ބޮލީވުޑް

އަކްޝޭ ނޫޅެންޏާ "ހީރާ ޕޭރީ 3" ބަލަން ބޭނުމެއް ނޫން!

"ހީރާ ޕޭރީ"ގެ ފުރަތަމަ ދެ ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅެފައިވަނީ އަކްޝޭ ކުމާރެވެ. އަދި މީގެ ތިންވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި ފިލްމުގައި ވެސް އަކްޝޭ މުހިއްމު ރޯލެއް ކުޅޭނެ ކަމަށް ފޭނުން ތިބީ އުންމީދު ކޮށްގެންނެވެ.

ނަމަވެސް "ހީރާ ޕޭރީ 3"ގައި އަކްޝޭ ބައިވެރިނުވާކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. އަދި މި ފިލްމަށް އަކްޝޭގެ ބަދަލުގައި ކާރްތިކް އާރްޔަން ވަނީ ހަމަޖައްސާފަ އެވެ.

އަކްޝޭ ފިޔަވައި "ހީރާ ޕޭރީ" ފިލްމުތަކުގައި އެންމެ މުހިއްމު ރޯލެއް ކުޅޭ ޕަރޭޝް ރާވަލް ވަނީ މިފަހަރުގެ ފިލްމުގައި އަކްޝޭ ބައިވެރިނުވާކަން ޔަގީން ކޮށްދީފަ އެވެ. އެއާއެކު އަކްޝޭގެ ފޭނުން މާޔޫސްވެ ސޯޝަލް މީޑީއާގައި މި ވާހަކަ ދައްކަން ވަނީ ފަށާފަ އެވެ. އަދި ފިލްމުގައި އަކްޝޭ ބައިވެރިކުރުމަށް ދެވަނަ ވިސްނުމަކަށް ދިއުމަށް ފޭނުން ދަނީ ފިލްމުގެ ޕްރޮޑިއުސަރުންނަށް އިލްތިމާސް ކުރަމުންނެވެ.

ސަލްމާން ޚާނާއި ޝާހް ރުކް ޚާންގެ ފޭނުން ކަމަށް ބުނާ ބަޔަކު ވެސް ސޯޝަލް މީޑިއާގައި "ނޯ އަކްޝޭ ކުމާރު، ނޯ ހީރާ ޕޭރީ 3" ލިޔެ ޓްރެންޑް ކޮށްފައި ވެއެވެ.

"ހީރާ ޕޭރީ 3" އިން އަކްޝޭ ވަކިވީ އޭނާ ކީ އަގު ޕްރޮޑިއުސަރުން ދޭން އެއްބަސް ނުވެގެން ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.
ފިލްމުގައި އަކްޝޭ ކޮންމެހެން ވެސް ބައިވެރިވާން ޖެހޭނެކަމަށް ގަބޫލުކުރާ މީހުންގެ ތެރެއިން ބައެއް މީހުން ބުނެފައިވާ ގޮތުގައި "ޕަރޭޝް އަކީ 'ހީރާ ޕޭރީ'ގެ ހިތްނަމަ އަކްޝޭ އަކީ އެ ފިލްމުގެ ފުރާނަ އެވެ. ވީމާ އަކްޝޭއާ ނުލައި އެ ފިލްމު ބަލަން ފޭނުން ބޭނުން ނުވެ އެވެ.

ކާރްތިކް މި ފިލްމު ކުޅެދޭން އެއްބަސްވީ ޚަބަރަށް ފޭނުން ވަނީ އޭނާއަށް ވެސް ހަމަލާތައް އަމާޒުކޮށްފަ އެވެ. އަދި ނަމަނަމަ މި ފިލްމު ނުކުޅެން އެމީހުން ވަނީ ކާރްތިކް އަށް އިންޒާރު ދީފަ އެވެ.