ދުނިޔެ

ދުނިޔެ ބައިބައިވެދާނެ ކަމުގެ ބިރު އެބަ އޮތް: އައިއެމްއެފް

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑައިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔެ ވަކިވަކި ބައިގަނޑު ތަކަކަށް ބެހެވިގެން ހިނގައިދާނެ އެވެ.

އަދި އެއީ ވަރަށް ބޮޑު ނިކަމެތި ކަމަކަށް ވާނެ ކަމަށް ވިދާޅުވެ އެ ކަމަނާ ދުނިޔެއަށް އިންޒާރު ވެސް ވަނީ ދެއްވާފަ އެވެ.

ޖޯޖީވާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އިގުތިސާދު ބައިބައިވުމުގެ ސަބަބުން އަހަރީ ޖީޑީޕީ ދަށަށް ދާނެ އެވެ. ވަކި އަދަދެއް އަންދާޒާ ކުރައްވާ ނަމަ އެ ކަމަނާ ވިދާޅުވި ގޮތުގައި 1.5 ނުވަތަ ދެ ޕަސެންޓް ދަށަށް ދިއުމަކީ އެންމެ ގާތް ގޮތް ކަމަށެވެ.

އިންޑޮނީޝިއާގެ ބާލީގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓްގައި ވާހަކަ ދައްކަވަމުން ޖޯޖީވާ ވިދާޅުވީ ކާބޯތަކެއްޗަށާއި ގަސްކާނާއަށް ގައުމުތަކަށް ބެހެވިގެން ދިއުމަށް ހުރި ހުރަސްތައް ނައްތާލައިގެން ނޫން ގޮތަކަށް ދުނިޔެ ހަމައަކަށް ނޭޅުވޭނެ ކަމަށެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ދިމާވެފައި އޮތް ހަކަތައިގެ ދަތިކަން ފިލުވެން ހުރި ގޮތްތަކާ ބެހޭ ގޮތުން ޖީ20 ސަމިޓްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ރަޝިއާއަށް ހަކަތަ ވިއްކެން ހުރި ގޮތްތަކަށް ހުޅަނގުން ހުރަސްއެޅުމަކީ އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ވެސް ސަމިޓުގެ ބައިވެރިން ފާހަގަކުރެއްވި އެވެ.

ދުނިޔެ މިހާރު އޮތް ހާލަތަށް ބަލާއިރު ޖޯޖީވާ ފާހަގަކުރެއްވި ގޮތުގައި މިނިވަން ވިޔަފާރީގެ ފައިދާ ތަޖުރިބާކޮށްފައިވާ ބައެއް އިގުތިސާދުތަކަށް އޮތް ނުރައްކާ ބޮޑެވެ.

އިގުތިސާދު ބައިވެގެންދާ ގޮތަކުން މިހާލަތު އިތުރަށް ނާޒުކުވުމަކީ ވެސް އޮތް ފުރުސަތެއް ކަމަށް ޖޯޖީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގުތިސާދީ ހާލަތަށް މި ފަހުން އައި ބަދަލުގައި -- އަދި އެއީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނަމަވެސް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކުރި އަސަރު ބޮޑު ކަމަށެވެ.

އެ ގޮތުން ޖޯޖީވާ ދެއްކެވި މިސާލަކީ އެ ގައުމުތަކުގައި ދަރަނީގެ މިންވަރު މަތިވުމާއި، ފައިސާގެ އަގު ދަށަށް ދިއުން އަދި އިންފްލޭޝަން -- ތަކެތިގެ އަގުބޮޑުވުމެވެ.