ނިރުފެހިގެ އަލިފާން

މޯޗަރީ ކުރިމަތިން ހިތްފަޅައިގެންދާ މަންޒަރުތަކެއް

ގަލޮޅު މޯޗަރީ ކައިރީ ތިބި ބިދޭސީންގެ މޫނުތަކުން ފެންނަނީ ހިތްދަތިކަމާއި މޮޅިވެރި ކަމެވެ. ގާތް އެކުވެރިންނާއި ލޯބިވާ އާއިލާ މީހުން ދުނިޔެ ދޫކުރުމުން މޫނުމަތިން ފެންނާނެ ހުރިހާ ޖަޒުބާތުތަކެއް އެމީހުންގެ މޫނުމަތިން ފެނިގެންދެ އެވެ. ބައެއް މީހުން ހުއްޓުން އަރާފައި ތިބިއިރު ދެން ތިބި މީހުންގެ ލޮލުން ހުއްޓުމެއް ނެތި ދިޔައީ ކަރުނަ އަންނަމުންނެވެ.

ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ އެމީހެއްގެ އާއިލާ މީހާ ނުވަތަ އެކުވެރިޔާ ކޮބާތޯ އެވެ. ހޯދާ މީހާ ނުފެންނާތީ އެންމެންވެސް ތިބީ ހިތްމަރުވެފަ އެވެ. ހޯދާ މީހާ، މަރުވި 10 މީހުންގެ ތެރޭގައިވޭތޯ ބެލިނަމަވެސް އެންމެންގެ އުއްމީދަކީ ވެސް މަރުވި މީހުންގެ ތެރޭގައި އާއިލާ މީހަ ނުވަތަ އެކުވެރިޔާ ނުވުމެވެ.

މިއީ ރޭ މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 10 ބިދޭސީން ނިޔާވުމުން އެއީ ކޮން ބައެއްތޯ ބަލަން ގަލޮޅު މޯޗަރީ ކައިރިއަށް އެއްވެފައިވާ އެތައް ބިދޭސީންނެއްގެ ހިތުގެ ޝުއޫރު ތަކެވެ.

"އަހަރެންގެ އެކުވެރިޔާ ވެއްޖެ މޯޗަރީގައި. ޔަގީން ކުރެވިއްޖެ އޭނަކަން. އެކަމަކު ގަބޫލެއް ނުކުރެވޭ އޭނާ މަރުވީ ކަމަކަށް. އިތުރު ވާހަކަ ދައްކާނެ ހިތްވަރެއްނެތް." އެސަރަހައްދުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު އަވަސްއަށް މައުލޫމާތު ދެމުން ބުންޏެވެ.

އެމީހާގެ ރަހުމަތްތެރިން އޭރުވެސް ދިޔައީ އޭނާއަށް ހިތްވަރު ދެމުންނެވެ. އަދި އޭނާއަށް ވާހަކަ ނުދެއްކޭނެހެން ހީވުމުން ކޮނޑުގައި އަތް ޖައްސާލުމަށްފަހު އެއްކައިރިއަކަށް ގެންގޮސް ހިތްވަރު ދޭން ފެށި އެވެ.

މޯޗަރީ ކުރިމަތީގައި ހުރި އިންޑިއާ މީހަކު ރޮމުން ބުނީ އޭނާ އެތަނުގައި ހުރީ ރޯވި ގޭގައި އުޅުނު ކޮއްކޮ ގެއްލިގެން ކަަމަށެވެ.

"އަހަރެންގެ ކޮއްކޮއަށް ވީގޮތް ނޭނގިގެން މިއުޅެނީ. ހަބަރެއް ނުވޭ. އެތެރޭގައި (މޯޗަރީގައި އޮތް 10 މީހުންގެ ތެރޭގައި) އޮތް ކަމެއްވެސް ނޭނގޭ. ބުނެފިން ބަލައިދޭށޭ." އެ އަންހެން މީހާ ބުންޏެވެ.

އޭނާ ބުނީ ހަބަރެއް ނުވާ ތިން މީހެއް އެބަ އުޅޭ ކަމަށާއި އެމީހުން ސަލާމަތުން ތިބި ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އޭނާގެ ދުއާ އަކީ ކޮއްކޮ ހެޔޮ ހާލުގައި ފެނުން ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ދިރިއުޅުނު މީހުންގެ އެކުވެރިން ދަނީ އެ މީހުންގެ އެހެން އެކުވެރިންނާއި އަވަށްޓެރިންގެ ތެރެއިން ބަޔަކު ގެއްލިގެން އުޅޭތީ އެމީހުން ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެކަމަކު އެކުވެރިޔާ ހޯދުމަށް ކުރަންވީ މަސައްކަތެއް ނޭނގި އެންމެން ގޮތްހުސްވެފައި ތިބީ މޯޗަރީ ކުރިމަތީގަ އެވެ. މަރުވި މީހުންނަކީ ކޮން ބައެއްކަން އަދިވެސް މުޅިން ސާފު ނުވާތީ ސަލާމަތްވި ބިދޭސީންނަށް އޮތް ކަންބޮޑުވުން ބޮޑެވެ.

މ. ނިރުފެހިގޭގައި އުޅުނު ބިދޭސީން ތިބީ އެމީހުންގެ އެކުވެރިޔާ ހެޔޮ ހާލުގައި ހުއްޓާ ފެންނާނެ ކަމުގެ އުންމީދު ގައެވެ. ރޯވެ އަނދާފައިވާ ހަށިގަނޑުތަކުން އެއީ އަންހެނެއްކަން ނުވަތަ ފިރިހެނެއް ކަން ވަކިކުރަން ނޭނގޭތީ ބިދޭސީން ތިބީ އެކުގައި ދިރިއުޅުނު އެމީހުންގެ އެކުވެރިން ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު އެމީހުންގެ ހިތްތައް ވަނީ ކުދިކުދިވެފަ އެވެ.