ދުނިޔެ

ޓްރަމްޕް 2024ގައި ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި

އެމެރިކާގައި 2024ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިލެކްޝަން ކޮމިޝަނަށް ލިޔެކިޔުންތައް ހުށަހަޅުއްވައިފި އެވެ.

އެމެރިކާގައި ރިޔާސީ ދައުރަކީ ހަތަރު އަހަރެވެ. އަދި ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހަތަރު އަހަރުގެ ދެ ދައުރު -- އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ވެރިކަމުގައި ހުންނެވެ އެވެ. ކޮންމެ ބޭފުޅަކަށް ވެސް ދިގުވެގެން ރައީސްގެ މަގާމު އަދާކުރެވެނީ އަށް އަހަރެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތީ ޖެނުއަރީ 20، 2017ގަ އެވެ. އެހެން ނަމަވެސް 2020ގައި އޮތް ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަންއާ ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވޭ ގޮތެއް ނުވި އެވެ.

އެހެންކަމުން ޓްރަމްޕަށް އަދި އިތުރު ހަތަރު އަހަރު އެމެރިކާގެ ރައީސްގެ މަގާމު އަދާކުރެއްވުމަށް ގާނޫނީ ހުރަހެއް އަދި ނެތެވެ. މި ވަގުތަށް ފެންނަން އޮތް ހުރަހަކީ ކުރިއަށް އޮތް -- ނޮވެމްބަރު ފަހެއް، 2024 އަންގާރަ ދުވަހު އޮންނަ ރިޔާސީ އިންތިހާބެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު ފްލޮރިޑާގައި އޮންނަ އޭނާގެ ރިސޯޓްގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އޭނާ ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން ޔަގީންކޮށްދެއްވާފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ވެރިކަމަށް އަލުން ވަޑައިގަތުމުގެ ބޭނުމަކީ މިހާރު ވެރިކަމުގައި ހުންނެވި ޖޯ ބައިޑަންގެ ކިބައިން އެމެރިކާ ސަލާމަތްކުރުމެވެ.

އެމެރިކާގެ ރައްޔިތުންނަށް އެމެރިކާ އަލުން ގެނެސްދެއްވާނެ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔޭގައި މިހާރު އެމެރިކާއަށް އިހުތިރާމެއް ނެތެވެ.

އެމެރިކާގައި މިދާކަށް ދުވަހު އޮތް މިޑްޓާމް އިލެކްޝަނާ ދިމާކޮށް ޓްރަމްޕް ވަނީ ހާއްސަ ޚަބަރެއް އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ނޮވެމްބަރު 15 ގައި އެއީ ކޮންކަމެއްކަން އާންމުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ވާހަކަ އާންމު ނުކުރައްވައި މަޑުކުރެއްވީ މިޑްޓާމް އިލެކްޝަނަށް އަސަރުކޮށްފާނެތީ ކަމަށެވެ.