މިނިސްޓްރީ އޮފް އެޑިއުކޭޝަން

ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރުން ސަސްޕެންޑް

އއ. އުކުޅަހު ސުކޫލުގެ ތިން ޓީޗަރަކު ކުދިންނަށް ނަށަން ދަސްކޮށްދޭން އެއްބަސްނުވުމުން ސަސްޕެންޑް ކޮށްފި އެވެ.

އުކުޅަހު ސްކޫލުގެ ބައެއް ބެލެނިވެރިންގެ ފަރާތުން އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޗަރުން ސަސްޕެންޑު ކޮށްފައިވަނީ އުކުޅަހު ސްކޫލު ކޮންސެޓުގައި ދަރިވަރުންނަށް މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

މިމައްސަލައިގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ޓީޗަރުން ސަސްޕެންޑް ކަރިކިއުލަމް ތަންފީޒުކުރުމަށް ދެކޮޅު ހެދުމުން އިދާރީ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

"ކަރިކިއުލަމް ތަންފީޒުކުރުމަކީ ޓީޗަރުންގެ ޒިންމާއެއް. އުކުޅަހު ސްކޫލުގެ މުދައްރިސުން ސަސްޕެންޑް ކުރެވުނީ އެ މަސްއޫލިއްޔަތު އަދާކުރަން ދެކޮޅު ހެދީމާ،" ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވި އެވެ.

މިއުޒިކަށް ނަށަން ދަސްކޮށްދިނުމަށް ހަތަރު ޓީޗަރަކު ދެކޮޅު ހެދި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ސްކޫލުގެ ޕްރިންސިޕަލް، ޓީޗަރުންނާ ވާހަކަދެއްކުމަށްފަހު ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހަދާފައިވަނީ ތިން ޓީޗަރުންނެވެ. އަދި އެ ޓީޗަރުން ވަނީ ހަތް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑު ކޮށްފައިވާ ތިން ޓީޗަރުންނަކީ ވެސް އުކުޅަހު ޕްރީ ސްކޫލުގައި ކިޔަވައިދޭ ޓީޗަރުންތަކެކެވެ.

މި މައްސަލައާއި ގުޅިގެން އުކުޅަހު ސްކޫލްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.