްޗެކޭ ކިޔާފާނެތީ ކަންނޭނގެ. އެމީހުން އެބަތިބި ދޯ. މި ގުޅީވެސް އަތުވެއްޖެތޯ ބަލާލަން." އައިތަން ވާހަކަދެއްކިއެވެ.
"ދެންމެ އެ އައީ. ފޯނުގަ ހުރެވޭކަށްނެތް. އަހަރެންމީ ފޮޓޯގްރަފަރު. މައި ހޯދަން ނާންނަނީސް ދާން މިދަނީ. ފޮނުވާނަން ފޮޓޯތައް." ރަޒާ ބުންޏެވެ. ހިނިގަނޑެއް ޖަހާލާފައި އައިތަން ފޯނުކޯލު ކުރުކޮށްލިއެވެ. އެއާއެކު ރަޒާ އަވަހަށް އެނބުރި އަތުވެއްޖެއެވެ.
ދެ ޢާއިލާގެ މެދުގައި ގިނަ ވާހަކަތަކެއް ދެއްކުނެވެ. އެކްސިޑެންޓްގެ ވާހަކަ ނުދައްކައެއް ނުތިބެވުނެވެ. އައިތަން ޖެއްސި ސްޓަންޓުގެ ވާހަކަ ވެސް މަޖާވެފައި އިނދެ ޝަބްނަމް ކިޔާދިނެވެ. އެހެންވެ އައިރިކްއާއި މާޔަލް ގުޅުވި މީހަކަށްވާނީ އައިތަންކަން ޝަބްނަމް ބުންޏެވެ. މަޒްހަރުމެންނަށް އައިރިކްއާ ބައްދަލުވީ އިރުވެސް އެއްވެސް ކަމެއް ނޭނގޭކަން ހާމަކުރިއެވެ. މަންމަގެ ވާހަކަތައް ގިނަވެގެން އަތުގައި އައިރިކް ހިފާލިއެވެ. މަޒްހަރާއި އާމާލް ތިބީ ހިތްހަމަޖެހިފައެވެ. ޝަބްނަމްއާއި އިސާކުގެ ފަރާތުން އައިރިކްދެކެ އެމީހުން ލޯބިވާވަރު ފެނެއެވެ. އަދި މާޔާއޭ ގޮވާލައި މާޔަލްގެ ވާހަކަދައްކާއިރު އެމީހުންނަށް އެ އަންހެންކުއްޖާ ޚާއްޞަކަން ދޭހަވެއެވެ. އެމީހުން މާޔަލް ބަލައިގެންފައިވާކަން ޔަގީނެވެ. އަޚްލާޤު ރަނގަޅު ބައެއްގެ ސިފަތައް މަޒްހަރާއި އާމާލް ދުށްޓެވެ.
ކައިވެނި ކުރާނޭ ތާރީޚެއް ދެ ޢާއިލާގެ މެދުގައި މަޝްވަރާ ކުރެވި ނިންމުނެވެ. އައިރިކް ޢާއިލާ ދެން އެ ގެއަށް އަންނާނީ މާޔަލްގެ ރަންކިޔުމަށްކަން ބުންޏެވެ. ދެ ދުވަސް ފަހުން ރަންކިޔަން ހަމަޖެއްސުމުން އައިރިކްއަށް ކަމަކު ނުދިޔައެވެ. މަންމަގެ އަތުގައި ހިފައި އައިރިކް ތަޅުވާލި ގޮތުން އެކަން އެވަގުތު އެތަނުގައި ތިބި އެންމެންނަށް ފާހަގަވިއެވެ. އިސާކަށް ހީނލެވުނެވެ. ދެންތިބި އެންމެންނަށް ވެސް ހެވުނެވެ. މަންމަގެ ކަންފަތްދޮށުގައި އައިރިކް ސިއްރެއް ބުންޏެވެ. ފުޅާ ހިނިތުންވުމަކާއެކު ޝަބްނަމް ބަލާލި ގޮތުން އާމާލް ދެނެގަތެވެ.
"ދެ ދުވަސް ވެސް މާ ލަހީ." ހިނިއައިސްފަ އިނދެ އާމާލް ބުނެލިއެވެ. ޝަބްނަމް އާނއެކޭ ބުނެ ބޯޖަހާލީއެވެ. އައިރިކް އިސްޖަހައިގެން އިނެވެ. އެންމެން އޭނާއާ ދިމާކުރިޔަސް ހެވެއެވެ. އޭނާގެ ގަސްދަކީ ވީހާ ވެސް އަވަހަކަށް އޭނާގެ ހައްޤަކަށް މާޔަލް ވުމެވެ.
"މާދަމާ ހަވީރު ކިހިނެއްވާނެ." ޝަބްނަމް ފާޅުކުރީ ދަރިފުޅު ދިން ޚިޔާލެވެ.
ހެކިވެރީންނާއި ކައިވެނީގެ ފޯމު ފުރާނޭ މީހުން ގޮވައިގެން އިސާކުގެ ޢާއިލާ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އަންނާނޭކަން ބުންޏެވެ. އަދި ރަންކިޔާތާ ހަފްތާއެއްގެ ތެރޭ ކައިވެނި ކުރާ ގޮތަށް ހަމަޖެއްސިއެވެ. އެންމެ މަދުވެގެން އެއް ހަފްތާ ބޭނުންވާނޭކަން އާމާލް ބުނުމުން އެކަމާ ދެކޮޅު ހަދަން އައިރިކްއަށް ނުކެރުނީއެވެ. ޝަބްނަމް ވެސް މިފަހަރު އާމާލްއާ އެއްބަސްވިއެވެ. ކައިވެނީގެ ވަލީމާގެ ގޮތުގައި ޙަފުލާއެއް ބާއްވަން ޝަބްނަމްއާއި އާމާލް ވެސް ބޭނުންވެއެވެ. އެކަންކަން ހަމަޖައްސަން ވެސް ވަގުތު ބޭނުންވެއެވެ.
އަނެއް ދުވަހު އިރުއެރުމާއެކު ކައިވެނީގެ ޚަބަރު މާޔަލް ދޭން ގަސްދުކުރީ އޭނާގެ ޒަމާންވީ އެންމެ ގާތް ރަޙުމަތްތެރީންނަށެވެ. ހުކުރު ދުވަހަކީ ޢާއިލާގެ ހުރިހާ މެންބަރުން ގޭގައި އުޅޭނެ ދުވަހަކަށް ވެއެވެ. އެހެންވެ ހެނދުނު ދިހައެއް ޖަހާކަން ހާއިރު މާޔަލް ގެއިން ނުކުތީ ޒިލްމާގެ މައިންބަފައިން އުޅޭ ގެއަށް ދާށެވެ. އައިރިކްއާއެކީއެވެ. އެގެއިން އެމީހުންނާ ބައްދަލު ކުރީ ޚަދީޖާއެވެ. އައިރިކްއާއި މާޔަލް ވެސް އޭނާއަށް އެނގުނެވެ. ހައިރާންވެ އަޖައިބުވެފައި ޚަދީޖާ ހުއްޓެވެ. މާޔަލް އެކްސިޑެންވީ ޚަބަރު ޒިލްމާގެ ފަރާތުން ޚަދީޖާއަށް އޮތީ އޮޅުންފިލާފައެވެ. ޒިލްމާ ފުރައިގެން ދިއުމާއެކު މާޔަލްގެ ޚަބަރެއް އެމީހުންނަކަށް ވެސް ނޭނގެއެވެ. ޚަދީޖާ އެ ދެކުދީން ގޮވައިގެން ގޭތެރެއަށް ވަންއިރު ސިޓިންރޫމުގައި ޒުހޫރު އިނެވެ.
"ޒުހޫރު. މިތިބަ އައި ދެ ކުދީން ދެކިބަލަ." ޤަބޫލުނުކުރެވިފައިވާ އަޑަކުން ޚަދީޖާ ވާހަކަދެއްކިއެވެ.
"އައިރިކް." ޒުހޫރަށް ވަގުތުން އައިރިކް އެނގުނެވެ. ނަމަވެސް މާޔަލްއެއް ނޭނގުނެވެ.
"ސާބަސް. ޒިލްއާއެކު މިގެއަށް އައިސް އުޅުނެއްނު މަންޖެއެއް... މީ އެމަންޖެ." ޚަދީޖާ ބުންޏެވެ.
"ޒިލްއާ ގުޅޭނެ ނަންބަރެއް ވެސް ނެތް. އެހެންވެ ހައްޖައްތަ ކައިރިއަށް އައީ." މާޔަލް ބުންޏެވެ.
"ޒީނިޔާއަށް އެނގޭނެ. ވެއްޖެ ބަދިގޭގައި... މާޔަލް، ރިކްއާ ދެކުދީން އަންނަންވީނު ސައިބޯން." ޚަދީޖާގެ ހިނިތުންވުން އޭނާއަށް މާޔަލް ފެނުމުން ލިބިފައިވާ ހިތްހަމަޖެހުން ހާމަކޮށްދެއެވެ. މާޔަލްގެ އަތުގައި ހިފައިގެން ހުރެ ކޮނޑުގައި ފިރުމާލާއިރު މައިވަންތަކަމުގެ އޯގާތެރިކަން ވެއެވެ.
އައިރިކްއާއި މާޔަލް އެއްޗެއް ކާން ދެކޮޅު ހެދިއެވެ. ނަމަވެސް ޚަދީޖާ ބަދިގެ ފަރާތަށް ގޮސް ޒީނިއާއަށް ގޮވާފައި އަންނަމުން އައީ ފިނިފިނިކޮށް ހުރި ޖޫސް ހިފައިގެންނެވެ. އެހެންވެ ޖޫސްތަށި ނުބޮއެ އައިރިކްއާއި މާޔަލްއަށް ފަރު ނުޖެހުނެވެ. މާޔަލްގެ ހާލު ޚަދީޖާ އޮޅުންފިލުވިއެވެ. އައިރިކްއާއި މާޔަލް އެކަކުއަނެކަކު ދަންނަނީ ކިހިނެއްތޯ ޚަދީޖާ ސުވާލު ކުރިއެވެ. ހިމޭނުން ބަހެއް ނުކިޔާ ހުރި އައިރިކް ވާހަކަދެއްކީ ދެނެވެ. މާޔަލްއަކީ އޭނާ އިންނަން އުޅޭ ކުއްޖާކަން ބުންޏެވެ. ޒިލްމާއާ ގުޅޭނޭ ގޮތެއް ހޯދަނީ އެމީހުންގެ ކައިވެނީގައި ބައިވެރި ކުރާން އެދޭތީއެވެ.
ކޮއްކޮއަށް ގުޅޭނޭ ފޯނު ނަންބަރާއި ބޭނުންކުރާ އީމެއިލް އެޑްރެސް މާޔަލްއަށް ޒީނިޔާ ދިނެވެ. އެގެއިން މާޔަލްއާއި އައިރިކް ނުކުތެވެ. ކައިވެނީގެ ދަޢުވަތު ކާޑު ހިފައިގެން އަދި އަންނާނޭކަން ބުނެފައެވެ. މާޔަލްއާއި އައިރިކް ކާރުގައި އައިސް މަޑުކޮށްލީ އިވާންމެން ގޭ ދޮށަށެވެ. ކުއްލިއަކަށް އައިމީއަށް ގުޅާފައި ތައްޔާރުވެލައިގެން ގޭދޮރުމައްޗަށް ނުކުތުމަށް މާޔަލް ބުނީ އިތުރު ތަފްސީލެއް ދިނުމެއް ނެތިއެވެ. ގޭދޮށުން އައިމީ ނަގައިގެން ތިން މީހުން އެރީ ކޮފީއަކަށެވެ. އައިރިކްއާއި އައިމީ އެކަކުއަނެކަކަށް ތަޢާރަފްކޮށްދިނީ މާޔަލްއެވެ. ހަމަޖެހުނު ކައިވެނީގެ ޚަބަރު އައިމީއަށް ވެސް މާޔަލް ކިޔާދީފިއެވެ. ކޮފީ ނިންމާފައި ދެ އެކުވެރީން ވަކިވުމުގެ ކުރީން މާޔަލްގެ ކައިރީ އައިމީ އެދުނީ ގެއަށް ގޮސް އޭނާއަށް ވަގުތުން ގުޅުމަށެވެ. މާޔަލްއާ ވާހަކައެއް ދައްކާލަން އޭނާ ބޭނުންވެއެވެ. އޭނާ އެންމެފަހުން ގުޅި ދުވަހުވެސް މާޔަލްވަނީ ފޯނަށް ޖަވާބު ނުދީފައެވެ. އެހެންވެ މާޔަލް ގުޅާނެކަމުގެ އިންތިޒާރުގައި ހުރީއެވެ.
"ހުކުރުވަގުތު ޖެހެނީ." މާޔަލް ބުންޏެވެ.
އައިރިކް ހުރީ މާޔަލްއާއެކީ އޭނާ ދިރިއުޅޭ އިމާރާތުގެ ލިފްޓު ކައިރީއެވެ. މާޔަލްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މާޔަލް ގެއަށްލާފައި ދާން ގަސްދުކޮށް އެތަނުގައި އައިރިކް ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މާޔަލް ހުރީ އައިރިކް ދޫކޮށްނުލައިގެން ލިފްޓަށް ނޭރިފައެވެ. ކިތަންމެ ފަހަރަކު ލިފްޓު ހުޅުވިފައި ލެއްޕިއްޖެއެވެ.
"މިއަދު ހަވީރު ދިމާވާނެއެއްނު. ދެން ދޫކޮށްލާ." މާޔަލް ބުންޏެވެ.
"އެ ގަޑީގަ އެންމެން ތިބޭނެ. ހިތްފުރެންދެން ބަލާ ވެސް ނުލެވޭނެ." މާޔަލްއާ ގާތަށް ފިޔަވަޅެއް އައިރިކް ފިޔަވަޅެއް އަޅާލިއެވެ.
"އަހަރެން ރިކްގެ މީހަކަށްވާން ދެން ނެތެއްނު ގިނަދުވަހެއް. އޭރުން ތި ހިތް ފުރެންދެން ބަލަންވީ." މާނަވީ ބެލުމަކުން ބަލަން ހުރެ މާޔަލް ބޯއަރިކޮށްލިއެވެ.
"މާޔާ." އައިރިކްގެ އަޑުގައި މަސްތުކަމެއްވިއެވެ.
"ރިކް ޕްލީޒް. މިތާ ކެމެރާ ވެސް ހުންނާނެ. ދެން ދޭ... ޕްލީޒް." އައިރިކް ދުރަށް ޖައްސަމުން މާޔަލް ވާހަކަދެއްކިއެވެ.
ހިނިއައިސްފަ ހުރެ އައިރިކް މަޑުމަޑުން ދުރަށް ޖެހުނެވެ. އޭނާ ހިފަހައްޓާލައިގެން ހުރި މާޔަލްގެ އަތްތިލަ އުފުލާލައި ގެނެސް ތުންފަތުގައި ޖައްސާލިއެވެ. ލުއިލުއި ބޮސްދިނުންތަކަށް ފަހު އޭނާ ދަނީއޭ ބުނެލިއެވެ. ދެން ލިފްޓުގެ ފިތަށް އޭނާ ފިތާލިއެވެ. މާޔަލްގެ އަތުން ދޫކޮށްލައި ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލުމާއެކު އައިރިކް ހިނގައިގަތެވެ. ލިފްޓުގެ ދޮރު ހުޅުވުނެވެ. ނަމަވެސް އެތެރެއަށް ވަނުމުގެ ކުރީން އައިރިކްއަށް މާޔަލް ގޮވާލިއެވެ.
"އައި ލަވް ޔޫ." މާޔަލް ބުނެލިއެވެ. އައިރިކްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
"އައި ލަވް ޔޫ މޯ." އައިރިކްގެ ތުންފަތުގައި ކަނާއަތުގެ ދެ އިނގިލި ޖައްސާލުމަށްފަހު މާޔަލް ހުރި ދިމާއަށް އަތްތިލަ ދިމާލައި ކޮށްލި ލޯބީގެ ސަލާމާއެކު އައިރިކް ބުނެލިއެވެ.
* * * * *
ރިންގުވާން ފެށި ފޯނު ނެގުމާއެކު އިވާނަށް ޤަބޫލުކުރާން ދަތިވިއެވެ. އުފާވެރިކަމެއް ހިތަށް ލިބިފައި ވެސް ހިނދުކޮޅެއްގެ ތެރޭ އެ އިޙްސާސް ހިނދިގެން ހިނގައްޖެއެވެ. އޭނާއަށް ދެބުމަ ކައިރިކޮށްލެވުނެވެ. އެހެންވިޔަސް ފޯނުކޯލު ނުނަގައެއް ނުހުރެވުނެވެ.
"މައްޔު..." ފޯނުކޯލު ނެގި ގޮތަށް އިވާން ބުނެލިއެވެ.
(ނުނިމޭ)