މޯލްޑިވްސް ޕޮލިސް ސާވިސް

ފަސް ބިދޭސީއަކަށް 5،000 ސިމް ކާޑު

ރާއްޖޭގައި އެންމެ ގިނައިން މޯބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ބިދޭސީން ކަމަށާއި އެއިން ކޮންމެ މީހަކު އެވަރެޖްކޮށް 5،000 ސިމް ގަނެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހޯމް ސެކްޓާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން ސިމްކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީން ކަމަށެވެ. އެ ބިދޭސީންނަކީ ކުރިން ރާއްޖޭގައި އުޅުނު ނަމަވެސް މިހާރު ނޫޅޭ މީހުން ކަމަށެވެ.

ރާއްޖޭގައި ކުރާ ކުށްކުރުމަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ އިތުރުން ސްކޭމް ފޯނުކޯލު ކުރުމަށް އެ ސިމްތައް ބޭނުންކުރާ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ ޖަލު ސަރަހައްދުން ނޫން ނަމަވެސް މުޅި ރާއްޖެއިން ސްކޭމް ކޯލުކުރާ މައްސަލަތަކުގައި 3،033 ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ސްކޭމް ކޯލް ހުއްޓުވަން ކުރި މަސައްކަތް

  • ހިދުމަތް ކަނޑާލެވުނު މޮބައިލް ނަންބަރު - 2،196
  • ބްލެކް ލިސްޓް ކުރެވުނު ފޯނުގެ އައި.އެމް.އީ.އައި - 817
  • ބްލޮކް ކުރެވުނު ވެބްސައިޓް - 12
  • ބްލޮކް ކުރެވުނު އައި.ޕީ އެޑްރެސް - އަށެއް

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުގައި ކުރިން ޖޭމަރު ހަރުކުރި ކަމަށެވެ. ނަމަވެސް އޭގެ އެދެވޭ ނަތީޖާ ނުނިކުންނަ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޖަލު ކައިރި ސަރަހައްދާއި ކައިރި ރަށްތަކާއި ރިސޯޓުތަކުގެ ނެޓްވޯކް ޖޭމްވާ ކަމަށެވެ.

އެމައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރެވި ލަފާގެ މަތިން ޖަލުގައި "ހަނީޕޮޓެއް" އިންސްޓޯލްކުރެވުނު ކަމަށް ވިދާޅުވި އެވެ. މާފުށީ ޖަލުގައި ހާއްސަ ޓަވަރެއް ޖަހާފައި ހުންނާނެ ކަމަށާއި ޖަލު ސަރަހައްދުގައި ހުއްދަ ލިބިގެން މޮބައިލް ފޯނު ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ލިސްޓެއް ކަނޑައަޅާ އެ ފަރާތްތަކުގެ އައި.އެމް.އީ.އައި އެނގޭ ގޮތަށް ކަމާބެހޭ ފަރާތްތަކާއި ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެންޓަނާއަށް ލިބޭ މައުލޫމާތު ނަގާ އަޅަންޖެހޭ ފިިޔަވަޅުތައް ފުލުހުންނާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާ ގުޅިގެން އަޅަމުންދާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޖަލުން ފޯނުކުރާ މައްސަލަ މުޅިން ހައްލުނުވާ ކަމަށް ވިދާޅުވި އެވެ.