މާލޭ ސިޓީ ކައުންސިލް

އާމްދަނީ ބަހަން އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނެތް: މާލެ ސިޓީ ކައުންސިލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލޭގެ ޓީޖެޓީ ބަނދަރުން، ލިބޭ އާމްދަނީގެ ބައެއް މާލެ ސިޓީ ކައުންސިލާ ހިއްސާ ކުރަން އެމްޕީއެލް އާއި އެކު އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް ލިޔެވިފައިވާ އެއްބަސްވުމެއްގައި ދެ ފަރާތުން އަދިވެސް ސޮއި ކޮށްފައިވާ ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ލިޔެފައިވާ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނެ ސީދާ ދުވަހެއް ދަންނަވަން އަދި ނޭނގޭ ކަމަށްވެސް ވިދާޅުވި އެވެ.

"އެއްބަސްވުން އަދިވެސް އޮތީ އެކުލަވާލުމުގެ މަރުހަލާގައި،" އޮފިޝަލް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ ދެފަރާތުން އެއްބަސްވާންޖެހޭ ބައެއް ކުދި ކުދި ކަންތައްތައް އަދިވެސް ހުރުމާއިއެކު މިވަގުތު ކުރިއަށް ދަނީ އެކަންކަމާ ބެހޭ މަޝްވަރާތަކެއް ކަމަށެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މީގެކުރިން ވިދާޅުވީ ޓީޖެޓީގެ މައްސަލާގައި އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓާ އެންމެ ފުރަތަމަ ބައްދަލުކުރުމުން، ޓީޖެޓީ އަދި ނޯތު ހާބަރަކީ އެ ކުންފުންޏަށް ބޭނުންތެރި ތަނެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ވިޔަފާރި އަމާޒުކުރަން ބޭނުން ވަނީ މާލޭގެ ވިޔަފާރި ބަންދަރަށް އެކަނި ކަމަށް ވިދާޅުވި ކަމަށެވެ.

އޭގެ ފަހުން އެމްޕީއެލްގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ ޓްރާންސްޕޯޓާއި ޕްލޭނިން މިނިސްޓްރީ އަދި ސިޓީ ކައުންސިލާ ވާހަކަ ދެއްކުމަށް ކަމަށް އެކުންފުނިން ކައުންސިލަށް އެންގި ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ.

ޓީޖެޓީގެ މައްސަލާގައި އެމްޕީއެލް އިން އެންމެ ފަހުން ބުނީ ޕްލޭނިން މިނިސްޓްރީން ޓީޖެޓީ އެކުންފުންޏާ ހަވާލުކޮށްފައިވަނީ އެމްއޯޔޫއެއްގެ ދަށުން ކަމަށެވެ. އެ އެމްއޯޔޫގައި އެއްވެސް މުއްދަތެއް ނެތް ކަމަށާއި އެހެންކަމުން އެތަން އެމްޕީއެލްގެ ދަށުން ނެގުމުގެ ބާރު އޮންނާނީ ޕްލޭނިން މިނިސްޓްރީ އަށް ކަމަށްވެސް އެމްޕީއެލް އިން ކުރިން ބުނެފައިވެ އެވެ.

ޓީޖެޓީ މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނައުމަށް މާލެ ސިޓީ ކައުންސިލުން ވަނީ މިއަހަރު ކުރީ ކޮޅު ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ވަނީ އަނބުރާ ގެނެސްފަ އެވެ.

ސިޓީ ކައުންސިލްގެ ދަށުގައި ޓީޖެޓީ އޮއްވައި އެތަން އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާލެ ސިޓީ ކައުންސިލްގެ އިހްތިސާސް ކަނޑައެޅުއްވިއިރު ޓީޖެޓީ ވަނީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ހިމަނުއްވާފަ އެވެ.