މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިސްވެ އޮވެ، ބޭއްވި މޭޑޭ މުޒާހަރާގައި ހިނގާ ދިޔަ ހަމަނުޖެހުންތައް ހުއްޓުވުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ދައުލަތުން ބުނެފިއެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުގެ ވަކީލާ ސަފާ އިބްރާހިމް ވިދާޅުވީ މޭޑޭގައި އިމްރާން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދިގެން ދިޔަ ކަމަށެވެ. އަދި އެ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް ދައްކާފައެވެ. ވީޑިއޯ ދެއްކުމަށްފަހު ވަކީލާ ވިދާޅުވީ، މުޒާހަރާގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކަށް އެޅިފައިނުވާނަމަ އެ މުޒާހަރާއެއްގައި ހިނގާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ އިންތިޒާމްކުރާ ފަރާތްތަކުން ކަމަށެވެ.
އިމްރާނުގެ ފަރާތުން ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ، ފުލުހަކަށް ހަމަލާއެއް ދިން ކަން އިމްރާނަށް އެނގިނުލައްވާ ކަމަށާއި އެ ކަން ހިނގިއިރު އިމްރާން އެ ސަރަހައްދުގައި ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ނުހިނގުމަށް އިމްރާން ސީދާ ބަހުން މުޒާހަރާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވާ ކަމަށެވެ.
އެ ވީޑިއޯގެ އިތުރުން މޭޑޭގެ މުޒާހަރާގައި ޕިކަޕް ފުލުހުންގެ ސަފުތައް ފަޅާފައި ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ވަނީ ދައްކާފައެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ، އެކަމަކީ އިމްރާން މޭޑޭގައި ދެއްކެވި ވާހަކައިގެ ސަބަބުން ހިނގާދިޔަ ކަމެއް ކަމަށެވެ.
މި ވީޑިއޯއާ ގުޅިގެން ވެސް ސުއޫދު ވިދާޅުވީ އެތަނުގައި އިމްރާން ނުހުއްނާނެ ކަމަށާއި ޕިކަޕް ދުއްވީ އިމްރާން ވިދާޅުވެގެން ނޫން ކަމަށެވެ. އަދި މީހަކު ކުރާ ޖިނާއީ ކުށެއްގެ ޒިންމާ އެހެން މީހެއް ނަގަން ނުޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.