ވިޔަފާރި

އިސްލާމިކް ބޭންކިން ޕްރޮމޯޓް ކުރަންވީ ބާއްޖަވެރިކަން ގެނެސްދޭ ނިޒާމެއްގެ ގޮތު: މިނިސްޓަރު

Jan 22, 2015

އިސްލާމިކް ބޭންކިން ޕްރޮމޯޓް ކުރަންވީ މީހުންނަށް ބާއްޖަވެރިކަން ގެނެސްދޭ ނިޒާމެއްގެ ގޮތުގައި ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އިން އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފު ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ އިސްލާމިކް ބޭންކާމެދު ދެކެންވީ އީޖާބީ ގޮތެއްގައި ކަމަށާއި، މި ނިޒާމު ޕްރޮމޯޓްކުރަންވީ މީހުންނަށް އިގްތިސާދީ ގޮތުން ފުދުންތެރިކަން ގެނެސްދޭ ނިޒާމެއްގެ ގޮތުގައި ކަމަށެވެ.

"އިސްލާމިކް ބޭންކިންގެ ނިޒާމަކީ އެހެނިހެން ބޭންކިންގެ ނިޒާމުގެ މައްޗަށް ދެކޮޅުވެރި ނިޒާމެއްގެ ގޮތުގައި ދެކެގެން ނުވާނެ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމިކް ބޭންކިންއަކީ ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކޮށްފައިވާ ނިޒާމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ދުނިޔޭގެ އިގްތިސާދީ އާލަމުގެ ތެރެއިން ފެނޭ 350 ގިނަ އިސްލާމިކް ބޭންކް. ދުނިޔޭގެ ކޮންވެންޝަނަލް ބޭންކިންގެ ތެރެއިން 140 އަށްވުރެ ގިނަ އިސްލާމިކް ބޭންކް އެބަހުރި. ރާއްޖޭގެ ހާލަތަށް ބަލާއިރު މި ނިޒާމަށް ލިބޭ އިތުބާރު ދަނީ ބޮޑުވަމުން. އަމިއްލަ ކުންފުނިތަކުން ވެސް އިސްލާމީ މާލީ ނިޒާމަށް ދަނީ ނުކުންނަމުން،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފު ވެގެން ދަނީ ސަރުކާރުގެ ބޮޑު އެއްބާރުލުމެއް ލިިބިގެން ކަމަށެވެ.