ޓޫރިޒަމް

ފަތުރުވެރިކަން 31 އިންސައްތަ ކުރިއަރައިފި

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 31.5 އިންސައްތަ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ނޮވެމްބަރު ނުވަވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.38 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1.05 މިލިއަން ފަތުރުވެރިން ނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފާއިތުވި ތިން އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު ވަނީ ކުރި އަރާފަ އެވެ. ނޮވެމްބަރު މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ ތިން އަހަރުގެ ނޮވެމްބަރުގެ އެ މުއްދަތަށްވުރެ އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށްވުރެ 8.3 އިންސައްތަ އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށްވުރެ 8.2 އިންސައްތަ އިތުރުވެފަ އެވެ. މި މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2019 ވަނަ އަހަރުގެ އެ މުއްދަތަށްވުރެ 10.4 އިންސައްތަ އަދި މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 1.6 އިންސައްތަ އިތުރުވެފަ އެވެ.

ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 4،854 ފަތުރުވެރިން މިމަހު ޒިޔާރަތްކުރެ އެވެ. ފަތުރުވެރިން އެވަރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަ ކުރެ އެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރަނީ އިންޑިއާ އިން ނެވެ. 14 އިންސައްތަ -- 195،015 ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިން ނެވެ. 12.3 އިންސައްތަ -- 170،821 ފަތުރުވެރިން ރަޝިއާ އިން ޒިޔާރަތްކުރިއިރު 10.9 އިންސައްތަ -- 151،358 ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ.