ދުނިޔެ

ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫއަށް ފުރުސަތު ދީފި

އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވާލުމަށް ބެންޖަމިން ނަތަންޔާހޫއަށް އެ ގައުމުގެ ރައީސް އައިޒަކް ހަރްޒޮގެ ދައުވަތު ދެއްވައިފި އެވެ.

ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު މި ލިބިވަޑަައިގަތީ ކުރިން ހީކުރެވިފައި އޮތް ތާރީޚަށް ވުރެ އަވަަހަށެވެ. ޚަބަރުތަކުގައި އޮތް ގޮތުން ދައުވަތު ދެއްވާނީ އަންނަ އާދީއްތަ ދުވަހު އެވެ.

އިޒްރޭލުގައި މި ފަހުން އޮތް އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދީ ނަތަންޔާހޫގެ ކޯލިޝަން ޓީމުންނެވެ.

ނަތަންޔާހޫގެ ކޯލިޝަނަށް -- ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ވަނީ ލިބިފަ އެވެ. މަޖިލީހުގެ އަޣުލަބިއްޔަތަކީ 51 ގޮނޑި އެވެ.

އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވާލުން ބޯމަތިވެފައި އޮތްއިރު ރައީސް އައިޒަކް ހަރްޒޮގް ވަނީ ޕާޓީތަކުގެ އިސް ލީޑަރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

ހަރްޒޮގްގެ މި ބައްދަލުކުރެއްވުމަކީ އިޒްރޭލު ދުނިޔެއަށް ހުޅުވިގެން އަންނައިރު -- އަދި ގައުމުތަކުން ބަލައިގަންނަމުން އަންނައިރު، އިޒްރޭލު ތެރޭގައި ދުނިޔެ ގަބޫލުކުރާ އަޚުލާގެއް ދެމެހެެއްޓޯތޯ ބޭއްވެވި ބައްދަލުވުމެއް ކަމަށް ބެލެވެ އެވެ.

އެހެންނަމަވެސް، ސަރުކާރެއް ގާއިމުކުރެއްވުމަށް ފަހު، ސަރުކާރު ހިންގާނެ ގޮތް އަދި އެއްވެސް ސިޔާސަތަކަށް ބާރުފޯރުވައި ގޮތްތައް ކިޔުމުގެ ހުއްދަ ރައީސަށް ލިބިވަޑައިގެންފައެއް ނޯވެ އެވެ.

ސަރުކާރު ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވާނީ ބޮޑުވަޒީރެވެ.

އިޒްރޭލުގައި ބެންޖަމިން ނަތަންޔާހޫ މި ފަހަރު އެކުލަވާލާ ސަރުކާރަކީ ފަލަސްތީނަށް އޮތް ބިރަކަށް ވެދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އޭނާގެ ޓީމުގައި -- ކެބިނެޓްގައި ހިމެނުމަށް ލިސްޓް ކުރެވެމުންދާ ނަންތަކަށް ބަލާއިރު ވަރަށް ހަރުކަށި މެމްބަރުން ހިމެނެ އެވެ.

މީގެތެރެއިން ވެސް ހަރުކަށި ކަމަށް އަރާހުންނެވި ކަމަށް މަޝްހޫރުވެފައިވަނީ ގާނޫނު ހަދާ މަޖިލީސް -- ކްނެސެޓްގެ މެމްބަރު، އިޓަމާރު ބެން-ގްވީރް އެވެ.

އިޓަމާރު ބެން-ގްވީރަކީ މުޅި ދުނިޔެ ނަފުރަތުކުރާ މީހެއް ކަމަށް ރައީސް އައިޒަކް ހަރުޒޮގް ވެސް ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލު ސިފައިން މިފަހަކުން ފަލަސްތީން މީހުންނަށް ކުރި ހުރިހާ ޖެއްސުމެއްގައި ބެން-ގްވީރު ބައިވެރިވި ކަމަށް ބުނެވެ އެވެ. އޭނާ އަކީ ހަމަނުޖެހުން އުފެއްދުމަށް އިޒްރޭލުގައި ވެސް މަޝްހޫރު މީހެކެވެ.