ލޮޓަރީއެއް ކާމިޔާބުވެ އެއްފަހަރާ އެއް މިލިއަން ޑޮލަރު ލިބުމަކީ ވަރަށް މަދު މީހަކަށް ނޫނީ ލިބޭނެ ނަސީބެއް ނޫނެވެ. މިގޮތަށް ނަސީބު ލައްވާލާ ގިނަ މީހުން އެ ފައިސާއަށް ހަދާނެ ގޮތެއް ނޭނގި ތެޅިފޮޅެނިކޮށް ފައިސާތައް އަތުން ބީވެގެން ގޮސްފައި ވެސް އެބަހުއްޓެވެ. އަނެއް ބަޔަކު ލިބުނު ފައިސާގެ އެއްބައި ޚައިރާތުކޮށް އަދި ވިސްނައިގެން ދުރު މުސްތަގުބަލަކަށް ރަނގަޅު ކަންތައްތަކެއް ކުރެ އެވެ.
ޖަރުމަނުގެ މިލިއަނަރަކަށް ލޮޓަރީއެއް ލައްވާލައިގެން ގިނަ އަދަދެއްގެ ފައިސާ ލިބުމުން ބޭނުންވީ އަންބަކު ހޯދާށެވެ. އެ ފައިސާތައް ތަޅާ ބުރުވައި އަދި ދުނިޔޭގެ ގައުމުތަކުގައި އޭނާއާއެކު ދަތުރުކުރާނެ އަންބެކެވެ.
ކުސްރަތު ޔިލްޑްރިމް އަކީ ޖާމަނީގެ ޑޯޓްމުންޑްގައި ދިރިއުޅޭ މީހެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު އޭނާއަށް 10 މިލިއަން ޔޫރޯގެ ލޮޓަރީއެއް ކާމިޔާބުވެފައި ވެއެވެ.
މި ފައިސާގެ ބޮޑު ބައެއް އޭނާ ވަނީ ލަގްޒަރީ ކާރުތަކާއި އަތުކުރި ގަޑިތައް ގަތުމަށް ޚަރަދުކޮށްފަ އެވެ. މިހާރު އޭނާ ހޯދަނީ މި ފައިސާތައް ތަޅާ ބުރުވަމުން އޭނާއާއެކު ދުނިޔޭގެ ގައުމުތަކަށް ދަތުރުކޮށް މުޅިން އާ ހަޔާތެއް އޭނާއާއެކު ފަށަން ބޭނުންވާ ބައިވެރިއެކެވެ.
ޖަރުމަނުގެ ނޫހެއްގެ ރިޕޯޓަރަކާ ވާހަކަ ދައްކަމުން ކުސްރަތު ބުނީ އޭނާ ސިންގަލް ކަމަށާއި ހަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ މީހަކު ދެކެ ލޯބިވާން. އަހަރެންނާއެކު އެކި ގައުމުތަކަށް ދަތުރުކޮށްލާނެ ބައިވެރިޔަކު ބޭނުންވަނީ. އަދި ވަރަށް އަވަހަށް އާއިލާއެއް ފަށަން ބޭނުންވާ މީހަކު ބޭނުމީ،" ފިރިހެންމީހާ ބުންޏެވެ.
ކުސްރަތު ބުނި ގޮތުގައި އޭނާ އަންބަކު ޚިޔާރުކުރާއިރު ހަމުގެ ކުލައަކަށް ނުބަލާނެ އެވެ. އޭނާގެ އޮތް ހަމައެކަނި ޝަރުތަކީ ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އެ މީހަކު އޭނާއަށް އިތުބާރުކުރުމެވެ.
ކުސްރަތު، 41، އަށް ލޮޓަރީ ކާމިޔާބުވިއިރު މަސައްކަތް ކުރަމުން ދިޔައީ ސްޓީލް ފެކްޓްރީއެއްގަ އެވެ. ލޮޓަރީ ފައިސާތައް ލިބުމާއެކު އޭނާ ވަޒީފާ ދޫކޮށްލައި ފައިސާތައް ތަޅާ ބުރުވުމުގެ މަސައްކަތް ފެށީ އެވެ.
އެންމެ ފުރަތަމަ ވެސް އޭނާ ގަނެލީ ފެރާރީ ކާރެކެވެ. މިއީ ވަރަށް ކުރިއްސުރެ މި ކަހަލަ ކާރެއް ގަންނަން އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ގަނެފައިވާ ކާރެކެވެ.