ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވީ ހަނި އަގުލަބިއްޔަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދެއް ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދެއްކެވި ވާހަކަފުޅުތަކަށް "ކޮމެންޓް" ނުކުރައްވާނެ ކަމަށެވެ. އެކަމަކު ބިލް ފާސްވީ ހަނި އަޣުލަބިއްޔަތުކަން ނުވަތަ ނޫންކަން ބިލް ފާސްކުރުމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދުން އެނގޭނެ ކަމަށް ވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވާއިރު މިއުވާން ވިދާޅުވީ ބިލު އޮތީ އަނބުރާ ފޮނުވަންޖެހޭ ގޮތަށް ނޫން ކަމަށާއި ބިލު މަޖިލީހުން ފާސްކުރުމަށްފަހު ރައީސް އޮފީހަށް ލިބުމުން ބިލު ބެއްލެވުމަށްފަހު ތަސްދީގު ކުރައްވާނެ ކަމަށެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެެވެ.
ބިލު ފާސްވުމުން ރައީސް ނަޝީދު ވިދާޅުވީ އެ ބާވަތުގެ ގާނޫނުތަކަށް ބިލުތަކަށް ބޮޑު އަގުލަބިއްޔަތެއް ގާނޫނު އަސާސީ ލާޒިމުކުރާ ކަމަށެވެ.
"އިއްޒަތްތެރި މެންބަރުން ވިސްނަވައިފިއްޔާ އެނގިވަޑައިގަންނަވާނެ، މި ބާވަތުގެ ގާނޫނުތަކަށް، ބިލުތަކަށް، ގާނޫނު އަސާސީ އެބަ ލާޒިމުކުރޭ ވަރަށް ބޮޑު އަގުލަބިއްޔަތެއް. މިއަދު ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލު މިވަނީ ފާސްވެފައި. އެކަމަކާ އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރާނެ. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ބައްލަވާނެ މި ފާސްވި ހަނި އަގުލަބިއްޔަތު." ރައީސް ނަޝީދު ވިދާޅުވި އެވެ.
ޓެކްސް ބޮޑުކުރަން ބުދަ ދުވަހު ފާސްކުރީ ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްވެ ރައީސް ސޯލިހަށް ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 14 މެންބަރު ހިމެނިވަޑައިގަންނަވަ އެވެ.
ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.
ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.