ބަތަލާ ޝެހެނާޒް ގިލް މަގްބޫލުވީ "ބިގް ބޮސް"ގެ ސީޒަނެއްގައި ބައިވެރިވި އެކްޓަރު ސިދާރްތު ޝުކްލާ އާ އޭނާގެ ގުޅުން ޝޯގެ ބެލުންތެރިންނަށް ކަމުގޮސްގެންނެވެ. އަދި ސިދާރްތުގެ ކުއްލި މަރުން ޝެހެނާޒް އަށް ކުރި އަސަރުތައް ފެނިގެންނެވެ. އޭގެ ކުރިން ވެސް ޝެހެނާޒް ދަންނަ ގިނަ ބަޔަކު ފާހަގަކުރާ އެއް ކަމެއް އޮތެވެ. އެކްޓިންގެ ރޮނގުން ޝެހެނާޒްގެ ހުރި ކުޅަދާނަކަމާއި ރީތިކަމެވެ. އަދި އޭނާގެ އެ ހުނަރާއި އެއްވަރަށް ހިތް ސާފު ކަމެވެ.
ޝެހެނާޒްގެ އަމިއްލަ ޔޫޓިއުބު ޗެނަލުން ފެށި އާ ޗެޓް ޝޯ "ދޭސީ ވައިބްސް"ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ހުނަރުވެރި އެކްޓަރު ރާޖް ކުމާރު ރާއޯ އެވެ.
މި ޝޯގައި ރާޖްކުމާރު ވަނީ އޭނާގެ ހަޔާތުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކަތައް އަދި މުސްތަގްބަލުގައި ދަރިން ހޯދުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.
ބަތަލާ ޕަތުރާލޭކާ އާ މިދިޔަ އަހަރު ކައިވެނިކޮށްފައިވާ ރާޖްކުމާރު ބުނި ގޮތުގައި އޭނާ ބޭނުމީ ޝެހެނާޒް ކަހަލަ އަންހެން ކުއްޖެކެވެ.
ކުއްޖަކު ހޯދަން ގަސްތުކުރަނީ ކޮން އިރަކުންތޯ ޝޯގެ ހޯސްޓް ޝެހެނާޒް ސުވާލުކުރުމުން ރާޖްކުމާރުގެ މޫނު ލަދުން ރަތްވި އެވެ. އަދި ބުނީ އެ ސުވާލަކީ އޭނާގެ މައިންބަފައިން ވެސް އޭނާއާ ނުކުރާ ސުވާލެއް ކަމަށެވެ.
"ތެދަށް ބުނާނަމަ ބުނެވޭނީ އަހަރެން އަދި ތިކަމަކާ ނުވިސްނަމޭ. އަހަންނަށް އިހްސާސް ކުރެވެނީ އަދިވެސް އަހަންނަކީ ކުޑަ ކުއްޖެކޭ،" ރާޖް ކުމާރު ބުންޏެވެ.
ރާޖްކުމާރުގެ ޖަވާބުން މި ސުވާލާ އޭނާ އެހާ ހިތްހަމަނުޖެހޭ ކަން އެނގުމުން އޯކޭ އޭ ޝެހެނާޒް ބުންޏެވެ. އަދި ކުދިން ހޯދަން ބޭނުން އިރަކުން ހޯދާށޭ ވެސް ޝެހެނާޒް ބުންޏެވެ.
ރާޖްކުމާރު އިތުރަށް ބުނީ އޭނާ ދަރިއަކު ހޯދަން ބޭނުންވީމަ ހޯދާއިރު ބޭނުމީ ޝެހެނާޒް ކަހަލަ އަންހެން ދަރިއެކެވެ. ޝެހެނާޒް ކަހަލަ ރީތި، ހުނަރުވެރި، ސިމްޕަލް، ހިތް ސާފު، ރަނގަޅު އަންހެން ދަރިއެއް ކަމަށެވެ.
މި ވީޑިއޯ ބަލާފައި އެންމެ އުފާވީ ޝެހެނާޒްގެ އެތައް މިލިއަން ފޭނުންނެކެވެ. މި ވީޑީއޯއަށް އެމީހުން ކޮމެންޓުތައް އޮއްސާލިއިރު ހީވީ އެހެން ފަދަ ކަމެއް ހެންނެވެ. އެމީހުން ކުރި ކޮމެންޓްތަކުގައި ވެސް ޝެހެނާޒްގެ ސިމްޕަލް ދިރިއުޅުމާއި ބޮޑާކަމެއް ނެތް މިޒާޖަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެއެވެ.
އަދި ބިގް ބޮސްގެ ގޭގައި ޝެހެނާޒް އުޅުނުއިރުއްސުރެ އޭނާގެ މަޖާ މިޒާޖު އެންމެންނަށް ވެސް ވަރަށް ގަޔާ ވެވޭ އެއްޗަކަށް ވީކަމަށް ފޭނުން ބުނެފައި ވެއެވެ.
ބަތަލާއެއްގެ ގޮތުގައި ޝެހެނާޒް ބޮލީވުޑަށް ތައާރަފްވާނީ ސަލްމާން ޚާންގެ "ކިސީކާ ބާއީ ކިސީކީ ޖާން" އިންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023 ގައެވެ.
ރާޖްކުމާރުގެ ފިލްމުތަކަށް ބަލާއިރު އޭނާގެ އެންމެ ފަހުން ކުޅުނީ ވަސަން ބާލާގެ އުފެއްދުމެއް ކަމަށްވާ "މޮނިކާ، އޯ މައި ޑާލިންގް" އެވެ. މި ފިލްމު މިހާރު ވަނީ ނެޓްފްލިކްސް އިން ރިލީޒްކޮށްފަ އެވެ.