ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެއްކި މެނިފެސްޓޯ ކަމަށާއި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކަ ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިމަހުގެ އެއްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކަ އެބައޮތް ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މިއަދު އަވަސް އަށް ވިދާޅުވީ 2018ގެ ކޮންގްރެސްގައި ނިޒާމީ ވޯޓަކަށް ދާން އެއްބަސްވެފައި ނުވާނެ ކަމަށާއި މިއަހަރުގެ ކޮންގްރެސްގައިވެސް ނިޒާމީ ވޯޓަކަށް ދާން އެއްބަސްވެފައި ނެތް ކަމަށެވެ.
"ނިޒާމީ ވޯޓާމެދު އުފެދުނު ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށްލީ އެކަމާ މެދު ވާހަކަ ދައްކަން އެއްބަސްވެގެން. އެއް ގޮތަކަށްވެސް ވަކި ކަމަކަށް ނުވަތަ ވަކި ގޮތަކަށް ނިޒާމްގެ ވޯޓު ނަގަން އެއްބަސްވެގެންނެއް ނޫން،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ސަރުކާރުން ތަންފީޒުކުރަމުން އަންނަ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެއްކި މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންތައް ކުރަމުންދާ ކަމަށެވެ.
"އާސްކް ސްޕީކާ"ގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކުރިން ވެރިކަމުގެ ނިޒާމު ކަނޑައެޅުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށެވެ. އެކަން މެނިފެސްޓޯގައިވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ކުރިން ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ނަގަންޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވެސް ބުނެފައިވާ ކަމަށެވެ.
މި ސަރުކާރުގެ އެންމެ ފަހު އަހަރުގެ ތެރޭގައި މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަހައި ގާނޫނުތަކަށް އިސްލާހު ގެނަންޖެހޭ ކަމަށް އަދާލަތު ޕާޓީން ވެސް ހުށަހެޅި ކަމަށާއި އަދާލަތު ޕާޓީއާއި އެމްޑީފީން ހުށަހަޅުއްވާފައިވާ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުކުރާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ވެސް ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.