ބޮލީވުޑް

ކުރިޔަށް އޮތް ދޮޅު އަހަރު ފިލްމު ނުކުޅެން އާމިރު ނިންމައިފި

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހު އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން އާމިރު ޚާން ނިންމައިފި އެވެ.

ފިލްމު ކުޅުމުގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް އަދި މަދުން ނަމަވެސް ޑައިރެކްޓްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ އާމިރު ބުނި ގޮތުގައި އޭނާ ފިލްމު ކުޅުން ދުވަސްކޮޅަކަށް ހުއްޓާލަން ގަސްތުކުރަނީ ބްރޭކެއް ބޭނުންވާތީ އެވެ.

"ފާއިތުވީ 35 އަހަރު އަހަރެންގެ ވިސްނުން މުޅިން ވެސް ހުރީ ފިލްމީ މަސައްކަތަށް. އެއީ ހަގީގަތުގައި އަހަރެންގެ ގާތްމީހުންނަށް އެހާ އިންސާފުވެރިކޮށް ކުރެވުނު ކަމެއް ކަމަށް އަހަރެން ނުދެކެން،" ދިއްލީގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން އާމިރު ބުންޏެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްޑާ" ފްލޮޕްވުމުން އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ. އަދި އޭގެ ފަހުން އޭނާ އުޅެނީ ވަރަށް ފިލަފިލައިގެންނެވެ.
ފިލްމު ކުޅުމުން ބްރޭކެއް ނަގަންވާ އިތުރު ސަބަބުތައް ވެސް މި އިވެންޓުގައި އާމިރު ހާމަ ކުރި އެވެ.

"އަހަރެން ފިލްމެއް ކުޅޭނަމަ އެ ފިލްމަކަށް ގޮސް ގެއްލެނީ. އެހެން އެއްވެސް ކަމަކާ ފިކުރެއް ނުކުރެވޭ. ހުރިހާ ވަގުތެއް ހުސް ކުރެވެނީ އެ ފިލްމެއްގެ މަސައްކަތަށް. 'ލާލް ސިންގް ޗައްޑާ' އަށް ފަހު 'ޗެމްޕިއަންސް' ކިޔާ ފިލްމެއް ކުޅެން އަހަރެން އޮންނާނީ އެއްބަސްވެފައި. އެއީ ވަރަށް މޮޅު ސްކްރިޕްޓެއް. އަދި އެހާމެ ރީތި ވާހަކައެއް. ހިތްހަމަޖެހޭ އަސަރުގަދަ ފިލްމެއް. އެކަމަކު އަހަރެންނަށް މިހާރު ހީވަނީ އެ ފިލްމު ވެސް ނުކުޅި އިހަށް ބްރޭކެއް ނަގައި އާއިލާއަށް، ޚާއްސަކޮށް މަންމަ އާއި ކުދިންނަށް ވަގުތު ދޭންވީ ހެން،" އާމިރު ބުންޏެވެ.

އާމިރު ބުނި ގޮތުގައި މި ބްރޭކަކީ މީގެ 35 އަހަރު ކުރިން އޭނާ ފިލްމު ކުޅެން ފެށީއްސުރެ ނަގާ ފުރަތަމަ ބްރޭކެވެ.

މި ފާއިތުވީ 35 އަހަރު ތެރޭގައި އޭނާގެ ފޯކަސް ފިލްމީ މަސައްކަތަށް ހުސް ވީވީނުން ގޮސް އާއިލާއަށް ވަރަށް ބޮޑަށް އިހުމާލުވެވިފައިވާ ކަމަށް އާމިރު ގަބޫލު ކުރެ އެވެ.

"ޗުއްޓީއެއް ނަގައިގެން އާއިލާއާއެކު ހޭދަކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް އަހަރެންނަށް ހީވަނީ. އޭރުން ދިރިއުޅުމާ ދޭތެރޭ ވެސް ތަފާތު ގޮތަކަށް ބެލުމުގެ ފުރުސަތު އަހަންނަށް ލިބޭނެ. އަހަރެން މި ވިސްނަނީ ކުރިއަށް އޮތް އަހަރާއި އޭގެ އަނެއް އަހަރުގެ ވެސް އެއްބައި އެއްގޮތަކަށް ވެސް އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރަން،" އާމިރު ބުންޏެވެ.

އާމިރުގެ މަންމައަށް މިދިޔަ މަހު ވަރަށް ވަރުގަދަ ހާޓް އެޓޭކެއް ޖެހިގެން ގިނަ ދުވަސް ތަކަކު ވަރަށް ހާލުބޮޑުކޮށް އޮވެ މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅުވެ ގެއަށް ވަނީ ބަދަލުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އާމިރު ޗުއްޓީ ނަގަނީ މަންމަ އާއެކު ވަގުތު ހޭދަކުރުމަށެވެ.