ވާހަކަ

އިޙްސާސްވޭ

( 13 ނޮވެމްބަރ 2022 އާ ގުޅޭ )

"ހާދަ ލަސްވަނީ." މިއުވާނު ނައިސް ލަސްވާތީ މަލަކްއަށް ކިޔާލެވުނެވެ. ފޯނުން ގަޑި ވެސް އިރުއިރުކޮޅާ ބެލެއެވެ.

މަލަކް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކުރިމައްޗަށް މަޑުކޮށްލި ސައިކަލުން ފޭބި ދައްޔާނު ފެނިފައެވެ. އޭނާ ނިކަން ހުސިޔާރެވެ. ސައިކަލުން ފޭބި ގޮތަށް މަލަކްގެ ކައިރިއަށް ބޮޑު އެއްފިޔަވަޅު އަޅާލި ކަހަލައެވެ. މަލަކްގެ އަތުގައި ދައްޔާނު ހިފިއެވެ.

"މަލްއާ ވާހަކަދައްކަން އަހަރެން ބޭނުން." ދައްޔާނު ވަގުތުން ބުނެލިއެވެ.

އެހިނދު މަލަކްގެ ދެބުމަކައިރިވެ ރުޅިވެރިކަމާއެކު ދައްޔާނުގެ އަތްފޮޅުވާލިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ދައްޔާނު ހުރީ އެވަރު ވިސްނައިގެން ކަހަލައެވެ. އޭނާގެ ކުރިމަތިން މަލަކް ފިލާނޭ ފުރުޞަތެއް މިފަހަރު ނުދިނެވެ.

"ކަމް ވިތް މީ." ދައްޔާނު ބުންޏެވެ. މަލަކްގެ އަތުގައި ހިފައިގެން ހުރެ ދައްޔާނު އުޅުނީ ދުވާރުކައިރީ ބެހެއްޓި ސައިކަލާ ދިމާއަށް އަންނާށެވެ. ނަމަވެސް މަލަކް ގަދަ ހަދާލީއެވެ.

"ދޫކޮށްލާ. ކޮންތާކަށް އަހަރެން ގެންދަން ތިއުޅެނީ. ނުދާނަން... އެއްވެސް ތާކަށް ޔާނުއެކީ ނުދާނަން. ދުވަހަކުވެސް ނުދާނަން." މަލަކްގެ އަޑުގައިވީ ނުރުހުމާއި ހަރުކަށިކަމެވެ.

"ކީއްވެ ނުދާންވީ. މަލްއަށް ކިހިނެއްތަ ވެގެން ތިއުޅެނީ. ކިހާ ވަރަކަށް އަހަރެން ގުޅަނީ. ކިތައް މެސެޖު ކުރީން. ކީއްވެ އަހަންނާ ވާހަކަދައްކަން ބޭނުންނުވަނީ. ކުއްލިއަކަށް ވާހަކަދެއްކުން ހުއްޓާލަންޖެހޭ ސަބަބެއް އޮންނަންވާނެއެއްނު. މަލް ތިހާ ޗޭންޖުވާންޖެހުނީ ކީއްވެ؟. އަހަންނަށް ކުރެވުނުކަމެއް ބުނެބަލަ... މަލްދެކެ ލޯބިވާކަން އެނގޭތީވެ އަހަރެން ތަޅުވަނީތަ؟. ނޫނީ އެހެން މީހަކު މަލްއަށް ފެނުނީތަ؟." މަލަކްގެ ޢަމަލްތައް ނަގައިގަންނަން ނޭނގި ދައްޔާނަށް ވެސް ވާހަކަދެއްކުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.

"ޔާނު ބޭނުންކަންތައް ވެއްޖެއެއްނު." މަލަކްގެ ޖުމްލައިން ދައްޔާނު ސިހުނެވެ.

"އަހަރެން ބޭނުންވީ ކޮންކަމެއް؟." ދައްޔާނަށް އަހާލެވުނެވެ. އޭނާ މަލަކްދެކެ އަބަދުވެސް ލޯބިވެއެވެ. އެ ލޯބި ނަފުރަތުގެ ސިފަ ޚިޔާރުކުރި ދުވަސްތަކެއް އައެވެ. ދެވަނަ ފަހަރަށް މަލަކްގެ ކުރިމައްޗަށް އައީ އެ ނަފުރަތުގެ އަލިފާނުގައި މަލަކްގެ ކައިރިން ބަދަލު ހިފާށެވެ. ނަމަވެސް ކަންތައްވީ ދައްޔާނު ވެސް ހީނުކުރާ ގޮތަކަށެވެ. މަލަކްގެ މައްޗަށް އަނިޔާވެރިވާހާ އޭނާގެ ހިތް ހަރެއްނުވިއެވެ. އެ ސިއްރު ރޭވުންތަކުގެ ޚަބަރު ހަމައެކަނި އެނގޭނެ މީހަކަށް ދައްޔާނުގެ ހުރީ އޭނާގެ ބޭބެ މިއުވާނެއެވެ. މަލަކްގެ ޖުމްލައިން އޭނާ ސިހޭގޮތްވީ އެހެންވެއެވެ. މަލަކްއަށް ސިއްރުކޮށްފައި ކަންތައްތަކެއް އޮތީމައެވެ. ކުޑަހިނދުކޮޅަކަށް ވިޔަސް އޭނާގެ އެ ސިއްރުތައް މަލަކްއަށް އެނގުނީއޭ ހީކުރެވުނެވެ.

"މިތަނަށް އައީ ކީއްކުރަން. އަހަރެން ބުނީމެންނު ލާރި ހިފައިގެން ދާނަމޭ... ހީކުރީ އަހަންނަށް ލާރި ދޭން ނުލިބޭނެކަމަށްތަ؟." އަލިފާނުގެ ބެލުމަކުން ދައްޔާނަށް ބަލަން ހުރެ މަލަކް ވާހަކަދެއްކީ ދަތްކުނޑިވިކާލައިގެންނެވެ.

"ކޮން ލާރިއެއް؟." ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ދައްޔާނުގެ ހައިރާންކަންވީ އިތުރެވެ. މަލަކްގެ ޢަމަލްތައް ނަގައިގަންނަން ނޭނގުނުއިރު އެ އަންހެންކުއްޖާ ދައްކާ ވާހަކައެއް ވެސް ދައްޔާނަށް ދޭހައެއް ނުވެއެވެ.

"ބުނިވަރަށްވުރެ އިތުރަކަށް ނުލިބޭނެ. މިއަދު ޖެހޭނީ މިކަން ނިންމަން. އެއްފަހަރާ އެވަރު ދިނީމަ ހުރިހާ ކޮޕީއެއް ނައްތާލާނަމޭ ބުނީމެންނު. މިހާރު ދެން މީޓިން ޕޮއިންޓަށް ދާކަށް ނުޖެހޭނެއެއްނު. ތިހުރީ އަމިއްލަ އައިސް. އެހެންވީމަ މަޑުކުރޭ... ދެން ނުވާނެ ގިނައިރެއް. ފައިސާ ހިފައިގެން އެބާދޭ." މަލަކް ބުންޏެވެ.

"ފޯ ގޯޑް ސޭކް މަލް... ކޮން ފައިސާއެއްތަ؟. ސީރިއަސްކޮށޭ... މަށަކަށް ނޭނގޭ ތިކިޔާ އެކައްޗެއް ވެސް. އަހަރެން ކޮންއިރަކު ފައިސާ ދޭށޭ ބުނީ. އެހެންނޫނަސް ކޮންކަމަކުތަ އަހަރެން މަލް އަތުން ފައިސާ ނަގަންވީ. ކޯއްޗެއް ނައްތާލާ ވާހަކައެއްތަ ތިދައްކަނީ." ދައްޔާނު ބުންޏެވެ.

ވަގުތުކޮޅަކަށް މަލަކްގެ ހަރަކާތްތައް މަޑުޖެހުނެވެ. އޭނާގެ ބެލުމުގައިވީ ނުރުހުމުގެ އަސަރު ބަދަލުވާންފެށިއެވެ. ފަރުވާތެރިކަމާއެކު ދައްޔާނުގެ ދެ ލޮލަށް ނަޒަރު ހުއްޓާލައިގެން މަލަކް ހުރީއެވެ. ދައްޔާނުގެ މޫނުމަތިން ހައިރާންކަމާއި ވާނުވާ ނޭނގިގެން އުޅޭ މީހަކުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ.

"ޔާނު ހުރިހާކަމެއްކޮށްފައި ނޭނގެއޭ ތިބުނަނީ. ހައު ކުޑް ޔޫ." މަލަކް ބުނެލީ މަޑުމަޑުންނެވެ.

"ނޭނގެއޭ މިބުނަނީ ހަމަ ނޭނގޭތީ. އެކަމަކު މިހާރު ޔަގީންވެއްޖެ އަހަންނަށް ގޯހެއް ހެދިއްޖެކަން. މަލް... ޕްލީޒް. އަހަންނަށް ކުރެވުނީ ކޮންކަމެއް. މަލް ބުނީމަ އަހަންނަށް އެނގޭނީ. ޚިޔާލަށް ވެސް ނުގެނެވޭ އަހަންނަށް ކުރެވިގެން މިއުޅެނީ ކޮންކުށެއްކަން." ދައްޔާނުގެ އަޑުގައި މަޑުމައިތިރިކަމާއި އާދޭސްވިއެވެ.

"އަތުން ދޫކޮށްލާ." މަލަކް ބުންޏެވެ.

"އަހަރެންގެ ކުރިމަތިން ނުފިލާ މަތިން." ދައްޔާނު ބުންޏެވެ. ޖަވާބެއްގެ ގޮތުން މަލަކް ބޯޖަހާލިއެވެ.

އަތުގައި އޮތް ފޯނު މަލަކް ހުޅުވިއެވެ. ބްލެކްމެއިލަރު ފޮނުވާފައި ހުރި މެސެޖު ލޮގު މަލަކް ހުޅުވިއެވެ. އަދި ދައްޔާނަށް ފޯނު ދައްކާލިއެވެ. އެއީ ހުރިހާކަމެއްގެ ހެކިކަން މަލަކް ބުންޏެވެ. އެކަން ކުރަނީ ދައްޔާނުކަން އެނގެޔޭ މަލަކް ބުނެލިއެވެ. ދައްޔާނަށް ފޯނުގައި ހުރި މެސެޖުތައް ފެނުމުން ޤަބޫލުކުރަން ދަތިވިއެވެ.

"ކޮންވީޑިއޯއެއްގެ ވާހަކަ އެ ދައްކަނީ. މަލް ކިހިނެއް ނިންމީ މީ އަހަރެން ކުރާކަމެއްކަން. ހުވާކޮށްފައި ބުނަން، މިކަމުގައި އަހަރެންގެ އެއްވެސް ބައިވެރިވުމެއްނެތް. ކީއްވެ މަލް ނުބުނީ. އަހަންނަށް ޝައްކުކޮށްގެން ދޯ ތިހުންނަނީ. އެކަމަކު މީ ކާކުތަ؟. މަލް އެނގޭ މީހެއް މިކަން މިކުރަނީ." ދައްޔާނު ދެފަރާތަށް ބޯހޫރާލާފައި ވާހަކަދެއްކިއެވެ.

"ޔާނު ނޫނީ ކާކަށް އަހަރެމެންގެ ވީޑިއޯ ކުރެވޭނީ." މަލަކް ވަގުތުން ފެންކަޅިވެއްޖެއެވެ. ދައްޔާނު ބުނާ ފަދައިން އެކަމުގައި އޭނާގެ އަތެއް ނުވެޔޭ މަލަކްގެ ޟަމީރަށް ހީވަނީއެވެ. އެކަމަކު ޤަބޫލުކުރާން ދަތިވަނީއެވެ. ބަންދުކޮޓަރިއެއްގެ ތެރޭ ދެ މީހުން ސިއްރުން ކުރިކަމެއް ވީޑިއޯ ކުރާނީ އެކަން އެނގޭ މީހެކެވެ.

"ވަޓް ޑޫ ޔޫ މީން." މަލަކްގެ ކޯތާފަތުގައި ދައްޔާނުގެ ކަނާއަތް ޖައްސާލުމާއެކު އަހާލިއެވެ.

"ވީޑިއޯ..." ވީޑިއޯގެ ވާހަކަ ކިޔައިދޭން އުޅެފައި މަލަކް ހުއްޓާލިއެވެ. އޭނާއަށް ރޮވުނީއެވެ. އެ ވީޑިއޯއަކާ ހެދި އޭނާ އެ ހުންނަނީ ދުނިޔޭން މޮޔަވާވަރުވެފައެވެ.

ދައްޔާނުގެ މޭގައި މަލަކް ގެނެސް ޖައްސާލުމާއެކު ނުރޯށޭ އޭނާ ބުންޏެވެ. ވެގެން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ކޮންމެވެސް ވަރަކަށް ދައްޔާނަށް ނަގައިގަންނަން މިހާރު އެނގިއްޖެއެވެ. މީހަކު މަލަކް ބްލެކްމެއިލް ކުރަނީކަމެވެ. އެބުނާ ވީޑިއޯއެއްގައިވަނީ ކޮންއެއްޗެއްކަމެއް ދައްޔާނުގެ ތަސައްވުރުގައި ވެސް ނުވެއެވެ. ދުވަހަކުވެސް މިނޫނީ މަލަކްގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިތަނެއް ދައްޔާނު ނުދެކެއެވެ. އޭނާގެ ނަޒަރު މަލަކްއަކީ އެއްވެސް ކަމެއްގައި ފަސްޖެހޭނެ ކަހަލަ އަންހެންކުއްޖެއް ނޫނެވެ. އެއަށްވުރެ ހިތްވަރުގަދަ ކަންކަމުގައި ގޮންޖަހާލަން ކެރޭ އަންހެންކުއްޖެކެވެ. އެކަމަކު އޭނާގެ މޭގައި މިވަގުތު ލައްވެލައިގެން ހުރެ ރޮމުން އެދާ އަންހެންކުއްޖާގެ ފުށުން ފާޅުވަނީ ނާޒުކުކަމެވެ. ބަލިކަށިކަމާއި ހިތްހަލާކުވެފައިވާކަމުގެ އަސަރެވެ.

ކިތަންމެ ރުޅިއެއް އާދެވި ދައްޔާނުގެ މައްޗަށް ޝައްކު ކުރެވުނަސް އެ ދެއަތުގެ ހިމާޔަތް ލިބުނު ހިނދު މަލަކްއަށް ބަޔާންކުރާން ނޭނގޭ ފިނިކަމެއް ހިތަށް ލިބިގެންދިޔައެވެ. ދައްޔާނުގެ ވާހަކަ ޤަބޫލުކުރާން އޭނާގެ ހިތާއި ޟަމީރު އެދެންފެށިއެވެ. މަލަކްގެ ބޮލުގައި ދައްޔާނު މަޑުމަޑުން ފިރުމަމުން ހުއްޓާލުމަށް ބުނަމުން ދިޔައިރު އެ އަޑުގައި އޯގާތެރިކަންވާކަން މަލަކްއަށް އިޙްސާސް ކުރެވެއެވެ. ހިތަށް ލިބިފައިވި ނުތަނަވަސްކަމުގެ އުދާސްތައް ކަރުނައިގެ ސިފައިގަ މަލަކް ބޭރުކޮށްލިއެވެ. އެ ހުރިހާއިރު އެ ދެޒުވާނުން ތިބީ މަގުމަތީގައި ކަމެއް ވިސްނައެއް ނުލެވުނެވެ. ދައްޔާނު ހުރީ ދެމެދުގައި ޖެހިގެން އުޅޭ ކުންޏަކީ ކޮބާކަން ނޭނގެނީސް މަލަކް ދިޔަނުދޭން ގަސްދުކޮށްފައެވެ. އަނެއްކޮޅުން މަލަކް ހުރީ ދައްޔާނުގެ ކިބައިން ސަލާމަތްވާނޭ ފުރުޞަތަކަށް ބަލަބަލައެވެ. އެހެންވިޔަސް ދެމެދަށް ވެރިވެފައި އޮތް ކިލަނބުކަން ރުޅީގެ ސިފައިގައި ވިޔަސް މަޑުމަޑުން ސާފުވެއްޖެއެވެ. ދެ ހިތުގައި އުފަންވި ލޯބި ފަނޑުނުވާކަމުގެ އިޙްސާސް އެކަކުއަނެކަކަށް ކުރެވެއެވެ. މަޑުމަޑުން ދެ ލޯ ފުހެލާފައި މަލަކް ދުރަށް ޖެހިލިއެވެ. އަތް ދަބަހުގެ ތެރެއިން މަލަކް ނެގީ ޕެންޑްރައިވް އެވެ.

"މީ އެ ވީޑިއޯ. މި ބެލީމަ އެނގޭނެ ޔާނުއޭ މިކަން ކުރީ ބުނަނީ ކީއްވެކަން." މަލަކް ބުނެލިއެވެ.

"ކަމް ވިތް މީ. ޕްލީޒް. އަހަރެން ބޭނުން މިކަން ހައްލުކުރަން." މަލަކްގެ އަތުގައި ދައްޔާނު ހިފާލިއެވެ. މާނަވީ ބެލުމަކުން ދައްޔާނަށް ބަލަން ހުރެފައި މަލަކް ބޯޖަހާލިއެވެ. އަދި އެއްފަހަރު ދައްޔާނަށް އިތުބާރު ކުރަން މަލަކްގެ ޟަމީރު ބުނީއެވެ. އޭނާ ދައްޔާނާއެކު އައިސް ސައިކަލަށް އެރިއެވެ.

"އަހަރެންގެ ގެއަށް މިދަނީ. ލެޕް އިންނާނީ ގޭގައެއްނު. ދެ މީހުން ހަމަޖެހިގެން މިވެގެން އުޅޭ ގޮތެއް ނިންމާނީ." ސައިކަލު ދުއްވާލަމުން ދައްޔާނު ބުންޏެވެ. މަލަކް ވަކި އެއްޗެއް ނުބުނެ އިނީއެވެ. ދައްޔާނު އެ ހިމޭންކަން ވެސް ބަލައިގަތެވެ.

ދޮރޯށިން އެތެރެއަށް އަޅަން ނެގި ފިޔަވަޅާއެކު މަލަކްއަށް ހުއްޓެވުނެވެ. އޭނާގެ އަތްފައި ފިނީވީއެވެ. ހުރިހާކަމެއްގެ ފެށުމަކީ އެގެއެވެ. އެ ވީޑިއޯއެއް ވުޖޫދަށް އަންނަން ޖެހުނީ ދައްޔާނާއެކު އެގެއަށް މަލަކް އައީމައެވެ. ކައިވެނީގެ ކުރީން ނުކުރާން ނިންމި އެތައްކަމެއް އިމުން ފަހަނައަޅައި ދާން ޖެހުނީ ކޮޓަރީގައި ދައްޔާނާއެކު އެކަނިވީ ވަގުތެވެ. އަމިއްލަ ނަފްސުގެ އަގު ނަގާލައި އިއްފަތްތެރިކަން ހަދިޔާކުރީ ހަވާނަފްސުގެ އުފަލަށެވެ. ކުޑަހިނދުކޮޅެއްގެ އަރާމަށެވެ. ޟަމީރުގެ އަޑުލުން ކަންފަތަށް އިވުނީ މަސްތުކަން ފިލާ ދިޔަ ހިނދުއެވެ.

"މަލް. އިޓްސް އޯކޭ." ގޭތެރެއަށް ވަދެ ހުރި ދައްޔާނު ގޮވާލިއެވެ. އޭނާގެ ކަނާއަތް މަލަކްއާ ދިމާއަށް ދަމާލެވިފައި ހުއްޓެވެ. އެ އަތުގައި މަލަކް ހިފާލިއެވެ. ކުށުގެ އިޙްސާސާއި އެކަމުން ލިބުނު ލަދުވެތިކަން މިއަދު މަލަކް އިސްއުފުލާލަން ފުރުޞަތެއް ނުދެއެވެ.

"ނުލައްޕާތި." ކޮޓަރިއަށް ދެ ޒުވާނުން ވަދެ ދައްޔާނު ދޮރު ލައްޕަން އުޅުނު ހިނދު މަލަކް ބުންޏެވެ. އެއްބަސްވުމުގެ ގޮތުން ދައްޔާނު ބޯޖަހާލިއެވެ. އޭނާ ދެން އައިސް ލެޕްޓޮޕް ހިފައިގެން އެނދުގައި އިށީނެވެ. މަލަކް ދިން ގޮތަށް އޭނާގެ މުށުތެރޭ އެ ޕެންޑްރައިވް އޮތެވެ. ލެޕްޓޮޕް ހުޅުވުމާއެކު އަވަހަށް ޕެންޑްރައިވް ޖެހިއެވެ. މަލަކް މަޑުމަޑުން ދައްޔާނާ ދުރަށް ޖެހުނެވެ. އެ ވީޑިއޯ ދައްޔާނު ބަލާއިރު ކައިރީގަ ހުންނަން އޭނާއަށް އުނދަގޫވީއެވެ. ނަމަވެސް މަލަކް ހުރީ ދައްޔާނަށް ނަޒަރު ހުއްޓާލައިގެންނެވެ. ވީޑިއޯ ބަލަންފެށި ދައްޔާނުގެ މޫނު ހުދުވެގެން ދިޔައެވެ. އެހާމެ އަވަހަށް އޭނާ ދަތްކުނޑިވިކާލައިފިއެވެ. ދެބުމަކައިރިވެ ނިތަށް ރޫގިނަވެލިއިރު އޭނާ އިނީ ރުޅިއައިސްފަކަން ބުނަން އެނގޭނެއެވެ. ކުއްލިއަކަށް ލެޕްޓޮޕް ލައްޕާލި ގޮތަށް ދައްޔާނު އެނދުން ތެދުވިއެވެ. ކޮޓަރީގައި އެނދާ ކުރިމަތިވާނޭހެން ބިތުގައި ޖައްސާފައި ހުރި ފޮތްހަރުގަނޑު އޭނާ ހާވަންފެށިއެވެ. އެއާއެކު މަލަކްގެ ސިކުނޑިއަށް އެއްޗެއް ވިސްނިއްޖެއެވެ. ވީޑިއޯގެ މަންޒަރުތައް ހުރީ އެ ދިމާގައި ހުރި ކެމެރާއަކުން ނަގާފައި ހުރިހެންނެވެ. ދައްޔާނުގެ ވިސްނުންތޫނުކަމެވެ. އޭނާ އެ ހޯދަނީ ކެމެރާކަން ޔަގީނެވެ. ނަމަވެސް އޭނާގެ ހަރަކާތްތައް މަޑުޖެހި ފުންނޭވާއެއް ދޫކޮށްލީ އިސްޖަހާލައިގެން ހުރެއެވެ. ދެން އޭނާ ބަލާލީ އެއްފަރާތުގައި ހުރި މަލަކްއަށެވެ. މާޔޫސްވެ ދެރަވެފައި ހުރެއެވެ.

"އައި އޭމް ސޮރީ." ދައްޔާނު ވަގުތުން ބުންޏެވެ.

"ޔޫ ވާ ރައިޓް. އެކަމަކު... ޕްލީޒް ބިލީވް މީ. އަހަރެން ކުރިކަމެއްނޫންމީ." ދައްޔާނު މަޑުމަޑުން ބުނެލިއެވެ.

"ޔާނުގެ ކޮޓަރީގަ ކެމެރާއެއް ހުރިއިރު ކީއްވެ ނޭނގެންވީ. އެ ވީޑިއޯ ޔާނުއަށް ފެނިއްޖެއެއްނު. ޓާގެޓްއަކީ އަހަރެން. އެ ލީކްވެއްޖެއްޔާ އަހަރެންގެ މުޅި ލައިފް ދިޔައީ." މަލަކް ބުންޏެވެ.

"އެހެން ނޫކުރޭ. އަހަރެން އެހެންވިޔަ ނުދޭނަން. އަހަރެންގެ އަމިއްލަ ގޭގަ އަހަންނަށް ފާރަލާ މީހަކު ހުރެދާނެކަމަކަށް ހިޔެއްނުކުރަން. ކޮންމެގޮތެއް ވިޔަސް މިގޭ ތެރެއިން މިކަން ވެފަ މިއޮތީ. އަހަރެން ހޯދާނަން މިކަން ކުރި މީހަކު. މިހާރު އެތަނުގަ ކެމެރާއެއްނެތް. އެ ނަންބަރަށް ގުޅާބަލަ. ގުޅާފަ ސްޕީކަރަށްލާ." ދައްޔާނު ބުންޏެވެ. މަލް ވަގުތުން އެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. އެއާއެކު މިއުވާނުގެ ޚަބަރެއް ވެސް ނުވާކަން ވެސް މަލަކްއަށް ހަނދާންވިއެވެ.

"ރުފިޔާ ހިފައިގެން ދާނަމޭ އަހަރެން ބުނިން. އޭގެ ފަހުން ބައިގަޑިއިރު ފާއިތުވެއްޖެ. ކީއްވެކަމެއް ނޭނގެ އޭނާ ނުގުޅީ. މެސެޖެއް ވެސް ނުކުރިއެއްނު." މަލަކް ބުންޏެވެ.

"ކިހިނެއް މަލް އެ ފައިސާ އެއްކުރީ. މަންމަމެން އަތުންތަ؟." ދައްޔާނު އަހާލިއެވެ.

"މަންމަމެން ކައިރީ ކިހިނެއް ބުނާނީ. އެމީހުން ސުވާލުކުރާނެ. އަހަރެން ސައިކަލު ވިއްކާލަން އުޅުނީ. ކްލޯޒް ފްރެންޑަކަށް އަހަރެންގެ ސިޗުއޭޝަން އެނގުނީމަ ބުނީ ހެލްޕްވާނަމޭ. އޭނާ ފައިސާ ހިފައިގެން އަންނަނީއޭ ބުނީމަ މަޑުކޮށްގެން ހުރީ. އެކަމަކު އޭނާގެ ޚަބަރެއް ވެސް ނުވޭ." މަލަކް ބުންޏެވެ.

"އޭނާ ކައިރީ ބުނޭ ފައިސާ ގެންނާނެކަމެއްނެތޭ." ދައްޔާނު ބުންޏެވެ.

"ޔާނު ނުކުރަންޏާ ތިބުނަނީ މިގޭ މީހަކު ކުރިކަމެކޭތަ އެއީ." މަލަކްގެ ލޮލުގައިވާ ޝަކުވާ ދައްޔާނަށް ފެނެއެވެ.

"އަހަރެންގެ ރައްޓެހިންނެއް ގެއަށް ހޯދާކަށް ނާންނާނެ. މި ކޮޓަރިއަށް އަހަރެން ގެނައީ މަލް އެކަނި. އެހެން އެއްވެސް މީހަކަށް އެ ފުރުޞަތެއް ދީފައެއް ނުވާނެ. އެހެންވީމަ ދުރުން މީހަކު އައިސް އަހަރެންގެ ކޮޓަރިއަށް ވަދެ ކެމެރާ ހަރުކުރާނީ ކިހިނެއް. ޤަބޫލުކުރަން އަހަންނަށް ވެސް ފަސޭހައެއްނޫން. މިގެއިން މީހަކު މަލް ޓާގެޓަކަށް ހެދުމަކީ އަހަންނަށް ވެސް ދެރައެއް ދިނުން ފަދަ ކަމެއް. މަންމައާއި ބައްޕަ ފިޔަވައި މިގޭގައި މިއުޅެނީ އަހަރެންގެ ދެ ބޭބެއާއި ކޮއްކޮ. މަންމައާއި ބައްޕަ އެވަރުގެ ވިޔާނުދާކަމެއް ނުކުރާނެކަން އަހަންނަށް ޔަގީން." ދައްޔާނު ވަނީ އިންތިހާއަށް މާޔޫސްވެފައެވެ. އެވަރުގެ ހުތުރުކަމެއް ކުރާން ކެރުނީ އޭނާގެ ޢާއިލާއިން ކާކަށްބާއޭ އޭނާ ހިތަށް އަރައެވެ. އެމީހެއްގެ ލަދެއް ވެސް ނުހައްދަވާކަން ޔަގީންވެއެވެ.

"މަލް ގެއަށް ލައިދޭނަން ހިނގާ. އެކަމަކު ބުނަން. އަހަރެން ގުޅީމަ ފޯނު ނަގާތި. އެ ބްލެކްމެއިލް ކުރާ މީހާ ގުޅައިފިއްޔާ އަހަންނަށް އަންގާތި. މެސެޖެއް ކޮށްފިއްޔާ އެ މެސެޖު ވެސް އަހަންނަށް ފޯވަޑް ކުރާތި. މަލްއަށް ފުރަތަމަ ވެސް ޝައްކުވެގެން ވިޔަސް އަހަންނަށް ތުހުމަތުކުރެވުނު ހިނދު ބުނިނަމަ. ނަސީބެއްނު ތި ފައިސާތައް އެމީހަކަށް ނުދެވެނީސް މިކަން އަހަންނަށް އެނގުނުކަން. ކިތައް ދުވަހު ކިތައް ފަހަރު ތިގޭ މަގުން ދުއްވަނީ." ދައްޔާނު ބުންޏެވެ.

"އަހަންނަށް ހަދާނޭ ގޮތެއް ނޭނގުނީ. ޔާނުއާ ވާހަކަދައްކަން ބޭނުންނުވީ އިތުރަށް ޑިސެޕޮއިންޓްވާން ޖެހިދާނޭ ހީވެގެން. ޔަގީންކޮށްގެން ހުރީ ޔާނު ކުރާކަމެއްކަން. އަހަރެން ކައިރިން ބަދަލުހިފަން އުޅެނީއޭ ވެސް ހިތަށް އެރި." މަލަކް ބުންޏެވެ. އޭނާގެ ކޯތާފަތުގައި ދައްޔާނު ފިރުމާލިއެވެ. ވީޑިއޯ ލީކުވިޔަ ނުދޭނެކަމުގެ ޔަގީންކަން ދައްޔާނު ދިނެވެ. އޭނާ ގޭތެރެ އެފުށްމިފުށަށް ޖަހާލައިގެން ވިޔަސް އެކަން ކުރި މީހަކު ހޯދާނޭކަން ބުންޏެވެ. ވީއިރު ދައްޔާނަށް އިތުބާރު ކުރާން މަލަކް ކައިރިން އެދުނެވެ.

ދޮރާށި ކައިރިއަށް ދައްޔާނާއެކު ނުކުމެ ހުރި މަލަކް ފޯނުން ގުޅޭތޯ މަސައްކަތް ކުރިއެވެ. އިރުއޮއްސި ހަތެއް ޖެހުމާ ކައިރިވެއްޖެއެވެ. މިއުވާނު ފައިސާ ހިފައިގެން ގެއިން ނުކުންނަމުން އޭނާއަށް ގުޅީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. އޭނާ އަދިވެސް ނުގުޅައިގެން އުޅެނީ ކީއްވެކަމެއް މަލަކްއަކަށް ނޭނގެއެވެ. މިއުވާނު ފޯނެއް ނުނަގައެވެ. ރިންގުވެފައި ކޯލު ކެނޑެނީއެވެ. އެހާވަރުން މަލަކް އޭނާއަށް އެގުޅަނީ ދައްޔާނު ބުނިހެން ފައިސާ ގެންނާނެކަމެއް ނެތޭ ބުނާށެވެ. އެކަން ހައްލުވާނޭ މަގެއް ފެނިއްޖެކަން ބުނާށެވެ.

"މާނު ވެސް ފޯނެއް ނުނަގާ." މަލަކްއަށް ބުނެވުނެވެ. އެ އަޑު ސައިކަލު މަތީ އިން ދައްޔާނުގެ ސަމާލުކަން ހޯދިއެވެ. މަލަކް ސައިކަލު ފަހަތަށް އަރާ ހަމަޖެހިލުމާއެކު ދައްޔާނު ސައިކަލު ދުއްވާލީއެވެ.

"މާނުތަ ކިޔަނީ އެ ފްރެންޑަށް." ދައްޔާނު އަހާލިއެވެ.

"މިއުވާން އަސްލުނަމަކީ." މަލަކް ބުންޏެވެ. އެހިނދު ދައްޔާނަށް ސައިކަލުގެ ބުރަކީގައި ހިފާލެވުނީ ބޭއިޚްތިޔާރުގައެވެ.

* * * * *

ފައިސާ ހުރި ބެކްޕެކް ކުރިމައްޗަށް ވާހެން އަޅުވާލައިގެން މިއުވާނު ގެއިން ނުކުތެވެ. އިރުއޮއްސި އަނދިރިކަން ވެރިވާން ފަށާފައި އޮތް ވަގުތެވެ. މަގުގައި ދިރޭ ފުރާނައެއްގެ ހިލަމެއް ނެތެވެ. އޭނާ އައިސް ގޭ ކުރިމަތީ ޕާކުކޮށްފައި ހުރި ސައިކަލު ނެރެން އުޅުނެވެ. އެވަގުތު ނިކަން ބާރަށް ސައިކަލެއް އަންނަ އަޑު އިވުނެވެ. ސައިކަލު ފަހަތަށް ޖަހާފައި ވެސް ނުނެރި މިއުވާނު މަޑުކޮށްލީއެވެ. މުޅި ބޯ ނިވާވާވަރުގެ ކަޅު ހެލްމެޓު އަޅައިގެން ދެއަތަށް އަންގިލައްވާފައި ތިބި ދެ މީހުން ސައިކަލުގައި އައީ މިއުވާނާ ދިމާއަށް ދޫކޮށްލާފައި ހުރި ރޮކެޓެއްހެންނެވެ. އޭނާގެ ކައިރިން އަޅާފައި އެމީހުން ދިޔަ ވަގުތު މިއުވާނަށް ވެސް ވީގޮތެއް ނޭނގުނެވެ. ހަރަކާތް އެހާ ވެސް އަވަހެވެ. އަނެއްކޮޅުން މިއުވާނު ވެސް ހުރީ ނުވިސްނައެވެ. އޭނާގެ ބޮލުގައި އެއްޗަކުން ޖެހިކަން އެނގެއެވެ. ތަދު އިހްސާސްވާވަރު ނުވަނީސް އޭނާ ބީތާވެގެން ވެއްޓިއްޖެއެވެ.

(ނުނިމޭ)