ހައިކޯޓް

އަންހެން ފަނޑިޔާރުންނާ އެކު ހައިކޯޓަށް ތާރީހީ ދުވަހެއް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީއަތެއް ހިންގައިފި އެވެ.

އަންހެން ބެންޗަކުން ކުރިއަށް ގެންދިޔަ ޝަރީއަތަކީ ނަޒާކީ އެލޫމިނިއަމް ޕްރައިވެޓް ލިމިޓެޑުން މޮރިޝަސް ކޮމާޝަލް ބޭންކްގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތެވެ.

ޝަރީއަތުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.

ރިޔާސަތުގައި އިންނެވީ މި ތިން ބޭފުޅުންގެ ތެރެއިން ހައިކޯޓުގައި އެންމެ ދުވަސްވީ އަންހެން ފަނޑިޔާރު ކަމަށްވާ ފާތިމަތު ފަރުހީޒާ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފަރުހީޒާ އައްޔަންކުރީ އޮކްޓޫބަރު 4، 2020 ގައެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޒައިފާ އައްޔަންކުރީ ޖޫން 27، 2022 ގައެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒް އައްޔަންކުރީ އޮގަސްޓް 9، 2022 ގައެވެ.