އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސަރުކާރުގެ ވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކްނެސެޓްގެ މެމްބަރު، އިޓަމާރު ބެން-ގްވީރްގެ ހަރުކަށި ވިސްނުމާ މެދު މުޅި ދުނިޔެ ކަންބޮޑުވާ ކަމަށް އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގް ވިދާޅުވެއްޖެ އެވެ.
ބެންޖަމިން ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލެއްވުމަށް ދައުވަތު ދެއްވުމުގެ ކުރިން ކްނެސެޓް (އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީސް)ގައި ވޯޓު ދިން ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ ހަރްޒޮގް ބައްދަލުކުރެއްވި އެވެ.
އެއީ ބެލެވޭ ގޮތުގައި އިޒްރޭލުގައި އާ ސަރުކާރެއް އުފެދިގެން އަންނައިރު ރައީސްގެ ހައިސިއްޔަތުން ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯއްދެވުމަށް ބޭއްވި ބައްދަލުވުމެކެވެ.
ސިޔާސީ ޕާޓީތަކުގެ ވެރިންނާ އެކު ހަރްޒޮގް ދެއްކެވި ބައެއް ވާހަކަތައް އިޒްރޭލުގެ ވައްލާ ޚަބަރު ވެބްސައިޓުން ވަނީ ލީކުކޮށްލާފަ އެވެ.
އެ އޯޑިއޯގައި ހަރްޒޮގް ވިދާޅުވަނީ އިޒްރޭލުގައި ވެރިކަންކުރާ ކޮންމެ ސަރުކާރަކަށްވެސް އަގްސާ މިސްކިތް މައްސަލައަކަށް ވާނެ ކަމަށެވެ. އެއީ ވަރަށް ނާޒުކު މައްސަލައެކަށް ވާނެ ކަމަށް ވިދާޅުވެ ސިޔާސީ ލީޑަރުން ސަމާލުވުމަށްވެސް ދަންނަވަ އެވެ.
ސަރުކާރުގައި ބައިވެރިވެ ވަޑައިގެން ބެން-ގްވީރުގެ އަމަލުތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އިޒްރޭލަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށް ހަރްޒޮގް ވިދާޅުވި އެވެ. އަދި އެއީ މުޅި ދުނިޔޭގެ ނަފުރަތު އިޒްރޭލަށް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނަތަންޔާހޫ ސަރުކާރުގައި ބެން-ގްވީރުގެ ހިއްސާ އޮތުމަކީ ހަރްޒޮގް އެދިވަޑާއިގަންނަވާ ގޮތެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ބައިވެރިވުން ނެތި -- ކޯލިޝަން ނުހަދައި ނަތަންޔޫއަށް ސަރުކާރެއް އެކުލަވާލުން ނާދިރު ކަމަކަށް ވާނެ އެވެ.
ބެން-ގްވީރުގެ ޝައުގުވެރިކަން ހުރީ ވެސް ފަލަސްތީން މީހުންނަށް ޖެއްސުން ކުރެވޭ މަގާމަކަށެެވެ. އެ ގޮތުން ފުލުހުންގެ ވެރިޔާއަށް ނުވަތަ ބިންތަކުގެ އަމުރުވެރިއެއް ގޮތުގައި ހުރުމަށް އޭނާ އެދެ އެވެ.
އޭނާ މީގެ ކުރިން ވެސް ވަނީ ފަލަސްތީން ނައްތާލަން ގޮވާލާފަ އެވެ. އިރުމަތީ ގުދުސްގައި ރޯޅިރޯޅިއަށް ހަމަނުޖެހުންތައް އުފެއްދުމުގައި ވެސް އޭނާ ގެންގުޅޭ ގޭންގުތަކުގެ ދައުރު ވަރަށް ބޮޑެވެ.
ފަލަސްތީންގެ ބިންތައް ޖަހައިގަނެގެން އުޅޭ ޔަހޫދީންގެ ބޮލަށް އެރިގެން އަގްސާ މިސްކިތަށް ވަދެގަތުމުގައި ވެސް ބެން-ގްވީރުގެ ދައުރު ވަރަށް ބޮޑެވެ.