ވިޔަފާރި

ޑޭޓާ ޕެކޭޖާ ނުލައި ވައިބާ ބޭނުންކުރެވޭ ޕެކޭޖުތަކެއް އުރީދޫން ތައާރަފުކޮށްފި

Jan 18, 2016
1

މޮބައިލް އިންޓަނެޓު ހިދުމަތް ބޭނުންކުރާ ޑޭޓާ ޕެކޭޖު ނުނަގައި، ވައިބާ ބޭނުންކުރެވޭ ޕެކޭޖުތަކެއް އުރީދޫން މިއަދު ތައާރަފުކޮށްފި އެވެ.

މަޝްހޫރު ސޯޝަލް ނެޓްވޯކް ވައިބާ އާއި އުރީދޫ ގުޅިގެން މިއަދު ތައާރަފުކުރި މި ހިދުމަތާބެހޭ ގޮތުން އުރީދޫ މޯލްޑިވްސްގައި މައުލޫމާތު ދެއްވަމުން ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ މި ހިދުމަތުގެ ދަށުން ޑޭޓާ ޕެކް ނުނެގި ނަމަވެސް، ވައިބާ ބޭނުންކުރުމަށް ހާއްސަކޮށްގެން ތައާރަފުކުރި ޕެޖޭޖުތައް ނަގައިގެން ވައިބާގެ ހިދުމަތް ހޯދޭނެ ކަމަށެވެ.

"މިއީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް. ޑޭޓާ ޕެކް ނެތް ނަމަވެސް ވައިބާ ބޭނުން ކުރެވޭތީ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައިބާ ޕެކް ބޭނުންކޮށްގެން ވައިބާ އިން ލިބޭ ހުރިހާ ހިދުމަތެއް ހޯދޭނެ ކަމަށެވެ.

"ވައިބާ ޕެކް ފޮޓޯ ވެސް ފޮނުވޭނެ. ސްޓިކާ ވެސް ފޮނުވޭނެ. ވީޑިއޯ ޑައުންލޯޑް ވެސް ކުރެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ މިއަދު ތައާރަފުކުރި "ވައިބާ ޗެޓް ޕެކް" ގެ ތެރޭގައި ހިމެނެނީ "ވައިބާ 5" ގެ ޕެކޭޖަކާއި "ވައިބާ 11" ގެ ޕެކޭޖެކެވެ. އެގޮތުން ވައިބާ 5 ގެ ޕެކޭޖުގައި 30 އެމްބީގެ އެލަވަންސް ހިމެނެ އެވެ. މި ޕެކޭޖު ބޭނުން ކުރެވޭނީ އެއް ދުވަހު އެވެ. މި ޕެކޭޖުގެ އަގަކީ ފަސް ރުފިޔާ އެވެ. އަދި "ވައިބާ 11" ގެ ޕެކޭޖުގައި 80 އެމްބީގެ ޑޭޓާ އެލަވަންސް ހިމެނެ އެވެ. މިއީ ފަސް ދުވަހު ވައިބާ ބޭނުން ކުރެވޭ ޕެކޭޖެކެވެ. މި ޕެކޭޖުތައް ނެގުމަށް ޕެކް އައިޑީ (ވައިބާ ޕެކް 5 ނުވަތަ ވައިބާ ޕެކް 11) ޖެހުމަށްފަހު 5555 އެސްއެމްއެސް ކުރާނީ އެވެ.

ނިިޔާޒު ވިދާޅުވީ މި ޕެކޭޖުތަކުގައި ހިމެނޭ އެމްބީއަކީ ވަރަށް އެކަށީގެންވާ ވަރެއް ކަމަށެވެ.

"މީގައި ހިމެނޭ 30 އެމްބީއަކީ ވަރަށް ބައިވަރު ވައިބާ ޗެޓް ކުރާނަމަ."

އުރީދޫން ތައާރަފު ކުރި ވައިބާ ޕެކް ޑޭޓާ ޕެކޭޖު ގެންގުޅޭ މީހުންނަށް ވެސް ނެގޭނެ އެވެ. އަދި މި ޕެކޭޖުތައް ބޭނުން އަދަދަށް ނެގެ އެވެ.