ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ދިޔުމަށް ޓަކައި ދާދި ދެންމެއަކު ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ. އެމަނިކުފާނު ފުރާވަޑައިގެންނެވީ މިރޭ 9:15 އެހާކަން ހާއިރު ސްރީލަންކާ އެއާލައިންސްގެ ފްލައިޓެއްގަ އެވެ.
އެމަނިކުފާނު ޔޫކޭއަށް ފުރާވަޑައިގަތުމުގެ ކުރިން ސްރީލަންކާގައި ޓްރާންސިޓް ކުރެއްވުމަށް ފަހު ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރުގެ ވަގުތެއްގަ އެވެ. ނަޝީދު ފުރާވަޑައިގަތުމަށް ބޭނުން ކުރެއްވީ ވެސް ދައުލަތުގެ ފަރާތުން އެމަނިކުފާނަށް ދީފައިވާ ރަސްނީ ޕާސްޕޯޓް ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް ހުޝާމް ވިދާޅުވި އެވެ.
ކުށްވެރިންނަށް ރާއްޖެއިން ބޭރަށް ދަނީ ވަގުތީ ޓްރެވަލް ޑޮކިއުމަންޓްގަ އެވެ. ނަޝީދަށް ވެސް އެފަދަ ޑޮކިއުމަންޓެއް ހެދުމަށް މަސައްކަތް ކުރި ނަމަވެސް ފަހުން ނިންމުން ބަދަލު ކުރީ އެވެ. ހުޝާމް ވިދާޅުވީ ނަޝީދު ރަސްމީ ޕާސްޕޯޓްގައި ދަތުރު ކުރައްވަނީ ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތުގެ ދަށުން ކަމަށެވެ.
"އެމަނިކުފާނަށް އެ ގާނޫނުން ލިބިވަޑައިގަންނަވާ ހުރިހާ އިނާޔަތެއް ލިބޭނެ،" ހުޝާމް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ހާއްސަ ގާނޫނީ ލަފައެއްގެ ދަށުން ނަޝީދުގެ މައިބަދައިގެ ސާޖަރީއަކަށް އިނގިރޭސި ވިލާތަށް ދިޔުމަށް ސަރުކާރުން އިއްޔެ ހުއްދަ ދިން ނަމަވެސް، ބޭރަށް ވަޑައިގަންނަވާ އިރު އެމަނިކުފާނަށް ޒިންމާވާނެ އާއިލާގެ ބޭފުޅަކު ސޮއި ކުރައްވަން ރައީސް ނަޝީދު ދެކޮޅު ހެއްދެވުމުން ފުރުން ވަނީ ލަސްވެފަ އެވެ. ނަޝީދު އެކަމަށް ދެކޮޅު ހެއްދެވީ، ނަޝީދު އަނބުރާ ވަޑައިނުގެންފި ނަމަ އާއިލާގެ ފަރާތުން ސޮއި ކުރައްވާ ބޭފުޅެއްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާ ކުރުމުގެ އިތުރަށް ނަޝީދު ވަޑައިގަންނަވަންދެން ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް އެ ލިޔުމުގައި އޮންނާތީ އެވެ.
އެހެން ނަމަވެސް ނަޝީދުގެ ބޭބެ ނާޝިދު ލިޔުމުގައި ސޮއި ކުރެއްވީ، އެ ލިޔުމުން އެބައިތައް އުނިކުރުމުންނެވެ.
ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަން ކުރުމަށް ދީފައި ވަނީ 30 ދުވަހެވެ. އަދި އެ ދުވަހަށް ބޭސްފަރުވާ ނުނިމިއްޖެ ނަމަ 45 ދުވަހަށް މުއްދަތު އިތުރުކޮށްދޭން ނިންމާފައިވެ އެވެ. ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ އައިސް ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ނަޝީދުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި ވަނީ ނަޝީދުގެ ފަރާތުން އިލްތިމާސް ކޮށްފަ އެވެ.