ރައްޔިތުންގެ މަޖިލިސް

ވޯޓަށް ނޭހުނީ މެންބަރުން މަދުވެގެންނެއް ނޫން: އުޝާމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމުގެ އިސްލާހު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް ނޭހުނީ މެންބަރުން މަދުވެގެން ނޫން ކަމަށް އެމްއެންޕީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވިދާޅުވީ ޓެކްސް ބޮޑުކުރާ ބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް އިސްލާހެއް ހުށަހެޅިފައި ނެތް ކަމަށެވެ.

ރިޕޯޓަށް ބަހުސްކުރަން އެއް ގަޑިއިރުގެ ވަގުތު ހުޅުވާލި އެވެ. ނަމަވެސް އެއްވެސް މެންބަރަކު ރިޕޯޓަށް ބަހުސްކުރަން އެދިވަޑައިގެންފައި ނުވެ އެވެ.

ބަހުސްކުރަން އެއްވެސް މެންބަރަކު އެދިވަޑައިނުގެންނެވުމުން އެކަން ފާހަގަކުރައްވާ ހަސަން އަފީފު ވިދާޅުވީ ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށެވެ. އެއަށްފަހު ވަނީ ޖަލްސާ ނިންމަވާލައްވާފަ އެވެ. ނަމަވެސް އެވަގުތު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދު ވިދާޅެއް ނުވެ އެވެ.

މެންބަރު އުޝާމް މިއަދު ވިދާޅުވީ ވޯޓަށް އެހޭގޮތް ނުވީ މެންބަރުން މަދުވެގެން ނޫން ކަމަށެވެ. އުޝާމް ވިދާޅުވީ ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި ތިންވަނަ ކިޔުން ނުއިއްވާ ވޯޓުލާން އިއުލާނު ނުކުރެވޭނެ ކަމަށެވެ. ވޯޓުގެ ރަނގަބީލުވެސް ނުޖަހާ ޖަލްސާ ނިންމާލީ ކަމަށާއި ރިޔާސަތުންވެސް މަޖިލީހުގެ ގަވާއިދަށް އަމަލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.