ޓެކްސް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓު ދިނުމުގައި މެންބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލުމަށްފަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ބައެއް މެންބަރުންނަށާއި މަޖިލީހުގެ ރައީސަށްވެސް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި މިއަދު ވޯޓު ނެގީ މަޖިލީހުގެ ރިޔާސަތަށްވެސް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވުމާ ގުޅިގެން ކަމަށެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފާނެ ކަމުގެ ބިރު އޮތުމާއެކު އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން ވޯޓަށް އެއްސެވީ ކަމަށްވެސް ވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރާ ބިލް ފާސް ކުރެވިގެން ދިޔައީ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ އެމްޑީޕީގެ ބައެއް މެންބަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މާލީ މަންފާ ނުވަތަ އެނޫންވެސް ގޮތަކުން ނަފާ ލިބޭނެ ގޮތަކަށް ނުފޫޒު ފޯރުވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އާދަމް ޝަރީފް ތުހުމަތު ކުރެއްވި އެވެ.
"މި ބިލާ މެދު ބަހުސް ކުރެއްވިއިރު [ދެކޮޅަށް] ވަކާލާތު ކުރެއްވި ބައެއް މެންބަރުންވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މިއަދު ވޯޓު ދެއްވި އިރުގައި ބިލާ އެއްކޮޅަށް ވޯޓު ދެއްވި ތަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އޭނާ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މެންބަރުންނަށް އޮތް ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން ރައްޔިތުންގެ ކަންބޮޑުވުންތައް މިއަދު އަޑު އެއްސެވި ކަމަށެވެ. އެގޮތުން ޓެކްސް ބޮޑުކުރުމަށް ރައްޔިތުން ބޭނުން ނުވާތީ އެގޮތް އިސްކޮށް 26 މެންބަރުން ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވޯޓު ދެއްވެވި ކަމަށްވެސް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަ މެޖޯރިޓީ ގެއްލިފައިވާ ކަމަށާއި މިއަދު މަޖިލީހުން އެކަން ހާމަވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގައި އިދިކޮޅު ކޯލިޝަނަށް ކުރިއެރުންތަކެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޓެކްސް ބޮޑު ކުރުމުގެ ބިލް މަޖިލީހުން ފާސްވުމަކީ އިދިކޮޅުން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
"މި ބިލް ފާސްކޮށްފައި ފޮނުވި ކަމުގައިވިޔަސް އަޅުގަނޑުމެން ސަރުކާރަށް ގޮވާލަން އިތުރަށް މިކަމާ ދޭތެރޭ ވިސްނާ ވަޑައިގަތުމަށް. އަދި މި ބިލް ތަންފީޒު ކުރުމުގެ ކުރިން އަދިވެސް އެއް ފަހަރު މިކަމަށް ރިޔާއަތް ކުރައްވާ އަލުން މަޖިލީހަށް ފޮނުއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.
ޓެކްސް ބޮޑުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައި މިވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްވެ ރައީސް ސޯލިހަށް އިއްޔެ ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެެވެ.