ވާހަކަ

އިޙްސާސްވޭ

( 15 ނޮވެމްބަރ 2022 އާ ގުޅޭ )

މުޅި ބޯ ނިވާވާވަރުގެ ކަޅު ހެލްމެޓު އަޅައިގެން ދެއަތަށް އަންގިލައްވާފައި ތިބި ދެ މީހުން ސައިކަލުގައި އައީ މިއުވާނާ ދިމާއަށް ދޫކޮށްލާފައި ހުރި ރޮކެޓެއްހެންނެވެ. އޭނާގެ ކައިރިން އަޅާފައި އެމީހުން ދިޔަ ވަގުތު މިއުވާނަށް ވެސް ވީގޮތެއް ނޭނގުނެވެ. ހަރަކާތް އެހާ ވެސް އަވަހެވެ. އަނެއްކޮޅުން މިއުވާނު ވެސް ހުރީ ނުވިސްނައެވެ. އޭނާގެ ބޮލުގައި އެއްޗަކުން ޖެހިކަން އެނގެއެވެ. ތަދު އިހްސާސްވާވަރު ނުވަނީސް އޭނާ ބީތާވެގެން ވެއްޓިއްޖެއެވެ.

މަޑުމަޑުން މިއުވާނު ހޭއެރިއެވެ. ބޮލުގައި ރިހުމެއް ހުރިކަމުގެ އިޙްސާސް ކުރެވެންފެށީ ދެނެވެ. ލޯ ހުޅުވާލަން އުޅެ އެކަމެއް އޭނާއަކަށް ނުވިއެވެ. ކަނުބަނދެފައިކަން އިނީ އޭނާއަށް އެނގުނެވެ. ގޮނޑިއެއްގައި އިނދެވުނުއިރު އޭނާގެ ދެއަތްވަނީ ފުރަގަހަށް ގެންގޮސް ބަނދެފައެވެ. ދެފައި ވެސް ތަޅުވާނުލެވުމުން އެނގުނީ އޭނާގެ ދެފައި ވެސް ވަނީ ގޮނޑީގެ ފަޔާލައި އައްސާފައި ކަމެވެ. އޭނާގެ އަނގަތެރެ ފުރިފައިވަނީ ކޮންމެވެސް ކަހަލަގެ ފޮތިގަނޑަކުންނެވެ. މިއުވާނުގެ ހިތުގެ ހިނގުން އަވަސްވިއެވެ. ސައިކަލުގައި އައި ދެ މީހުން އޭނާއަށް ހަމަލާދިންކަމުގެ ހަނދާން އާވިއެވެ. އެކަން ހިނގީ އޭނާ ދިރިއުޅޭ ގޭ ދޮރުމަތިންނެވެ. ޚަބަރު ހުސްވުމުން އެމީހުން އޭނާ ނަގައިގަނެގެން ގެނައީކަން ޔަގީނެވެ. ބާރު އަޑަކަށް ނުވިޔަސް ދޮރެއް ހުޅުވި ލެއްޕުނު އަޑު އިވުނެވެ. އެވަގުތު ދޮރުގެ އަނެއްކޮޅުގައި ބަޔަކު އުޅޭކަމުގެ ހިލަންވިއެވެ. އޭނާ ދެން ހަނދާންވީ ފައިސާ ދަބަހެވެ. އަނެއްކާ މީ ފޭރެން އުޅޭ ގުރޫޕެއްބާއޭ މިއުވާނުގެ ހިތަށް އެރިއެވެ. ނަމަވެސް ސިކުނޑި އެކަން ޤަބޫލެއް ނުކުރިއެވެ. ފޭރެން އުޅޭ ބަޔަކުނަމަ ފައިސާ ދަބަސް ޖަހައިގަނެގެން ދާނީއެވެ. އޭނާ ރަހީނު ކުރުމުގެ ވިސްނުމެއް ނުހުންނާނެއެވެ. މިވަނީ ކިހިނެއްކަމާމެދު އޭނާ ވިސްނަމުންދިޔައިރު އިނީ ނުހަނު ޖެހިލުންވެފައެވެ. ލިބިދާނޭ އަނިޔާއެއްގެ ސަބަބުންނެވެ.

ކުރީން ވެސް ހުޅުވުނު ދޮރު އަނެއްކާވެސް ހުޅުވުނުކަން މިއުވާނަށް އެނގުނެވެ. މީހަކު އޭނާގެ ކައިރިއަށް އަންނަކަން ވެސް މިއުވާނަށް އެނގެއެވެ. ޖެހިލުންވުން ސިއްރުކޮށް ހިތް މަތަކުރުމުގެ ގަސްދުގައި އޭނާ އަވަސްއަވަހަށް ހިންދިރުވާލިއެވެ. ނަމަވެސް އެކަން ވެސް ފަސޭހަކަމަށް ނުވީ އަނގައިގެ ތެރެއަށް ކޮށްޕާފައި އޮތް އެއްޗެއްގެ ސަބަބުންނެވެ. އެހިނދު އޭނާގެ އަނގައިގަ އޮތް ފޮތިގަނޑުގައި މީހަކު ހިފިކަމުގެ އިޙްސާސްވިއެވެ. އެމީހާ އެ ފޮތިގަނޑު ދަމައިގަތުމުން މިއުވާނަށް އަނގަލައްޕާލެވުނެވެ. ދަތްތައް ޖައްސާ ބާރުކޮށްލެވުނެވެ. އަނގަ ލައްޕާނުލެވި އިންނަން ޖެހުމުން ވަނީ ވާޅުވެފައެވެ.

"ކާކު؟." މިއުވާނަށް ވާހަކަދެއްކުމުގެ މިނިވަންކަން ލިބުނީމާ އާހާލިއެވެ.

"ސުވާލުކުރާނީ އަހަރެން. ކަލެއަށް އޮތީ ޖަވާބު ދިނުން." އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެވެ. އަދި އެމީހާ މިއުވާނުގެ ލޯމަތީ ބަނދެފައި އޮތް ފޮތިކޮޅު ވެސް ނަގައިފިއެވެ.

ކުއްލިއަކަށް ލޮލަށް އަލިއެޅުމުން މިއުވާނަށް ދެ ލޯ ހުޅުވައެއް ނުލެވުނެވެ. ތަނުގައި ހުރި އައްޔަށް ހޭނެން ވަގުތުކޮޅެއް ނެގިއެވެ. އޭނާއަށް ތަންތަން ފެންނަން ފެށުމުން ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އޭނާ އިނީ ބަންދު ކޮޓަރިއެއްގެ ތެރޭގައެވެ. އޭނާގެ ކުރިމަތީ ހުރި މޭޒާއި ގޮނޑި ފިޔަވައި އެތަނުގައި އެއްވެސް އެއްޗެއް ނެތެވެ. ހަތަރުފަރާތުގައިވީ ހުދު ފާރުތަކެވެ. އެކަމުގެ ސަބަބުން ވެސް އެ ކޮޓަރިތެރެ ވަކިން އަލިހެން ހީވެއެވެ. މިއުވާނުގެ ސަމާލުކަން އަތުލީ ފާރުގައި ހުރި ބޮޑު ފޯމްބޯޑެވެ. އޭގައި ހަރުކޮށްފައި ހުރި ފޮޓޯތަކެވެ. އެ ފޮޓޯތަކުގައިވާ މީހުން ވަނީ އެކަކާއިއަނެކަކުގެ ގުޅުން އެނގޭނޭހެން ވަކިކޮށް ތަރުތީބު ކުރެވިފައެވެ. އެތަނުގައި މިއުވާނުގެ ޢާއިލާގެ މެންބަރުންގެ ފޮޓޯ ހުއްޓެވެ. ހުރިހާ މީހުން ވަކިކުރާން ނޭނގުނަސް މިއުވާނަށް އެ ފޮޓޯ ސެޓުން ތިން އަންހެންކުއްޖަކު ވަކިކުރާން އެނގުނެވެ. އެތަނުން އެއް ފޮޓޯގައި ފެންނަން ހުރީ މަލަކްއެވެ. އަދި އެ ފޮޓޯ ސެޓުތެރޭގައި މަލަކްގެ ދައްތަގެ ފޮޓޯ ވެސް ހުއްޓެވެ. ތިން ވަނަ ފޮޓޯއަކަށް އޭނާއަށް ވަކިކުރާން އެނގުނު އަންހެންކުއްޖަކީ މަލަކްގެ ކުރީން އޭނާ ގުޅޭން މަސައްކަތްކޮށްފައިވާ އަންހެންކުއްޖާއެވެ. އެ އަންހެންކުއްޖާ މިހާރު ވަނީ ރާއްޖޭން ބޭރުގައެވެ. އޭނާގެ ޢާއިލާ މީހުންނާއެކީ ބަދަލުވާން ޖެހުނީއެވެ. އެ ފޮޓޯތަކުގެ ސަބަބުން މިއުވާނުގެ ދެބުމަ ކައިރިވެލިއެވެ. ސުވާލުތަކުން ސިކުނޑި ފުރިގެން އައެވެ. އޭނާ ރަހީނުކޮށްގެން މިއުޅެނީ އާދައިގެ ބައެއްނޫންކަން އޭނާގެ ޟަމީރު ވެސް ދެނެގަތެވެ.

"ކަލޭމެން ދޯ މަށަށް ފާރަލަނީ. ކޮބާ ބޭނުމަކީ." މިއުވާނަށް ރުޅިއާދެވުނީ ބޭއިޚްތިޔާރުގައެވެ. ކަޅު އެއްޗެހީގައި ތިބޭ ބަޔަކު އޭނާއަށް ފާރަލާހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު އެކަން ޔަގީން ކުރެވޭގޮތެއް ނުވިއެވެ. އެހެންވިޔަސް މިހާރު މިއުވާނަށް ޔަގީންވެއްޖެއެވެ. ފާރުގައި ހުރި ބޯޑުގައި އެވަނީ އޭނާއާ އެކިގޮތުން ގުޅުން އޮތް މީހުންކަން މިއުވާނަށް ދެނެގަންނަން އެނގިއްޖެއެވެ.

"މިއުވާނު. ވާހަކަދައްކާނީ އަހަރެން." ކުރިމަތީ ހުރި މޭޒުދޮށުގައި އެ މީހާ އިށީންނަމުން މިއުވާނުގެ ނަން ކިޔާލީ ނުރައްކާތެރި ހަރުކަށި ކަމަކާއެކު އެހާމެ ބާރަށެވެ. އޭނާ ގެންގުޅުނު ފައިލުން މޭޒުމަތީ ޖެހިއެވެ. ހީވީ މިއުވާނުގެ ސަމާލުކަން ހޯދަން ކުރިކަމެއް ހެންނެވެ. އެ މަޤްޞަދުގައިނަމަ އެކަން ފުރިހަމަވިއެވެ. މިއުވާނުގެ ނަޒަރު ވަގުތުން އެ ޒުވާނާއަށް ހުއްޓި ހިމޭންވެއްޖެއެވެ.

އެއީ އިސްކޮޅުން ދިގު ބިޔަ ހަށިގަނޑެއް ލިބިފައިވާ ފިރިހެނެވެ. ބޮލުން ފެށިގެން ފަޔާ ހަމައަށް ހުރީ ކަޅު އެއްޗެހީގައެވެ. ގަޔަށް ހިފާލައިފަ ހުރި އަތްދިގު ޓީޝާޓުން އޭނާގެ ވަރުގަދަ މަސްތައް އެ ހުރީ ފެންނާށެވެ. ބޮލާއި މޫނު ވެސް ވަނީ ނިވާކޮށްފައެވެ. ދެ އަތްތިލައަށް ކަޅު އަންގިއެއް ލައްވާފައެވެ. މިއުވާނުގެ ކުރިމަތީ އިންއިރު ހަމައެކަނި ފެންނަނީ އޭނާގެ ދެ ލޯ އެކަންޏެވެ. އޭނާގެ ނަޒަރު މިއުވާނަށް ހުއްޓިފައި ހުރިއިރު އެ ދެ ލޮލުން ފާޅުވަނީ ޖެހިލުންކުޑަ ރަޙުމެއްނެތް ގަދަފަދަ އަނިޔާވެރިއެއްގެ ސިފައެވެ. މީ އޭނާއާ މީގެ ކުރީން ދިމާފައިނުވާ މީހެއްކަން އޭނާގެ ހިތް ބުންޏެވެ. މިފަދަ ނުރައްކާތެރި މީހަކާ އެންމެ ފަހަރަކު ބައްދަލުވީ ނަމަވެސް މިއުވާނު އުމުރަށް ހަނދާން ހުންނާނޭކަން ޚުދު އޭނާއަށް އެނގެއެވެ. މިއުވާނު ބަލަހައްޓައިގެން އިންދާ އެ މީހާ މޭޒުމަތީ ބޭއްވި ފައިލް ހުޅުވާލައިފިއެވެ.

"މީނަގެ މަތިން ހަނދާން އެބަހުރިތަ؟." ފައިލް ތެރެއިން ނެގި ފޮޓޯ މިއުވާނަށް ފެންނަ ހިސާބު ކައިރިއަށް ޖައްސާލަމުން އެ މީހާ ސުވާލުކުރިއެވެ.

މިއުވާނުގެ ނަޒަރު މޭޒުމަތީ އޮތް ފޮޓޯއަށް ހުއްޓުނެވެ. އެއާއެކު އޭނާއަށް އެ މާޒީގެ ހަނދާންތައް އިއްޔެވީ ކަމެއްހެން އިޔާދަވެގެން އައެވެ. ކުޑަކުޑަ މޫނުކޮޅެއް ލިބިފައިވާ އަންހެންކުއްޖާގެ އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށާލާފައެވެ. ނަމަވެސް އެ އަންހެންކުއްޖާ ފެންނަ މީހަކަށް އެންމެ ފުރަތަމަ ވެސް ފާހަގަވާނީ އޭނާގެ ރަތް އިސްތަށިގަނޑެވެ. މިއުވާނު އެ މަލުން ފޮނިބޯލިއިރު އެއީ ނުފޮޅިއިން މަލެކެވެ. އޭނާ ވަނީ އެ އަންހެންކުއްޖާގެ މައުސޫމްކަމުން ފައިދާ ނަގާފައެވެ. ހަނދާނުން ފުހެލާން އުނދަގޫވީ ސަބަބެއް ކަމުގައިވީ އޭނާގެ ދަރިއަކަށް އެ އަންހެންކުއްޖާ ބަލިވެ އިނީމައެވެ. އެއީ މިއުވާނުގެ ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯހެވެ. އަދި އަންހެންކުއްޖަކު އޭނާގެ ދަރިއަކަށް ބަލިވެއިން ފުރަތަމަ ފަހަރެވެ. މިއުވާނުގެ ނަޒަރު ފޮޓޯއިން ވަކިވެ ކުރިމަތީ އިން މީހާއަށް އަމާޒުކޮށްލިއެވެ.

"ނީމްއާ އަހަންނާ އެއްވެސް ގުޅުމެއްނެތް." ޖެހިލުންވީލެއް ބޮޑުކަމުން މިއުވާނު ބުނެލީ ނިކަން އަވަސްއަރުވާލާފައެވެ.

"އެހެންވީމަ ކަލޭ އޭނާއަށް ހެދިގޮތް ހަނދާން އެބަހުރިތާ." އެއްވެސް އަސަރެއްނެތް ގޮތަކަށް އެމީހާ ބުންޏެވެ. އެއާއެކު މިއުވާނު ބޯޖަހާލައިފިއެވެ.

"އަހަރެން އޭނާއާ ކައިރިއެއްނުވަން." މިއުވާނު ޔަގީންކަންދޭން ދެވަނަ ފަހަރަށް ވެސް ބުންނެވެ.

އެ މީހާ މިއުވާނަށް ބަލަން އިނދެފައި ހީނގަތެވެ. އެ ހުނުމުގައިވީ މަލާމާތުގެ އަސަރެވެ. ރުޅިއައި ނަމަވެސް މިފަހަރު މިއުވާނު ބުއްދި އިސްކުރިއެވެ. މިވަގުތު އޭނާ އެ އިނީ އެމީހުންގެ އަތްދަށުވެފައިކަން ވިސްނިއެވެ. ބުނެވޭ އެއްޗަކުން ކަންތައް ގޯސްވެދާނޭކަމެވެ.

* * * * *

ގެއަށް ވަދެވުނު ގޮތަށް ދައްޔާނު އައީ ކޮއްކޮގެ ކޮޓަރިއަށެވެ. އެ ކޮޓަރީގައި އޭނާ ޓަކި ދިނެވެ. ނަމަވެސް ހިލަމެއް ނުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ. ހުރީ ތަޅުނުލައެވެ. ދައްޔާނު އެ ކޮޓަރިއަށް ވަނެވެ. ހެޑްފޯނު އަޅައިގެން ޓީވީ ކުރިމަތީ ގޭމް ކުޅެން އިން ދާނިއު ބަލާލީ ކޮޓަރީގެ ދޮރު މީހަކު ހުޅުވީމައެވެ. އޭނާ އަވަހަށް ޓީވީ ނިއްވާލަން އުޅުނީ މަންމަ ވަނީއޭ ހީވެގެންނެވެ. ނަމާދަށް ނުގޮސް ދެ ނަމާދު ދޭތެރޭ އޭނާ ގޭމް ކުޅެން އިންކަން އެނގިއްޖެއްޔާ ހަޅޭލަވާނޭކަން ދާނިއުއަށް އެނގެއެވެ.

"ޔާނުބެތަ؟." ހެޑްޕޯނު ނަގަމުން ދާނިއު ބުނެލިއެވެ.

"އަހަރެން ނޫޅޭ ގަޑީގަ އަހަރެންގެ ކޮޓަރިއަށް ވަނިން ދޯ." ހަޤީޤަތް އެނގިހުރެ ވެސް ދައްޔާނު ސުވާލު ކުރިއެވެ. ދާނިއުގެ މޫނުން ފާޅުވީ ހައިރާންކަމެވެ.

"ނުވަންނަން." ދާނިއު ބުންޏެވެ.

"އަހަރެންގެ ކޮޓަރިއަށް ވަންކަން އެނގޭ." ދައްޔާނު ބުންޏެވެ.

"އަހަންނެއް ޔަގީނުން ވެސް ނުވަންނަން. އަހަންނަށް އެނގޭ ދޮންބެ ވެސް ނުވަންނާނެކަން. އޭނާ އަހަންނަށް ގޮވަންވިޔަސް ފޯނުކުރާ މީހެއް އެއީ. އަހަންނަށް އެނގިގެން ޔާނުބެ ކޮޓަރިއަށް ވަންނަ ބަޔަކީ މަންމައާއި މާނުބެ. އަހަރެން ދުށީން މާނުބެ ވަންނަނިކޮށް." ދާނިއު ބުންޏެވެ.

އެއްޗެކޭ ނުބުނެ ދައްޔާނު އިރުކޮޅަކު ހުރެފައި އެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. އަދި ހަލުވި ފިޔަވަޅުގައި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އައިސް އިށީން ގޮތަށް ހަށިފުރާ ދިގު ނޭވާއެއް ދައްޔާނު ދޫކޮށްލިއެވެ. ނިތްކުރީން ފެށިގެން ފަހަތަށް ވާހެން ދެ އަތްތިލަ އިސްތަށިގަނޑު ތެރޭ ހިންގާލިއެވެ. ދާނިއު ހާމައެކުރީ ދައްޔާނު ދެނަހުރިކަމެކެވެ. އޭނާގެ ކޮޓަރިއަށް ވަންނަ ބަޔަކީ މަންމައާއި މިއުވާނު އެކަންޏެވެ.

"މާނުބެ އެވަރުގެ ކަޑަކަމެއް އެކުރީ ކީއްވެ. އަހަރެން މަލްއާ ރުޅިނުވެގެންތަ؟. ކޮންއިރަކު މާނުބެ މަލްގެ ފްރެންޑަކަށްވީ. އަހަރެން ކައިރީ އެއްފަހަރު ވެސް މަލްއާ މީޓުކުރި ވާހަކައެއް ނުބުނޭ. އެ ވީޑިއޯ ނަގައިގެން މަލް ބްލެކްމެއިލް ކުރަނީ މާނުބެކަން ޔަގީން. އަހަރެން ކުރިކަމެކޭ މަލްއަށް ވިސްނައިދޭން ކުރިކަމެއްތަ... އަހަރެންމީ މަލް ނަމަވެސް އެންމެ ފުރަތަމަ ކުށްވެރިކުރާނީ އަހަރެން. އަހަރެން މަލްއާ ކްލޯޒްވީ އޭނާއަށް ދެރައެއްދޭކަށްނޫން.... އިޓް ޖަސްޓް ހެޕެން... މަލްއަށް މިއުވާނަކީ އަހަރެންގެ ބޭބެކަން އެނގިއްޖެއްޔާ ވާނީ ކިހިނެއް. އަހަރެމެން ރާވައިގެން ކުރާކަމެކޭ އޭރުން މާބޮޑަށް ހީވާނެ. އަދި ބްލެކްމެއިލްކޮށް ލާރި ވެސް ދޭން އެ އުޅެނީ މަލްގެ ކުރިމަތީ ރަނގަޅުވާންވެގެން. މިހާރު ވެސް މަލް ދެކެނީ މިއުވާނަކީ އޭނާގެ ސޭވިއާކަމުގައި. މިކަން މިހެން އޮއްވާ އަދި ކޮބާ މަލްގެ ދައްތަގެ އެކްސިޑެންޓް. އަހަންނަށް ކީއްމިކުރެވުނީ... މާނުބެއަށް އެހާ އިތުބާރުކުރިން. އެކަމަކު މާނުބެ އެ އުޅެނީ ހުރިހާކަމެއްގައި އަހަރެން ބައްދާލަން." ދައްޔާނުގެ ހިތަށް އަރާ ފައިބަމުންދިޔަ ޚިޔާލުތަކުގައި އޭނާއަށް ދަތްކުނޑިވިކާލެވުނެވެ.

ފޯނު ނެގި ގޮތަށް މިއުވާނަށް ދައްޔާނު ގުޅިއެވެ. ނަމަވެސް ފޯނު އޮތީ ނިވާލާފައެވެ. އޭނާ ހަނދާންވީ މަލަކް ވެސް މިއުވާނަށް ނުގުޅިގެން އުޅުން ކަމެވެ. ފޫހިކަމާއެކު ޗަސްޖަހާލުމާއެކު ދައްޔާނު ބޮލުގައި ކަނާއަތްތިލަ ހިންގާލިއެވެ. އޭނާގެ ސިކުނޑި ފަޅައިގެން ހިނގައިދާނޭ ހީވަނީއެވެ.

"ކޮންމެތާކު އުޅުނަސް މިރޭ ނިދަން އަންނާނެއެއްނު." ދަތްކުނޑިވިކާލައިގެން އިނދެ ދައްޔާނު ބުނެލިއެވެ. އޭނާ ގަސްދުކުރީ މިއުވާނު ގެއަށް އައުމުން ކުރިމަތިލާށެވެ. މިއުވާނު އެ ކުޅޭ ކުޅިގަނޑުގެ މަޤްޞަދު އޮޅުންފިލުވާށެވެ. އަދި މަލަކްއަށް ހުރިހާކަމެއް ކިޔާދޭށެވެ. މަލަކްގެ ގާތުން މަޢާފަށް އެދޭށެވެ.

* * * * *

ކޮޓަރިން ނުކުތުމުގެ ކުރީން މައިރާގެ މޫނުގައި ރަޒާ ބޮސްދިނެވެ. އޭނާ ލަހެއް ނުވެ އަންނާނޭކަން ބުންޏެވެ. އޭނާ އަންނަންދެން އެކަނި ކޮޓަރީގައި ނީނދެ މަންމަ ނޫނީ މާޔަލް ކައިރީ މަޑުކުރާން ރަޒާ ބުންޏެވެ. ފިރިމީހާގެ ވާހަކަތަކަށް މައިރާ ބޯޖެހިއެވެ. ދެމަފިރިން އެކުގައި ކޮޓަރިން ނުކުތެވެ. ބަދިގޭގައި އުޅުނު އާމާލްއަށް ގޮވާލައި ރަޒާ ބުނީ އޭނާ ބޭރަށް ގޮސްލާފައި އެބައަންނަން ކަމެވެ. ދަނބިދަރިފުޅު އެބުނި އެއްޗެއް އާމާލް ދެނެގަތެވެ. އޭނާ އާމާލް ގާތުން އެ އެދުނީ މައިރާއަށް ބެލުމަށެވެ.

ސައިކަލުގައި ރަޒާ ނައްޓާލީ އޭނާގެ ޢާއިލާ ކައިރިއަށް ދާށެވެ. އިރުކޮޅެއް ކުރީން މަމްދޫހު އޭނާއަށް ގުޅާފައި މަންމަ ގޭގައި ހުރި ކަމާއި ރަޒާއާ މަންމަ ވެސް ވާހަކަދައްކަން ބޭނުންވާކަން ބުނީއެވެ. އެ ކޯލަށްފަހު ފުރަތަމަ ކަމަކަށް ރަޒާ ކުރިމަކީ ދައްތަ ޖުނާއަށް ގުޅުމެވެ. އެމީހުންގެ ތެރެއިން ޢާއިލާއާ ދުރުވި އެންމެ ފުރަތަމަ މީހަކީ އެއީއެވެ. އެހެންވިޔަސް ރަހިމުގެ ގުޅުން ކަނޑައެއް ނުލެވޭނެތާއެވެ. ރަޒާ އެދުނީތީ ގެއަށްދާން ޖުނާ އެއްބަސްވިއެވެ. ގެއާ ދިމާއަށް ރަޒާ އައީ ޖުނާމެން ގޭ ދޮށަށް ގޮސް އޭނާ ނަގައިގެންނެވެ.

"ކޮންވާހަކައެއް ދައްކަންތަ؟." ސައިކަލުން ފޭބި ގޮތައް އަނެއްކާ ވެސް ޖުނާ އަހާލައިފިއެވެ.

"އިހަށް ގެއަށް ވަންނަމާ. އެންމެންގެ ތެރޭ ބުނާނަން." އެޕާޓްމެންޓް ހުރި އިމާރާތާ ދިމާއަށް އިޝާރާތްކޮށްލަމުން ރަޒާ ހިނގައިގަތެވެ.

"ލާރި ދޭކަށް އަހަންނަކަށް ނުލިބޭނެ. ތި ޢާއިލާގެ އެއްވެސް ކަމެއްގަ އަހަރެން ބައިވެރިވާން ބޭނުމެއްވެސް ނޫން." ރަޒާއާ އެއްވަރަށް ހިނގަމުން އައި ޖުނާގެ އަޑުގައިވީ ފޫހިކަމެވެ.

"ތި ޢާއިލާއޭ ބުނާއިރު އެއީ ދޮންތަގެ ވެސް ޢާއިލާކަން ހަނދާންނައްތާނުލާ." ރަޒާ މިހެންބުނީ މަޑުމައިތިރިކޮށެވެ. ޖުނާއަށް ވިސްނޭނެ ކަމަށެވެ.

ދެބެން އެކީގައި އިމާރާތުގެ ލިފްޓަށް އެރިއެވެ. އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް އެ ލިފްޓު އައިސް މަޑުކުރިއެވެ. ރަޒާ ކުރިއަށް ހުރެ ލިފްޓުން ނުކުތެވެ. އޭނާގެ އަތުގައި އޮތް ތަޅުދަނޑިފަތިން އެޕާޓްމެންޓުގެ މައިދޮރު ހުޅުވާލިއެވެ. އޭނާއާއެކު ގޭތެރެއަށް ޖުނާ ވަންތަން ފެނުމުން ސިޓިންރޫމު ސޯފާގައި އިން މަމްދޫހަށް ލިބުނީ ހައިރާންކަމެވެ.

"މަގު އޮޅިގެން މިގެއަށް ވަން މީހެއްތަ ރަޒާ ފަހަތުގަ ތިހުރީ." މަމްދޫހު ބުންޏެވެ. އެއަޑު އިވުނު ކަމަށް ރަޒާ ނުހެދިއެވެ. މަންމަ ފެންނަން ނެތުމުން ރަޒާ ސުވާލުކުރިއެވެ. ކޮޓަރީގައިކަން މަމްދޫހު ބުންޏެވެ.

"ދޮންބެދައްތަ ކޮބާ. އެންމެން ތިބެން އަހަރެން ބޭނުން." ރަޒާ ބުންޏެވެ.

"ލިއު ބުނީ އޭނާ ނެތަސް ރަނގަޅުވާނޭ. އަހަރެން މި އިނީނު." މަމްދޫހު ބުންޏެވެ.

"އެގޮތް ކަމަކުނުދާނެ. ދޮންބެއެއްނޫން ދޯ ގޭތެރޭގައި އަބަދު އުޅޭ މީހަކީ. މިގޭ ތެރޭގައި ހިނގާ ކަންކަން ދޮންބެއަކަށް ނޭނގޭނެ. ގޮވާ ދޮންބެދައްތައަށް. ބުނޭ އަހަރެން ބުނިއްޔޭ. މިތާ އެންމެން ތިބެންޖެހޭނެ. އަންނާނަން މަންމައަށް ގޮވާފައި." މިހެންބުނެ ރަޒާ ހިނގައިގަތީ އިނާޔާގެ ކޮޓަރިއާ ދިމާއަށެވެ.

(ނުނިމޭ)