ކަނޑުމަތީގެ ހާދިސާ

ގެއްލުނު މީހާ ހޯދަން 900 ނޯޓިކަލް މޭލު ބަލައިފި

ގދ. ފަރެސްމާތޮޑާއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓް "ލިއޯ ސަކްސަސް" ބަންޑުން ޖަހާލައި ގެއްލުނު މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިއަދުގެ އިރުއޮއްސުމާ ހަމައަށް 900 ސްކޮޔާ ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސަދަން އޭރިއާ ކޯސްޓްގާޑު -- ފޯތް ސްކޮޑްރަން އިން މިއަދު ކުރި މަސައްކަތުން ގެއްލުނު މީހާ ފެނިފައި ނުވާތީ މާދަމާވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ގެއްލުނު މީހާ ހޯދުމަށް ޑޯނިއާ ފްލައިޓް ބޭނުންކޮށްގެން ވައިގެ މަގުން މަސައްކަތް ފެށީ މިއަދު އެވެ.

"ލިއޯ ސަކްސަސް" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ދިޔަވެގެން ކަމަށް އިއްޔެ އެމްއެންޑީއެފުން މައުލޫމާތު ދީފައިވެ އެވެ.

ލޭންޑިން ކްރާފްޓް ދިޔަވާން ފެށީ ގދ. ފަރެސް މާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލު ބޭރުންނެވެ.

އެވަގުތު ލޭންޑިން ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ "ސީވީޑް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތަކުން އެމީހާ ފެނޭތޯ މަސައްކަތް ކޮށްދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.