ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަނެވޭނީ، ނަޝީދުގެ އާއިލީ އިން ޒިންމާވާނެ ބެލެނިވެރިޔަކު ދެއްކުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައިމިވަނީ، ބައެއް މީޑިއާތަކުން ނަޝީދަށް ކުރިމަތިކުރި ޝަރުތައް އުވާލާފައިވާ ކަމަށް ރިޕޯޓްކުރަމުން ދަނިކޮށެވެ. އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދުގެ އާއިލާއިން ޒިންމާވާނެ ބެލެނިވެރިޔަކު ދައްކަން ޖެހޭނެ ކަމަށާއި އެކަން ދޫކޮށްލާފައިޗނުވާނެ ކަމަށެވެ. އެންމެންނަށް ހިނގާނީ އެއް ގާނޫނެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ޝަރުތުތައް އުވާލާފައިވާ ކަމެއް ވަކީލުންނަށާއި އާއިލާއަށް އަންގާފައިނުވާ ކަމަށެވެ.
ކަރެކްޝަނުން ރޭ ބުނެފައިވަނީ ބަންދުގައި ތިބޭ މީހުން ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރުވާލާއިރު އާއިލާ އިން ސޮއި ކުރަންޖެހޭ އިގުރާރެއް އޮންނަ ކަމަށާއި އެފަދަ ފަރާތްތަކަށް ފުރޭނީ އެ އިގްރާރުގައި ސޮއިކުރުމަށް ފަހުގައި ކަމަށެވެ.
އުސޫލު އޮންނަ ގޮތުން ރައީސް ނަޝީދާ ހަވާލުވެ ވަޑައިގެން އިނގިރޭސި ވިލތަށް ވަޑައިގަންނަވާ ބޭފުޅަކާއި ރާއްޖެއިން ޒިންމާ ނަންގަވާ ފަރާތެއް ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން ޖެހެ އެވެ. ނަމަވެސް ނަޝީދު ވަނީ އެ ލިޔުމުގައި ސޮއިކުރެއްވުމަށް އިންކާރުކުރައްވައި އިނގިރޭސިވިލާތަށް ނުދިއުމަށް ނިންމާފަ އެވެ.
ރައީސް ނަޝީދުގެ އާއިލާއިން ރޭ ބުނެފައިވަނީ ރައީސް ނަޝީދު ބޭރަށް ވަޑައިގަތުމުގެ އެއްވެސް ލީގަލް ޑޮކިއުމެންޓެއްގައި ސޮއި ކުރުމަށް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ ލިޔުމެއްގައި ސޮއ ކުރަން ރައީސް ނަޝީދުވެސް އެދި ވަޑައިގެންފައި ނުވާ ކަމަށާއި ކަރެކްޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 30 ދުވަހަށެވެ. އަދި އޮޕަރޭޝަނަށް ފަހު ޑޮކްޓަރު ލަފާގެ މަތިން މުއްދަތު އިތުރު ކުރާނަމަ 45 ދުވަސް ދޭ ގޮތަށެވެ. މި ހުއްދަތައް ދީފައި ވަނީ ރައީސް ނަޝީދުގެ މައި ބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހި ރާއްޖެއިން ބޭރުން އެ އޮޕަރޭޝަން ކުރަން ޖެހުމުން ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ހާއްސަ ލަފަޔަކާއެކު އެވެ.