ލައިފްސްޓައިލް

ދަރިއަކު ނުލިބޭނެ ކަމަށް ހީކުރި މީހަކަށް 11 ދަރިން ލިބިއްޖެ

ދުވަހަކުވެސް ދަރިއަކު ލިބުމުގެ އުފާ ހާސިލު ނުވާނެ ކަމަށް މުޅިން ނިންމައިގެން ހުރި އަންހެނަކު 11 ވަނަ ދަރިފުޅު ވިހައިފި އެވެ. މި އަންހެންމީހާ އަށް 11 ވަނަ ދަރިފުޅު ލިބުނީ ވަރަށް ރީތި ތާރީހެއްގަ އެވެ. އެއީ 11.11 ނުވަތަ މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

އެގާރަ ވަނަ ދަރިފުޅު އުފަންވީތާ އިރުކޮޅެއް ތެރޭ ސްވިޑްންގެ ސަޓޫ ނޯޑްލިންގް ގޮންޒަލޭޒް އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރި މެސެޖެއްގައި 11 ވަނަ ދަރިފުޅުގެ ވާހަކަ ކިޔައިދީފައިވެ އެވެ. އޭނާއަށް ލިބުނީ ފިރިހެން ކުއްޖެއް ކަމާއި ކުއްޖާ އުފަންވީ 11.11 ގައި ކަމަށް ސަޓޫ ބުނެފައިވެ އެވެ.

ސަޓޫ ކުޑައިރު އަބަދުވެސް ގަބޫލުކޮށްގެން ހުރީ އޭނާއަށް ދުވަހަކުވެސް ދަރިއަކު ނުލިބޭނެ ކަމަށެވެ. ނަމަވެސް 21 އަހަރުގައި ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުން އޭނާއަށް ކުރެވުނީ ކުށް ހީއެއްކަން ސަޓޫ އަށް ޔަގީން ކުރެވުނެވެ.

ނަމަވެސް އޭނާގެ މި ޔަގީންކަން މާޔޫސް ކަމަށް ބަދަލުވީ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި އޭނާގެ ރަހިމަށް ބޮޑެތި ގެއްލުންތަކެއް ލިބި އަދި އެ ދަރިފުޅު ވެސް ދުނިޔެއަށް އަލްވަދާއު ކިއުމުން ނެވެ.

ނަސީބަކުން އޭގެ ދެ އަހަރު ފަހުން 2008 ގައި އަނެއްކާވެސް ސަޓޫ ބަލިވެ އިނެވެ. އަދި ދިރިހުރި ފުރަތަމަ ދަރިފުޅު ނިކޯލް އުފަންވި އެވެ. ސަޓޫ އާއި ފިރިމީހާ އެންޑްރެސްގެ މިހާރު ހަ އަންހެން ދަރިންނާއި ފަސް ފިރިހެން ދަރިން އެބަތިއްބެވެ. މީގެ ތެރޭގައި ނޮވެމްބަރު 11 ވަނަ ދުވަހު އުފަންވީ ތުއްތު އަންހެންކުއްޖާ ވެސް ހިމެނެ އެވެ.

ދޮށީ ދަރިފުޅު ނިކޯލް އަށް 14 އަހަރެވެ. ދެން ތިބީ 13 އަހަރުގެ ވެނީސާ އާއި އެއާ ޖެހިގެން ލިބުނު އެއްމާބަނޑު ދެބެން ކަމަށްވާ 12 އަހަރުގެ ޖޮނަތަން އާއި ޑެނީލޯ އެވެ. އޭގެ ފަހުން އޮލީވިއާ، ނުވަ އަހަރު، ކެވިން، އަށް އަހަރު، ސެލީނާ، ހަތް އަހަރު، އިސްބެލް، ހަތަރު، މެލަނިއާ، ދެ އަހަރު، އަދި މިފަހަރު ލިބުނު ތުއްތު ފިރިހެން ކުއްޖާ އާއެކު 11 ދަރިން ހަމަވީ އެވެ.

ސަޓޫ ބުނާ ގޮތުގައި މަންމައަކަށް ވުމަކީ ބުރަބޮޑު މަސައްކަތެކެވެ. އަދި ބައެއް ފަހަރަށް ހޭލައިގެން ހެނދުނު ސައިބޯންވާއިރަށް ވެސް ވަރުބަލިވެގެން ގޮސް މީހާ ވެއްޓޭވަރު ވެއެވެ. ނަމަވެސް ކުދިންނަށް ކަންތައްތައް ކޮށްދޭއިރު އެ ކުދިންގެ މޫނުން ފެންނަ ލޯބިލޯބި ހިނިތުންވުމުން ހުރިހާ ވަރުބަލިކަމެއް ހަނދާން ނެތެ އެވެ.

"ކޮންމެ ފަހަރަކު ވިހެއުމަށްފަހު އަހަރެންގެ ހަށިގަނޑު ވަރަށް އަވަހަށް ފަސޭހަވޭ. ސަބަބަކީ ކުދިންނާއެކު އަހަރެން ވަރަށް އެކްޓިވް ދިރިއުޅުމެއް އުޅޭތީ،" ސަޓޫ ބުންޏެވެ.