އެމްއެންޑީއެފް

ބަންގްލަދޭޝްއިން ދިވެހި އަސްކަރިއްޔާއަށް 7 ޕިކަޕް ހަދިޔާކޮށްފި

ބަންގްލަދޭޝް ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ހަތް ޕިކަޕް ހަދިޔާކޮށްފި އެވެ.

މިއަދު މެންދުރު ކަޅުތުއްކަލާ ކޮށީގައި އޮތް ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން އެ ގައުމުގެ ޗީފް އޮފް އާމީ ޖެެނެރަލް އަބޫ ބިލާލް މުހައްމަދު އެ ޕިކަޕްތައް ރަސްމީކޮށް ދިވެހި އަސްކަރިއްޔާ އާއި ހަވާލުކޮށްދެއްވި އިރު ދިވެހި އަސްކަރިއްޔާގެ ފަރާތުން ޕިކަޕްތަކާއި ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބޫ ބިލާލް ވިދާޅުވީ ރާއްޖެ އާއި ބަންގްލަދޭޝް އާއި ދެެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި ބަންގްލަދޭޝް އިން ރާއްޖެއަށް ޑޮކްޓަރުން ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާއި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށާއި ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދެއްވާނެ ކަމަށެވެ.

މީގެއިތުރުން ހުރިހާ ދާއިރާއެއްގައި ރާއްޖެއާއެކު މަސައްކަތް ކުރަން ޝައުގުވެރިކަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ ބަންގްލަދޭޝް އާއި ގުޅިގެން ރާއްޖޭން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް އޮތް ކަމަށާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަށް އޮތްތާނގައި ބަންގްލަދޭޝްއިން ދިވެހި އަސްކަރިއްޔާއަށް އިތުރު ޓްރެއިނިން ތަކާއި ތައުލީމީ ފުރުސަތުތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.