ނިރުފެހިގެ އަލިފާން

އިންޑިއާ ތިން މީހެއްގެ ހަށިގަނޑު ފޮނުވާލައިފި

މ. ނިރުފެހިގޭގައި ހިނިގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ ތިން މީހެއްގެ ހަށިގަނޑު އެ ގައުމަށް ފޮނުވާލައިފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ، މަރުވި މީހުންގެ ހަށިގަނޑުތައް އެމީހުންގެ އާއިލާތަކާއި ހަވާލުކުރުމުގެ ގޮތުން އެ މީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެ ގައުމުތަކުގެ އެމްބަސީތަކާ ގުޅިގެން ހަށިގަނޑުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން،" ސާމިހް ފާހަގަކުރެއްވި އެވެ.

އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

އަލިފާނުގެ ފިހުނު އިތުރު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެވެމުންދާއިރު އޭނާގެ ހާލު ރަނގަޅު ނޫން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދިވެސް ހާމަކޮށްފައި ނުވާއިރު އަލިފާން ރޯވި ތަނުގައި ގޭސް ހުރި ކަމާއި އެއްޗެއް ގޮވި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަލިފާން ރޯވި ގޭގެ ތިރީގައި ހަދާފައި ހުރީ ގަރާޖެކެވެ. އަލިފާން ފުރަތަމަ ރޯވީ ގަރާޖުގައި ކަމަށް ނިރުފެހިގެ ކައިރީގައި ދިރިއުޅޭ ބައެއް މީހުން ބުނެފައިވެ އެވެ.