ބޭންކް އޮފް މޯލްޑިވްސް

ކޮވިޑްގައި ގެއްލުންވި މީހުންނަށް އަނެއްކާވެސް ބީއެމްއެލްގެ ލޯނު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން އަނެއްކާ ވެސް އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެސް ބީއެމްއެލް އިން ވަނީ އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފަ އެވެ.

މި ލޯނުގެ ދަށުން ވިޔަފާރިތަކަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ލޯނަށް ކަނޑައެޅިފައިވަނީ ހަ ޕަސަންޓްގެ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބެ އެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ފަހަރުގެ ފުރުސަތުގައި ކުރިމަތި ނުލެވޭނެ އެވެ.

މި ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.