ކަނޑުމަތީގެ ހާދިސާ

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

ގދ. ފަރެސްމާތޮޑާއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓް "ލިއޯ ސަކްސަސް" ބަންޑުން ޖަހާލައި ގެއްލުނު މީހާ ހޯދުމަށް ކަނޑު މަގުންނާއި ވައިގެ މަގުން ބަލަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ވައިގެ މަގުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ސިފައިންގެ ޑޯނިއާ ފްލައިޓުން ކަމަށެވެ. އަދި މިހާތަނަށް ހޯދުނު ސަރަހައްދުގެ މައުލޫމާތު މިރޭ ހާމަކުރާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

"ލިއޯ ސަކްސަސް" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ދިޔަވެގެން ކަމަށް އިއްޔެ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ލޭންޑިން ކްރާފްޓް ދިޔަވާން ފެށީ ގދ. ފަރެސް މާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލު ބޭރުންނެވެ.

އެވަގުތު ލޭންޑިން ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ "ސީވީޑް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތަކުން އެމީހާ ފެނޭތޯ މަސައްކަތް ކޮށްދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.