މޯލްޑިވްސް ޕޮލިސް ސާވިސް

ފުވައްމުލަކުގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ހުޅުވައިފި

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ފުރަތަމަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ފުވައްމުލަކުގައި މިއަދު ހުޅުވައިފި އެވެ.

ފުވައްމުލައް ސިޓީގައި އޮތް ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުއްވައި ދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގު އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މަންނާން ވިދާޅުވީ މިހާރު އޮތް ޖުވެނައިލް ޖަސްޓިސް ސިސްޓަމުގެ ދަށުން ދެވަނަ ފަހަރަށް ކުށެއް ކޮށްގެން ކުޑަކުއްޖަކު ގެނެވޭހިނދު އެކުއްޖަކު ބަންދުގައި ބައިންދައިގެން ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެ ކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރެވޭ ކަމަށެވެ. އެއީ ކުރިން އަމަލުކުރަމުން ދިޔަ ގޮތެއް ނޫނެވެ.

"ކުޑަކުދިން ކުރާ ކުށްތައް މަދުކުރުމަށް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރަން. އުންމީދަކީ ކުޑަކުދިންނަކީ ކުށްތަކާ ދުރުވެ މުޖުތަމައަށް ބޭނުންތެރި ދަރިންތަކަށްވެގެން ދިއުން،" މަންނާން ވިދާޅުވި އެވެ.

މި މަރުކަޒުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި، ލައިބްރަރީއަކާއި، ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓަރު ލެބެއް ވެސް ގާއިމުކޮށްފައިވެ އެވެ.