ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވޯޓަށް އެހުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ 66 މެންބަރުންގެ ތެރެއިން 14 މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ޓެކްސް ބޮޑުކުރުމަށް ވޯޓު ދެއްވުމަށް ޕީޖީ ގުރޫޕްގައި ވަނީ ތްރީލައިން ވިޕް ނެރެފަ އެވެ. ނަމަވެސް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ 14 މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
ވިޕްލައިނާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނަންތޯ އަވަސް އިން ސުވާލުކުރުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އުސޫލާ އެއްގޮތަށް މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
"ޕީޖީ މެންބަރުންނަށް ފިޔަވަޅު އެޅޭނެ އުސޫލެއް އޮންނާނެ. އަޅުގަނޑު މިއީ ފިޔަވަޅު އަޅާ މީހާއެއް ނޫން. އެކަމަކު މައްސަލަ ހުށަހެޅުނީމާ މައްސަލަ ބެލުމައިގެން ކުރިއަށް ދާނަން،" އަސްލަމް ވިދާޅުވި އެވެ.
ޕީޖީ ގުރޫޕްގެ މެންބަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ފުރަތަމަ އޮންނަނީ ނަސޭހަތް ދިނުމެވެ. އެއަށްފަހު މައާފަށް އެދެން އެންގުމާއި އެއް އަހަރަށް ޕާޓީގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތް ހެދުމާއި އަދި އޭގެފަހުން ޕާޓީން ވަކިކުރުން ހިމެނެ އެވެ.
އަސްލަމް ވިދާޅުވީ ޕީޖީ ގުރޫޕްގެ ނިންމުމަކާ ދެކޮޅަށް ވަކި މެންބަރުންތަކެއް ވޯޓު ދެއްވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ވިޕްލައިނާ ހިލާފަށް އެ މެންބަރުން ވޯޓު ދެއްވުމުގެ ކުރިން ވަކި އެއްޗެއް އަންގަވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކާ ދެކޮޅަށް ވޯޓު ދެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޕާޓީގައި މަސައްކަތް ކުރައްވާނަމަ އުސޫލުތަކުގައި ހިފަހައްޓަވަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރަން ދެކޮޅު ހެއްދެވި އެމްޑީޕީގެ ބައެއް މެންބަރުން މީގެކުރިން މަޖިލީހުގައި ވިދާޅުވީ ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވަނީ މަޝްވަރާ ނުކޮށް ކަމަށެވެ.