އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގޭގައި ހިންގި ގަރާޖަށް ވިޔަފާރި އުސޫލުން އެތަން ހިންގުމުގެ ހުއްދަ ދީފައި ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ މ. ނިރުފެހި ގޭގައި ހިންގި ގަރާޖަށް އެތަން ހިންގުމުގެ ހުއްދަ ދީފައިވާކަން ކައުންސިލްގެ ރިކޯޑުތަކުން ފެންނަން ނެތް ކަމަށެވެ.
މާލޭގައި ގަރާޖު ފަދަ ތަންތަން ހިންގުމުގެ ހުއްދަ ދެނީ މާލޭ ސިޓީ ކައުންސިލުންނެވެ.
މި ގަރާޖަށް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައި ނުވަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ވެހިކަލް މަރަމާތުކުރުމާއި ވޯކްޝޮޕް ފަދަ ތަންތަން ހިންގުމަކީ އިގުތިސާދީ މަސައްކަތްކުރާ ތަންތަން ހެދުމަށް ހުއްދަދިނުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން މަނާކޮށްފައިވާ ކަމަކަށް ވާތީ އެވެ.
ހުއްދަ ނެތި ގަރާޖު ހިންގުމާއި ގުޅިގެން އެތަނުގެ ވެރިފަރާތަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އަދި އެނގިފައެއް ނުވެ އެވެ.
މި ހާދިސާއަށްފަހު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މާލޭގައި އެއްވެސް ކެމިކަލް ގުދަނެއް މިހާރު ނުހުންނާނެ ކަމަށާއި ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މީހުން ދިރިނޫޅޭ ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.