ބޮލީވުޑް

އަކްޝޭ އާއި ކާރްތިކް އަޅާ ކިޔުން ރަނގަޅެއް ނޫން

ކާރްތިކް އާރްޔަން އާއި އަކްޝޭ ކުމާރު އަޅާކިޔުން ރަނގަޅެއް ނޫން ކަމަށް ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފި އެވެ.
ސަބަބަކީ ކާރްތިކް އަކީ އިހަށް ދުވަހަކު ފިލްމު ކުޅެން ފަށައި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތު ކުރަން މަސައްކަތްކުރާ އެކްޓަރަކަށް ވެފައި އަކްޝޭ ފިލްމު ކުޅޭތާ އެތައް އަހަރެއް ވެފައިވާތި ތަޖުރިބާކާރު އަދި ކާމިޔާބު އެކްޓަރަކަށް ވާތީ އެވެ.

ބަޒްމީ މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ "ބޫލް ބުލައްޔާ 2"ގައި ކާރްތިކް ބަތަލުގެ ރޯލު އަދާކުރާއިރު މީގެ ފުރަތަމަ ފިލްމު "ބޫލް ބުލައްޔާ" ގައި ބަތަލުގެ ބައި ކުޅުނީ އަކްޝޭ އެވެ.

އޮރިޖިނަލް ފިލްމު ޕްރިޔަދަރްޝަން ޑައިރެކްޓްކޮށްފައިވާއިރު މިފަހަރުގެ ފިލްމު ޑައިރެކްޓް ކުރަނީ ބަޒްމީ އެވެ. އޭނާ ބުނީ ލޮކްޑައުން އަށް ދިޔައިރު 25 ދުވަހުގެ ޝޫޓިންގް ނިމިފައިވާ ކަމަށެވެ. ނަމަވެސް ފިލްމު ޝޫޓިންގްއަށް ބޭނުންވާ ޒާތުގެ ހަވޭލީއެއް އަދިވެސް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ފިލްމަށް ކާރްތިކް ހޮވީ އޭނާއާއެކު މަސައްކަތް ކުރަން ބޭނުންވާތީ ކަމަށް ވެސް ބަޒްމީ ބުންޏެވެ.

"ކާރްތިކްގެ 'ޕިޔާރް ކާ ޕަންޗްނާމާ' ބަލާފައި އަހަރެންނަށް އޭނާގެ ޕާފޯމަންސް ވަރަށް ކަމުދިޔަ. އެހެންވެ އޭނާއަށް މި ފިލްމު ދިނީ،" ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ބޫލް ބުލައްޔާ"ގެ އޮރިޖިނަލް ފިލްމުގައި އަކްޝޭ ވަރަށް މޮޅު ޕާފޯމަންސެއް ދައްކާފައިވާތީ މިފަހަރުގެ ފިލްމު ރިލީޒްވުމާއެކު ކާރްތިކްގެ ޕާފޯމަންސާއި އަކްޝޭގެ ޕާފޯމަންސް އަޅާ ކިޔާނެކަން އޭނާއަށް އެނގޭ ކަމަށެވެ. ނަމަވެސް ދެ އެކްޓަރުންގެ ތަޖުރިބާ އަށް ބަލާފައި މިއީ ކުރަން ރަނގަޅުކަމެއް ނޫންކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

"އަކްޝޭ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 25 އަހަރު ވެއްޖެ. ކާރްތިކް އަކީ އިހަށް ދުވަހު ފިލްމު ކުޅެން ފެށި ވަރަށް ޒުވާން އެކްޓަރެއް. އެހެންވީމާ އަކްޝޭ އާ އެއް ފެންވަރަށް ދާން އޭނާއަށް ވަގުތު ލިބެން ޖެހޭނެ،" ބަޒްމީ ބުންޏެވެ.

މި ފިލްމު ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ އަންނަ ޖުލައިމަހުގެ 31 ވަނަ ދުވަހު ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ފިލްމު އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައިވާތީ މިހާރު މި ތާރީޚުގައި ފިލްމު ރިލީޒްކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.