ނިރުފެހިގެ އަލިފާން

އަލިފާނުގައި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވާން ދެ ލައްކަ ރުފިޔާ

މ. ނިރުފެހި ގޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް އެހީވުމުގެ ގޮތުން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އިން ހުޅުވާލި ފަންޑަށް 200،000 ރުފިޔާ ލިބިއްޖެ އެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އިންސާފާއި ހަމަހަމަ ހައްގު ހޯދައިދިނުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ އެކެވެ.

މިގޮތުން މިދިޔަ ހަފްތާ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޖަމިއްޔާއިން ވަނީ 48 ގަޑި އިރަށް ފަންޑް ރެއިޒިންގް ޕްރޮގްރާމެއް ފަށާފަ އެވެ.

އެމްއެމްޑަބްލިއުއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕްރޮގްރާމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. މިގޮތުން އެ ފަންޑަށް 1،078 އެމެރިކާ ޑޮލަރު އަދި 192،954.43 ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް އެމްއެމްޑަބްލިއުއެމް އިން ބުނެ އެވެ.

އަލިފާނުގެ ހާދިސާގައި 33 ބިދޭސީއަކު ހާލުގައި ޖެހި 10 މީހަކު މަރުވެފައިވާ އިރު ފަންޑަށް ލިބުނު ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ ބިދޭސީންނާއި މަރުވި މީހުންގެ އާއިލާތަކަށް ހަމަހަމަ އަށެވެ. އަދި ފައިސާ ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.

"މިފަދަ ފަންޑެއް ހުޅުވައިލުމުގެ މައިގަނޑި މަގުސަދަކީ ހާލުގައި ޖެހުނު މީހުންނަށް އެހީވާން ބޭނުންވާ އާންމުންނަށް އެ ފުރުސަތު ފަހި ކޮށްދީ، ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުން" އެ ޖަމިއްޔާގެ ބަޔާނުގައިި ވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަަބަބު ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު އަލިފާން ރޯވި ތަނުގައި ގޭސް ހުރި ކަމާއި އެއްޗެއް ގޮވި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ނިރުފެހިގެ ސާފުކުރަމުން އަންނަނިކޮށް އިއްޔެ ވަނީ މީހެއްގެ ފައެއް ވެސް ފެނިފަ އެވެ.

ފުލުހުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން އިންޑިއާގެ ފަސް ފިރިހެނުންނާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.