ބޮލީވުޑް

މީނާކްޝީ އާއި ސަންތޯޝީގެ ކައިވެނި ނުކުރެވުނީ ކީއްވެ؟

މީނާކްޝީ ޝެޝާދްރީ އަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް ވިދާލި ބަތަލާ އެކެވެ.

ފިލްމީ ފަރުދާއިން މީނާކްޝީ ގެއްލުނީ 1995ގައި ހަރީޝް މައިސޯރޭ ކިޔާ މަހުޖަނަކާ ކައިވެނިކޮށް އޭނާއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީމަ އެވެ.

މި ދެމަފިރިންނަށް އަންހެން ދަރިއަކާއި ފިރިހެން ދަރިއަކު ލިބި އެ ކުދިން ވެސް މިހާރު ތިބީ ބޮޑުވެފަ އެވެ. އެހެންވެ އަލުން ބަލުން ފިލްމީ މަސައްކަތް ފެށުމުގެ ޝައުގުވެރިކަމުގައި މީނާކްޝީ ވަނީ އަނެއްކާވެސް އިންޑިއާގެ މުމްބައި އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

މީނާކްޝީ، 59، އެންމެ ޒުވާން ދައުރުގައި އަދި އޭނާގެ ފިލްމީ ހަޔާތުގެ އެންމެ އަލިގަދަ ދުވަސްތަކުގައި އޭރުގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ ރާޖްކުމާރު ސަންތޯޝީ އާއި އޭނާގެ ލޯބީގެ ވާހަކަ ވަރަށް މަޝްހޫރުވި އެވެ. އަދި މީނާކްޝީއާ ކައިވެނިކުރަން ސަންތޯޝީ ވަރަށް ގަދަފައި ވިއްދާލައިގެން ވެސް އުޅުނެވެ. ނަމަވެސް އޭނާގެ ލޯތްބަށް ހުރަސްއެޅީ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ ކަމަށްވެ އެވެ.

ސަންތޯޝީ ޑައިރެކްޓަރެއްގެ ގޮތުގައި 1990ގައި އުފެއްދި ފުރަތަމަ ފިލްމު "ގާޔަލް"ގެ ބަތަލާއަކީ ވެސް މީނާކްޝީ އެވެ. މި ފިލްމުގެ ބަތަލަކީ ސަނީ ޑެއޯލް އެވެ. މި ފިލްމަށް ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބިފައި ވެއެވެ. އަދި އެ އަހަރުގެ ގިނަ އެވޯޑުތައްވެސް ގެންދިޔައީ މި ފިލްމެވެ. އޭގެ ފަހުން ސަންތޯޝީ އުފެއްދި ކާމިޔާބު އެތައް ފިލްމެއްގެ ބަތަލާކަން އޭނާ ދިނީ މީނާކްޝީ އަށެވެ.

މީނާކްޝީ އާ ކައިވެނިކުރުމުގެ ބޭނުމުގައި އޭނާގެ އާއިލާއާ ބައްދަލުކުރަން ކޮލްކަތާ އަށް ވެސް ސަންތޯޝީ ދިޔަ ކަމަށް ވެއެވެ. ނަމަވެސް އެ ދުވަސްވަރު އެ ދެ މީހުންގެ މެދުގައި ކޮންމެވެސް މައްސަލަތަކެއް ޖެހި ދެ މީހުން ވަކިވާން މަޖުބޫރުވީ އެވެ.

ދާދިފަހުން މީނާކްޝީ ދީފައިވާ އިންޓަވިއު އެއްގައި ބުނި މި ވާހަކަތަކުގެ ތަފްސީލު ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި އެ މީހުންގެ މެދުގައި ޖެހުނު މައްސަލައެއް ޖެހުނީ 1993 ވަނަ އަހަރު "ދާމިނީ"ގެ މަސައްކަތް ފެށިތަނާ އެވެ.

"އަހަރެމެންގެ މެދުގައި ޖެހުނު މައްސަލަތަކަށްފަހު 'ދާމިނީ' ކުރިއަށް ނުގެންދެވި ހުއްޓުނީ. އެހެންވެ އަހަރެމެންގެ މައްސަލަތަކުގެ ތެރެއަށް ޔާޝް ޗޯޕްޅާ އާއި އަމްޖަދު ޚާން ވަރަށް މަސައްކަތުން 'ދާމިނީ'ގެ މަސައްކަތް އަލުން ފެށޭ ގޮތްވީ،" މީނާކްޝީ ބުންޏެވެ.

މީނާކްޝީ ބަތަލާގެ ބައި ކުޅެފައިވާ "ދާމިނީ"ގެ ވާހަކަ ލިޔެ ޑައިރެކްޓްކޮށްފައިވަނީ ސަންތޯޝީ އެވެ. ރިޝީ ކަޕޫރާއި ސަނީ ޑެއޯލް ބަތަލުގެ ބައި ކުޅުނު މި ފިލްމު ޕްރޮޑިއުސްކުރީ ޔާޝް ޗޯޕްޅާ އެވެ.

"ސަންތޯޝީ އާއި އަހަންނަށް ވެސް ގަބޫލުކުރެވުނު އަހަރެމެންގެ މެދުގައި ހުރި މައްސަލަތައް އެއްފަރާތްކޮށްފައި 'ދާމިނީ" އަކީ މޮޅު ފިލްމަކަށް ހަދަން މަސައްކަތްކުރުން މާރަނގަޅުވާނެ ކަމަށް. އަދި އެ ވާހަކަތައް އިތުރަށް ނުދައްކަން އަހަރެމެން އެއްބަސްވިން. ސަބަބަކީ ދެ މީހުންގެ ޒާތީ ވާހަކަތައް މީޑީއާ އަށް ކިޔައިދީގެން އެކަކު އަނެކަކުގެ އަބުރު ކަތިލަން ބޭނުން ނުވާތީ. މިހާރު އަހަރެމެން ދެ މީހުން އެހެން ދެ މީހަކާ ކައިވެނިކޮށް ދަރިން ލިބި އެ ދަރިން ވެސް ބޮޑެތި ވެއްޖެ. އެހެންވީމާ މިހާރު އެ ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި އެ ސިއްރުތައް އެގޮތުގައި އޮތުން ރަނގަޅުވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ،" މިނާކްޝީ ބުންޏެވެ.

"ދާމިނީ" އަކީ ވެސް ގިނަ ބަޔެއްގެ ހަނދާނުން ފޮހެނުލެވޭ ވަރުގެ މޮޅު ފިލްމެކެވެ. ޚާއްސަކޮށް ސަންތޯޝީގެ ޑައިރެކްޝަން އާއި މިނާކްޝީގެ އެކްޓިން މި ފިލްމުގައި އާދަޔާޚިލާފު މޮޅެވެ. އެ އަހަރުގެ ގިނަ އެވޯޑުތަކެއް "ދާމިނީ"އަށް ލިބުން މީގެ ރަނގަޅު ހެއްކަކަށް ފުދެ އެވެ.

ދެ މީހުންގެ ލޯބީގެ ހަޔާތަށް ނިމުން އައި ފަހުން ވެސް އެމީހުންގެ މެދުގައި ޕްރޮފެޝަނަލް ގުޅުން އޮތެވެ. އަދި އޭގެ ފަހުން ސަންތޯޝީ ޑައިރެކްޓްކުރި "ގާޓަކް"ގައި ވެސް މިނާކްޝީ ބަތަލާގެ ބައި ކުޅެފައި ވެއެވެ.

ފިލްމީ މަސައްކަތާ ދުރަށް ދިޔަތާ 25 ވަރަކަށް އަހަރު ފަހުން މިނާކްޝީ އެނބުރި އިންޑިޔާއަށް އައީ ފިލްމު ކުޅެން އަލުން ބަލުން ފެށުމުގެ ޝައުގުވެރިކަމުގައި ކަމަށް މިނާކްޝީ ބުންޏެވެ.

"އަހަރެން އަލުން ފިލްމު ކުޅެން ބޭނުން. އަދިވެސް ހިތްހަމަޖެހޭ ވަރަށް ފިލްމީ މަސައްކަތް ނުކުރެވޭ ކަމުގެ އިހްސާސް އަބަދުވެސް އަހަރެންގެ ހިތުގައި އޮވޭ. އެހެންވެ ފިރިމީހާ އާއި ދަރިން އެމެރިކާގައި ބައިތިއްބާފައި އެކަނި އިންޑިޔާއަށް ބަދަލުވީ. މިހާރު ޓެކްނޮލޮޖީ ފުޅާވެފައިވާ މިންވަރުން ކޮންމެ ވަގުތެއްގައި ވެސް އެމީހުން ފެނި ވާހަކަ ދައްކާލާނެ ފުރުސަތު ލިބޭތީ އެމީހުން ދޫކޮށްފައި މި އައީ،" މިނާކްޝީ ބުންޏެވެ.

މީނާކްޝީ ބުނި ގޮތުގައި ކޮންމެ ކަހަލަ ރޯލެއް ކުޅެން ވެސް އޭނާ ތައްޔާރެވެ. އޭނާގެ އޮތް ހަމައެކަނި ޝަރުތަކީ އެއީ ވަރަށް ވަރުގަދަ ކެރެކްޓާއަކަށް ވުމެވެ.