އެމްއެންޑީއެފް

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ދިޔަވެގެން

"ލިއޯ ސަކްސަސް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ދިޔަވެގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ލޭންޑިން ކްރާފްޓް ދިޔަވާން ފެށީ ގދ. ފަރެސް މާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލު ބޭރުންނެވެ.

އެވަގުތު ލޭންޑިން ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ "ސީވީޑް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

މިހާދިސާގައި އިތުރު މީހަކު ވަނީ ގެއްލިފަ އެވެ. އެއީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފް މައުލޫމާތުދެ އެވެ.

އެމްއެންޑީއެފް ބުނީ ސަލާމަތް ކުރި ތިން ފަޅުވެރިން މިއަދު ހަވީރު 4:10 ހާއިރު ގދ. ވާދޫއަށް ގެންގޮސްފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދާ ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށްވެސް ބުނެފައިވެ އެވެ.

ހާދިސާ ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށާއި ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.