ބޮލީވުޑް

އަކްޝޭ ފިލްމު ކުޅޭ އަގު 30-40 ޕަސެންޓް ކުޑަކުރަނީ

ހިންދީ ފިލްމު އިންޑަސްޓްރީއަށް މިހާރު ވަނީ ވަރަށް ބޮޑު ކާރިސާއެއް ކުރިމަތިވެފަ އެވެ.

ބޮޑު ބަޖެޓްތަކުން ބޮޑެތި ތަރިން ލައިގެން އުފައްދާ ފިލްމުތައް ފްލޮޕްވުމުގެ ސިލްސިލާއަށް ނިމުމެއް ނައިސް ކުރިއަށް ދާތީ އެވެ. މި އަހަރު ތެރޭގައި ރިލީޒްކުރި މަދު ފިލްމަކަށް ނޫނީ މިހާތަނަށް ކާމިޔާބު ލިބިފައެއް ނެތެވެ. އަދި ގިނަ ފިލްމުތަކަށް ހޭދަކުރި ބަޖެޓް ވެސް ފޫބެއްދޭ ވަރަށް ފައިސާ ނުލިބެ އެވެ.

އަކްޝޭ ކުމާރަކީ ވެސް ބޮކްސް އޮފީހުގައި ކާމިޔާބުތަކެއް ހޯދަމުން ދިޔަ އެކްޓަރެކެވެ. ނަމަވެސް ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރިލީޒްކުރި އަކްޝޭގެ ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް ވަނީ ފްލޮޕްވެފަ އެވެ.

އަކްޝޭގެ ފިލްމުތަކުން ބެލުންތެރިންނަށް އޭނާ ދައްކަމުންދިޔަ ޖާދޫގައި ޖެހޭނެ ފޭނަކު މިހާރަކު ނެތެވެ. އެހެންވެ މާޔޫސްވެގެން ހަދާނެގޮތް ހުސްވެ ފިލްމު ކުޅެދޭ ފީ ކުޑަކުރަން އަކްޝޭ ނިންމައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އަކްޝޭ މިފަހަކުން ކުޅުނު ފިލްމުތަކުގެ ތެރެއިން "ރާމް ސެތޫ"، "ކަޓްޕުތުލީ"، "ބައްޗަން ޕާންޑޭ"، "ރަކްޝާ ބަންދަން" ވަނީ ފްލޮޕްވެފަ އެވެ.

މި ފިލްމުތައް ނާކާމިޔާބުވުމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ އަކްޝޭގެ ބޮލުގަ އެވެ. ފިލްމު އިންޑަސްޓްރީގެ މީހުން ވެސް ގަބޫލުކުރާ ގޮތުގައި އަކްޝޭ މާއަވަސް އަރުވާލާފައި ފިލްމުތައް ނިންމައި ރިލީޒްކުރާތީ އެ ފިލްމުތަކުގައި އެކަށީގެންވާ ކޮލިޓީއެއް ނުހުރެ އެވެ. މިއީ ފިލްމު ބަލަން ބެލުންތެރިން ހިތްހަމަނުޖެހެން މެދުވެރިވީ އެއް ސަބަބެވެ.

އަކްޝޭގެ ބައެއް ފިލްމުތައް ފަށާތާ 30 ދުވަހުގެ ތެރޭގައި ނިންމާފައި އެބަހުއްޓެވެ. އަދި އެންމެ ގިނަ ވެގެންވެސް އޭނާގެ ފިލްމެއް އުފެއްދުމަށް ނަގަނީ 2-3 މަހެވެ. އެހެންވެ އެހެން އެކްޓަރުން އަހަރަކު 1-2 ފިލްމު ކުޅޭއިރު އަކްޝޭ އެވްރެޖްކޮށް އަހަރަކު ހަ ފިލްމު ކުޅެ އެވެ.

އަކްޝޭ އަށް މި ހެދުނީ ގޯހެއްކަން ޚުދު އޭނާއަށް ވެސް ގަބޫލުކުރެވިއްޖެ ކަމަށް ގަބޫލުކުރެވެ އެވެ. ދާދިފަހުން އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން އަކްޝޭ ބުނީ ފިލްމުތައް ފްލޮޕްވާން މެދުވެރިވީ ސަބަބާ މެދު އޭނާ ވެސް ވަރަށް ފުންކޮށް ވިސްނައިފި ކަމަށެވެ. އަދި އެހެން އެގޮތަށް ދިމާވަނީ އާދައިގެ ބޮލީވުޑް ފިލްމުތައް މިހާރު ބެލުންތެރިންނަށް އެހާ ކަމު ނުދިއުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އަހަންނަށް ހީވަނީ އޯޑީއަންސް މިހާރު ބޭނުންވަނީ ތަފާތު ވައްތަރުތަކުގެ ފިލްމުހެން. އަހަރެމެން އުފައްދާ ފިލްމުތައް ބަލަން ބެލުންތެރިން ނުދަނީ އެއީ އެމީހުންގެ ކުށެއް ނޫން. އަހަރެމެންގެ ކުށް. އަހަރެމެންނަށް ޖެހޭނީ އޯޑިއަންސް ބަލަން ބޭނުންވާ ވައްތަރުގެ ފިލްމު އުފައްދަން. އޭރުން އެމީހުން އެ ފިލްމުތައް ބަލާނީ. އަހަރެންގެ ވިސްނުން ވެސް މިހާރު އެގޮތަށް ބަދަލުކޮށްލައިފިން،" އަކްޝޭ ބުންޏެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ލިޔުންތެރިންނަށް އަކްޝޭ އިލްތިމާސް ކުރީ އެމީހުން މަސައްކަތްކުރާ ސިސްޓަމް މުޅިން ބަދަލުކޮށްލުމަށެވެ. އަދި އާ ޚިޔާލުތަކާއި އާ ގޮތްގޮތަށް ފިލްމު އުފެއްދުމުގެ މަސައްކަތް އާ ހިތްވަރެއް ލާފައި ފެށުމަށެވެ. މިހާރު މަސައްކަތްކުރާ ގޮތް ބަދަލުކުރަން ދެވަނަ ވިސްނުމަކަށް ދިއުމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ޕެންޑެމިކް ތެރޭގައި ފިލްމު ބަލާ މީހުންގެ ޗޮއިސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އެހެންވެ ވަރަށް ގިނަ ކަންތައްތައް އަހަރެމެން ވެސް އެބަކުރަންޖެހޭ. ފުރަތަމަ ކަމަކީ ފިލްމު ކުޅޭ އަގުތައް ދަށްކުރުން. އަހަރެން ފިލްމު ކުޅޭ އަގު 30-40 ޕަސެންޓް ކުޑަކުރަން އަހަރެން ބޭނުންވޭ. އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ސިނަމާތަކުގެ ވެރިން ވެސް މިގޮތަށް ވިސްނުން ބަހައްޓަން އަހަރެން އެދެން،" އަކްޝޭ ބުންޏެވެ.

ސިނަމާތަކުގެ ވެރިންނަށް ވެސް އަކްޝޭ ފާޑުކިޔެވެ. ފިލްމު ބަލަން ސިނަމާތަކަށް ވަންނަ މީހުން މަދުވާ އެއް ސަބަބަކީ ޓިކެޓް އަގުބޮޑުވުން ކަމަށް އަކްޝޭ ގަބޫލު ކުރެ އެވެ.

"ބޮޑު ޕެންޑެމިކް އަކުން އަރައިގަންނަން އެންމެ މަސައްކަތްކުރާއިރު މީހުންގެ އަތުގައި މުނިފޫހިފިލުވުމަށް ޚަރަދުކުރާނެ މާގިނަ ފައިސާއެއް ނުހުރޭ. މިކަން ސިނަމާތަކުގެ ވެރިން ގަބޫލުކުރަން ޖެހޭނެ،" އަކްޝޭ ބުންޏެވެ.