އިބްރާހިމް އަމީރު

"ލޯން ނެގީ ރައްޔިތުންނަށް ހިދުމަތް ދޭން ނަގަންޖެހިގެން"

Nov 13, 2022
2

މިސަރުކާރުން ނެގި ބައެއް ލޯންތަކަކީ ކޮވިޑް 19އާ ކުރިމަތިލާން ނުޖެހުނުނަމަ ނަގާނެ ލޯންތަކެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ކުރިމަތިކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިސަރުކާރަށް 2020 ވަނަ އަހަރު ކޮވިޑް 19އާ ކުރިމަތިލާން ޖެހުނީ އާމްދަނީގެ ގޮތުގައި 30 ބިލިއަން ހޯދުމަށް ލަފާކޮށް މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކަމަށެވެ. އެ އަހަރުގެ ދައުލަތަށް އާމްދަނީގެ ލިބުނީ 14 ބިލިއަނެއްހާ ރުފިޔާ ކަމަށްވާތީ ހަރަދުތައް ހަމަޖެއްސުމަށް ލޯން ނެގީ އެ ހާލަތުގައި ނަގަންޖެހިގެން ކަމުގައި ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ލޯން ފައިސާ ސަރުކާރުން ހަރަދު ކުރީ ސީދާ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ހަމަޖެއްސުމަށާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ. ބޭކާރު ހަރަދުތައް ކުރިކަމަކަށް މިނިސްޓަރު އެއްބަހެއް ނުވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އަދިވެސް ހަމައަކަށް ނޭޅި އޮއްވާ އަންނަ އަހަރު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް އަމާޒުވާ ފާޑުކިޔުންތަކަށް ވެސް މިނިސްޓަރު ޖަވާބު ދެއްވި އެވެ. އެގޮތުން ވިދާޅުވީ ހަތް އަހަރު އަށް އަހަރު ސިއްހީ ދާއިރާ އިން ކިޔަވައިގެން އަންނަ ކުއްޖަކަށް 25،000 ރުފިޔާގެ މުސާރައެއް ދިނުމުން އެ ކުދިންގެ ހިދުމަތް ގިނަ ފަހަރު ނުލިބޭ ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅުންނަށް އެކަށީގެންވާ މުސާރައެއް ދީގެން އެމީހުންގެ ހިދުމަތް ހޯދަންޖެހޭ ކަމަށާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރަނީ ކަމާ ގުޅޭ ދިރާސާތަކަށް ފަހު ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. އަމީރު ވިދާޅުވި ގޮތުގައި ޕީއެސްއައިޕީ ބަޖެޓުން ވަރަށް ގިނަ ރަށް ރަށުގައި ސިއްހީ ދާއިރާގެ ޕްރޮޖެކްޓްތައް ހިންގަން ފައިސާ ހުންނާނެ ކަމަށެވެ. އަދި އަންނަ އަހަރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރެވޭނެ ކަމަށެވެ.

"ޕީއެސްއައިޕީ އަށް މިހާރު ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކާ ގުޅިގެން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މަންޒަރުވެސް ފެންނާނެ،" އަމީރު ވިދާޅުވި އެވެ.