ރާއްޖޭގައި އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ އަޅުކަން ހިންގުމަކީ މަނާ ކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
އިސްލާމިކް މިނިސްޓްރީން އެކަން ހަނދާންކޮށްދިނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގަ އެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ ކަމާއި ފަަތުރުވެރިންވެސް ޒިޔާރަތްކުރާކަން ފާހަގަކޮށް އެ މީހުން ގެންނަ ފަރާތްތަކުން ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުކުރުމަށް ބިދޭސީންނަށް އިރުޝާދު ދިނުމަކީ މުހިންމު ކަމެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
އެ ގޮތުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ އިރުޝާދުތައް އެ ފަރާތްތަކަށް ރަނގަޅަށް ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި އެމީހުންގެ އެެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާ ކަމެކެވެ.
ރާޢްޖޭގައި ގެސްޓްގައުސް ހިންގުމާބެހޭ ގަވާއިދާ އެއްގޮތަށް އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި ފަތުރުވެރިން އުޅުމަށް އިރުޝާދު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އެފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްތަކުން އަޅަމުން ގެންދިއުމަށް އެދިފައެވެ.