ބޮލީވުޑް

އަގުބޮޑު ގަޑިތަކެއް ގެނެސްގެން ޝާހް ޖޫރިމަނާ ކުރީތަ؟

ޝާހް ރުކް ޚާން ޑުބާއީ އަށް ކުރި ދަތުރަކަށްފަހު އެނބުރި މުމްބައި އަށް ގޮސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ފޭބުމާއެކު ކަސްޓަމްސް އޮފިސަރުން އޭނާ ބޮޑު ޖޫރިމަނާއެއް ކުރި ކަމުގެ ޚަބަރެއް މީގެ ދެ ދުވަހެއް ކުރިއްސުރެ ސޯޝަލް މީޑިއާގައި ވަރަށް ވައިގައި ހިފާފައި ވެއެވެ.

ޝާހް ރުކް ޖޫރިމަނާ ކުރީ ވަރަށް އަގުބޮޑު ގިނަ އަދަދެއްގެ ގަޑިތަކެއް އެތެރެކުރުމުން ކަމަށާއި ޖޫރިމަނާގެ އަދަދު ހަ ލައްކަ ރުޕީސް އަށް ވުރެ ގިނަ ކަމަށް ޚަބަރުތައް ބުނެ އެވެ.

ނަމަވެސް ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި ޝާހް ރުކް އާއި އޭނާގެ ޓީމުގެ މެމްބަރުން ހިފަހައްޓައި އެ މީހުން ގެނައި އެއްޗިއްސަށް ޑިއުޓީ ދައްކަން ކަސްޓަމްސް އޮފިޝަލުން އެންގި އެވެ. އަދި އެއީ ޖޫޜިމަނާކުރުން ނޫން ކަމަށާއި އަގުބޮޑު އެއްޗެތި މާ ގިނައިން ގެނައިމަ ދައްކަން ޖެހޭ ޑިއުޓީއެއް ކަމަށް ވެއެވެ.

ޝާހް ރުކް ޑުބާއީ އަށް ކުރި ދަތުރަކީ ޝާރްޖާ އިންޓަނޭޝަނަލް ބުކް ފެއާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ކުރި ދަތުރެކެވެ.

ފިލްމީ ރޮނގުން ބަލާއިރު ޝާހްރުކް މިހާރު ތިން ފިލްމެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެއީ ޔާޝް ރާޖް ފިލްމްސްގެ އުފެއްދުމެއް ކަމަށްވާ "ޕަތާން" އާއި ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ "ޑުންކީ" އަދި އަޓްލީ ޑައިރެކްޓްކުރާ "ޖަވާން" އެވެ. މީގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ "ޕަތާން" އެވެ.

ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް ބައިވެރިވާ "ޕަތާން" އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ރިލީޒްކުރާނެ ކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އަނެއް ދެ ފިލްމު ރިލީޒްކުރާނީ 2023 ނިމޭ ހިސާބުގައި ނުވަތަ 2024 ގައެވެ.