އިސްރާއީލްގެ ސިފައިން މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހްގެ މަރުގެ މައްސަލަ އެމެރިކާއިން ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށް އިސްރާއީލްގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެމެރިކާގެ ރައްޔިތެއް ކަމުގައިވާ 51 އަހަރުގެ ޝީރީނަކީ އަރަބިންގެ ތެރޭގައި އެންމެ ނަން މަޝްހޫރު އެއް ނޫސް ރިޕޯޓަރެވެ.
އެމެރިކާގެ ނޫސް ވެބްސައިޓެއް ކަމުގައިވާ އެކްސިއޯސް އިން ބުނާ ގޮތުގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ޝީރީނުގެ މަރުގެ މައްސަލަ ތަހުގީގު ކުރަކަން ނިންމާފަ އެވެ.
މި ތަހުގީގުގެ ސްކޯޕާއި، ތަހުގީގުގެ ފަހުން އެމެރިކާ އިން އިސްރާއީލާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އަލްޖަޒީރާއިން ކުރި ސުވާލުތަކަށް ޑިޕާޓުމަންޓުގެ ތަރުޖަމާނު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ޝީރީންގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް އެމެރިކާ އިން މަސައްކަތް ފެށުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
އިސްރާއީލް ސިފައިންގެ އޮފިސަރެއްގެ އަތުން ޝީރީން މަރުވީ ނޭގުމެއްގެ ތެރޭގައި ކުރެވުނު ކަމެއްގެ ތެރެއިން ކަމަށް ބުނެ އިސްރާއީލުން ފާޑަކަށް ކުށަށް އިއުތިރާފްވެފައިވެ އެވެ. ނަމަވެސް އިސްރާއީލް ސިފައިންގެ ދިފާއުގައި އަބަދުވެސް އޮންނާނެ ކަމަށްވެސް އިސްރާއީލްގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެެވެ.
އިސްރާއީލުން ހިސޯރުކޮށްގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމުގައިވާ ޖެނިންގައި ޝީރީން މަރުވީ އިސްރީއީލުގެ ސިފައިން އޭނާގެ ބޮލަށް ބަޑިޖެހުމުން މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެއިރު އޭނާ ހުރީ އިސްރާއީލުން ހިންގި އޮޕަރޭޝަނެއް ރިޕޯޓުކުރުމަށެވެ.