- ވޯލްޑް ކަޕް ބާއްވާ މެދުއިރުމަތީގެ ފުރަތަމަ ގައުމު
- މިއީ ގަތަރު ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރު
- ގްރޫޕުގައި ހިމެނެނީ، ނެދަލެންޑްސް، އިކުއެޑޯ، ސެނެގޯލް
ޓީމުގެ ތާރީހް
މިއީ ގަތަރު ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަމިއްލަ ފަސްގަނޑުގައި މީގެ ކުރިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ކުޅުނީ 1934 ވަނަ އަހަރު އިޓަލީ އެވެ. ފުޓްބޯޅައިގެ އެހެން ހަރުފަތަކަށް ޖެހިލާއިރު ގަތަރުގެ ފުޓްބޯޅަ އިން ފެންނަނީ ކުރިއެރުމެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ޒަމާންތަކުގައި ނާކާމިޔާބު ވިޔަސް އޭޝިއަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ގަތަރެވެ. 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮތް މުބާރާތުގެ ޗެމްޕިއަންކަން ގަތަރު ހޯދީ ފައިނަލުގައި ޖަޕާން 1-3 އިން ބަލިކޮށްގެންނެވެ. އެއީ އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރަށް ލިބުނު ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕަށް ކުރި ދަތުރު
2010 ވަނަ އަހަރު ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރުމަށް ފަހު ގަތަރު ވަނީ މިދިޔަ 12 އަހަރުތެރޭ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ. ވޯލްޑް ކަޕްގެ ބިޑުގެ ކާމިޔާބީ އަށް ފަހު ގަތަރު އެންމެ ފުރަތަމަ ނުކުތް ބޮޑު މުބާރާތަކީ އަމިއްލަ ގައުމުގައި ބޭއްވި 2011 ވަނަ އަހަރުގެ އޭޝިއަން ކަޕެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުން ގަތަރު ކެޓީ ޖަޕާން އަތުން ބަލިވުމުންނެވެ. އޭގެފަހުން 2014 ވަނަ އަހަރު ގަތަރު ވަނީ ދެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަމާއި ގަލްފް ކަޕްގެ ޗެމްޕިއަން ކަމެވެ. 2014 ވަނަ އަހަރު އެގައުމު ބަލިވީ އެންމެ މެޗަކުންނެވެ.
ކުރިއެރުންތައް ހޯދަމުން އައިސް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި ގަތަރުގެ ނަތީޖާތައް ދަށްވި އެވެ. އެފަހަރު ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ބަލިވެ މުބާރާތުން ޖެހުނީ ވަކިވާށެވެ. ގަތަރުން ދެން މަސައްކަތްކުރީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުން ފުރުސަތު ހޯދާށެވެ. އެކަމަކު ކޮލިފައިންގެ ނަތީޖާތައް ދަށްވެ ވޯލްޑް ކަޕްގެ އުއްމީދު ގެއްލުނެވެ.
ގަތަރު ވަނީ 2017 ވަނަ އަހަރު ކުވެއިތުގައި އޮތް ގަލްފް ކަޕްގައި ވެސް ވާދަކޮށް ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. ގަލްފް ކަޕްގެ ނާކާމިޔާބީ އަށް ފަހު 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި މޮޅު ކުޅުމެއް ދައްކައި އެ މުބާރާތް ކާމިޔާބުކުރި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރަން ނުޖެހޭތީ ގަތަރު އައީ އެހެން މުބާރާތްތަކުގައި ވާދަކޮށް ތަޖުރިބާ ހޯދަމުންނެވެ. މިގޮތުން 2019 ވަނަ އަހަރު އޮތް ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި ގަތަރު ވާދަކުރި އެވެ. ހާއްސަ ދައުވަތަކަށް އެ މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކެޓި އެވެ.
އޭގެފަހުން ގަތަރަށް ފުރުސަތު ލިބުނީ ކޮންކާކަފް ސަރަހައްދުގެ ގޯލްޑް ކަޕުންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ. ސެމީގައި 1-0 އިން ބަލިވީ އެމެރިކާ އަތުންނެވެ.
ގަތަރަށް ބައިނަލްއަގްވާމީ ވަރުގަދަ މެޗުތަކެއް ދިނުމުގެ ގޮތުން ޔޫއެފާއިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނުނު ޓީމުތަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ފުރުސަތު 2020 ވަނަ އަހަރު ގަތަރަށް ދީފަ އެވެ. ޕޯޗުގަލް އާއި ސާބިއާ ހިމެނުނު ގްރޫޕުގެ ޓީމުތަކާ ދެކޮޅަށް ގަތަރުން އެކުވެރިކަމުގެ މެޗުތައް ކުޅުނީ ޔޫރަޕްގަ އެވެ.
އެންމެ ފަހުން ގަތަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ ފީފާ އަރަބް ކަޕެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވެ ލިބުނީ ތިންވަނަ އެވެ.
ފާހަގަކޮށްލެވޭ ކުޅުންތެރިން
އެހެން ގައުމުތަކަށް އުފަން ކުޅުންތެރިން ގަތަރުގެ ރަޖިސްޓްރީ ކުރާތީ އެގައުމަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. 2015 ވަނަ އަހަރު އަލްޖީރިއާއާ ދެކޮޅަށް ގަތަރު ކުޅުނު އެކުވެރިކަމުގެ މެޗުގެ ފުރަތަމަ އެގާރައިގެ ހަ ކުޅުންތެރިންނަކީ އެހެން ގައުމުތަކުގެ ކުޅުންތެރިންނެވެ. މިކަމާ ގުޅިގެން ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ ގަތަރުން ޓީމު އެކުލަވާލާ ގޮތް ފީފާ އިން މޮނިޓަރ ކުރާނެ ކަމަށެވެ. އޭގެފަހުން ގަތަރުން އަންނަނީ އެގައުމަށް ނިސްބަތްވާ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ދެމުންނެވެ. މިގޮތުން 2018 ވަނަ އަހަރު ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އެގައުމަށް ނިސްބަތްނުވާ ތިބީ ދެކުޅުންތެރިންނެވެ.
2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ގަތަރު ކާމިޔާބު ކުރިއިރު ގަތަރާ ދެކޮޅަށް ޔޫއޭއީ އިން ވަނީ ރަސްމީކޮށް އޭއެފްސީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ. އެއީ އެޓީމުގެ އަލްމޫޒް އަލީ އާއި ބައްސާމް އަލް-ރާވީގެ ރަޖިސްޓްރީ މައްސަލައިގަ އެވެ. އަލްމޫޒް ސޫދާނަށް އުފަންވިއިރު ބައްސާމްގެ އުފަން ގައުމަކީ އިރާގް އެވެ. އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އޭއެފްސީ އިން އަޅާފައެއްނުވެ އެވެ.
އަލްމޫޒް އަލީ
ސޫދާނަށް އުފަން އަލްމޫޒް ގަތަރަށް ދިރިއުޅުން ބަދަލުކުރީ ކުޑައިރު އެވެ. ގަތަރުގެ 19 އަހަރުން ދަށުގެ ޓީމުގައި ހިމެނި 2014 ވަނަ އަހަރު އޭއެފްސީ ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެވެ. ސީނިއާ ޓީމަށް އަލްމޫޒް ފުރަތަމަ މެޗު ކުޅުނީ 2016 ވަނަ އަހަރު އެވެ. ސީނިއާ ޓީމުގައި އަލްމޫޒްގެ ވިދުން އެންމެ ގަދަވީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގަ އެވެ. ނުވަ ގޯލާ އެކު އެ މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނަ ހޯދުމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އަލްމޫޒް ހޯދި އެވެ. ގައުމީ ޓީމަށް އަލްމޫޒް ކުޅުނު 83 މެޗުގައި ވަނީ 40 ގޯލު ޖަހައިފަ އެވެ.
ގަތަރުގައި އުޅެ ބޮޑުވި ނަމަވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު އަލްމޫޒް ފެށީ އޮސްޓްރިއާ އިންނެވެ. އޭގެފަހުން ސްޕެއިންގައި އަހަރެއް ހޭދަކުރުމަށް ފަހު 2016 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަނީ ގަތަރުގެ އަލް-ދުހައިލް އަށެވެ.
ކޯޗު: ފެލިކްސް ސަންޗޭޒް
ގަތަރުގެ ކޯޗަކީ ސްޕެއިނަށް އުފަން އުމުރުން 46 އަހަރުގެ ފެލިކްސް ސަންޗޭޒް އެވެ. ބާސެލޯނާގެ ޔޫތު ޓީމުގެ ކޯޗުކަން ކުރުމަށް ފަހު ސަންޗޭޒް ގަތަރުގެ އެސްޕަޔާ އެކެޑަމީ އަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. އޭގެފަހުން 2013 ވަނަ އަހަރު ގަތަރުގެ 19 އަހަރުން ދަށުގެ ޓީމާ ހަވާލުވި އެވެ. 2017 ވަނަ އަހަރު ސީނިއާ ޓީމާ ހަވާލުވެ ސަންޗޭޒްގެ އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބުކުރުމެވެ.
ސަންޗޭޒްގެ ކޯޗުކަމުގައި ގަތަރު ކުޅުނު 84 މެޗުގެ ތެރެއިން 44 މެޗު ކާމިޔާބުކުރި އެވެ. 16 މެޗު އެއްވަރުވިއިރު ބަލިވީ 24 މެޗުންނެވެ.